ރ. އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ފެށޭވަރު ވާނީ އަންނަ އަހަރުގެ ޖޫން މަހުގައި ކަމަށް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރ. އުނގޫފާރު ބިން ހިއްކުމާ ބެހޭގޮތުން އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓާ ވިދާޅުވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ޝެޑިއުލްއެއް ތައްޔާރުކޮށްފައިވާ ކަމަށާއި އެއީ އަންނަ އަހަރުގެ ޖޫން މަހަށްކަމަށެވެ. ޝެޑިއުލް ތަރުތީބުކުރެވިފައިވާ ގޮތަށް މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެމްޓީސީސީން ގެންގުޅެނީ ހަތަރު ޑްރެޖާ، އޭގެ ތެރެއިން އެއް ޑްރެޖަރަކީ ހޮޕާ ސަކްޝަން ޑްރެޖަރެއް، އަނެއް ތިން ޑްރެޖަރަކީ ކަޓާ ސަކްޝަން ޑްރެޖަރެއް، އެކަތި އެއީ ވަރަށް ކުޑަ ޑްރެޖަރެއް، ބިން ހިއްކުމުގެ ބައެއް މަސައްކަތްތައް ކުރިއަށް ގެންދަނީ ކަޓާ ސަކްޝަން ޑްރެޖަރުން އެއީ އެގޮތަށް ބިން ހިއްކެން އޮންނަ ރަށްރަށުގައި، އުނގޫފާރަކީ ހޮޕާއިން ހިއްކޭނެ ރަށެއް، ހޮޕާއިން ހަތް ރަށެއް ހިއްކުމަށް އެބައިން ލިސްޓްކުރެވިފައި" މިނިސްޓާ އަސްލަމް ވިދާޅުވިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 1150 މީޓަރުގެ ރިވެޓްމަންޓަކާއި 75 މީޓަރުގެ ގްރޮއިން އެޅުމަށްވެސް ހަމަޖެހިފައިވެއެވެ.