ކުޑަކުދިން އިނގިލި ކުރީގައި ލައިގެން ނުކުމެވަޑައިގެން ބޮޑެތި ގައުމުތަކާ ޖެހިގަންނަން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ކުރައްވާ މަސައްކަތްތަކަކީ ވަރަށް ނުބައި އަހުލާގެއް އެކުދިންނަށް އުނގަންނައިދިނުމަށް ކުރައްވާ ހުތުރު މަސައްކަތެއް ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިހެން ވިދާޅުވީ، އައިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލީޝަނުން އިންޑިއާ އައުޓްގެ ނަމުގައި ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތުގައި، އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓެއް ލައްވައިގެން ކުޑަ ދެކުދީން ކައިރި ކުރައްވައިގެން ހުންނަވައި، ރައީސް ޔާމީން ނަންގަވާފައިވާ ފޮޓޮއެއް ޝެއާ ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

އެ ޓުވީޓުގައި ވައްޑެ ވިދާޅުވީ، ގަތަރު ފަދަ އިސްލާމީ އުހުއްވަތްތެރި ގައުމުތަކާއި، އަދި ކޮމަންވެލްތު ފަދަ ރާއްޖެއަށް އެހީތެރިވާ ބޮޑެތި ޖަމިއްޔާތަކާ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ގުޅުން ކަނޑުއްވާލައްވާފައިވާ ކަމަށެވެ.

އެފަދަ ރައީސަކު "ކުޑަކުދިން އިނގިލި ކުރީ ލައިގެން ނުކުމެ ބޮޑެތި ގައުމުތަކާ ޖެހިގަންނަން އުޅޭ އުޅުމަކީ، ވަރަށް ނުބައި އަހުލާގެއް އުނގަންނައިދޭން ކުރާ ހުތުރު މަސައްކަތެއް،" ކަމަށް ވައްޑެ ވިދާޅުވިއެވެ.

ރާއްޖެ އާއި ގަތަރާ ދެމެދު އޮތް 33 އަހަރުވީ ސިޔާސީ ގުޅުން ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި ކުއްލި ގޮތަކަށް ރާއްޖެ އިން ކަނޑައިލިއެވެ. އެ ގައުމާއެކު އޮތް ގުޅުން ކަނޑައިލަމުން އޭރުގެ ސަރުކާރުން ބުނެފައިވަނީ، ގަތަރުން ޓެރަރިޒަމަށް އެހީތެރިވާ ކަމަށެވެ.

ނަމަވެސް ގަތަރާ އަކުން ގުޅުން ގާއިމު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދީފައިވާ ކަމެކެވެ. އެގޮތުން ރާއްޖެއިން ގަތަރާ ގުޅުން ގާއިމު ކުރުމަށް ޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ގައުމަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވައިފައެވެ.

މި އަހަރުގެ މާޗް މަހުގެ ރޭގައި އެމަނިކުފާނު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލްޘާނީއާ ވެސް ވަނީ ބައްދަލުކުރައްވައިފަ އެވެ.

ހަމައެގޮތަށް ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ގައި ރާއްޖެ ކޮމަންވެލްތުންވެސް ވަކިވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ގައުމީ ސިޔާދަތު ހިމާޔަތްކުރުމަށްކަމަށެވެ.

ބައިނަލްއަގްވާމީ އެހެން ޖަމިއްޔާތަކަށްވުރެ ބޮޑަށް ކުދި ގައުމުތަކުގެ މައްސަލަތަކަށް ފަރިތަ ކޮމަންވެލްތުގައި ދިވެހިރާޖެއިން ފުރަތަމަ ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ.

ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ފުރިހަމަ ތާއީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އަލުން ވަނީ ކަނޑައަޅައިފައެވެ.