އެމްޑީޕީއަކީ ސަދަގާތު ފައުންޑޭޝަން ހިނގިހެން ހިންގާ ޕާޓީއަކަށް ވާކަށް އެޕާޓީގެ މެމްބަރުން ނޭދޭ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އެއްކޮޅުން ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ކެމްޕެއިން މެނޭޖަރު އަދި އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ސަދަގާތު ފައުންޑޭޝަނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން) އިސްވެ ހުންނަވައިގެން އެކިކަންކަމުގައި އެހީތެރިވުމަށް ކުރިއަށްގެންދެވި ފައުންޑޭޝަނެކެވެ. އެމްޑީޕީންނާއި ރައީސް ޔާމީނާ ދެކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެ ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ، ސަރުކާރުގެ ފައިސާ ބޭނުންކޮށްގެންނެވެ.
މިހާރު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގެ ކެމްޕެއިންގައި އިންތިއާ އިދިކޮޅު ކެންޑިޑޭޓު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ރައްދުކުރައްވައި ވައްޑެ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފެންނަހާ މީހެއް ކައިރީގައި އެސްއެމްއީ ލޯނު ދޭނަމޭ ކިޔައިގެން ދޮގު ހަދަމުން އެ ކުރައްވާހާވެސް ކަމަކީ، އެމްޑީޕީގެ ކުރިއަށްއޮތް ހުރިހާ އިންތިހާބެއް ނަގައިލުމުގެ ހީލަތްތެރި މަސައްކަތް ކަމަށެވެ.
އެމްޑީޕީ މެމްބަރުން ޕާޓީ ހިންގަން ބޭނުންވަނީ ގްރާސްރޫޓްގެ ޝައުގާއި ފޯރިއާއި ޖޯޝު އަލުން ގެނުވައިގެން ކަމަށެވެ. އެކަން ކުރެވޭނީ ޕާޓީގެ ސިޔާސަތުތައް ފުރިހަމައަށް ހިންގައިގެން ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު މިމަހު 14 ގައި ބާއްވަން ހަމަޖެހިފައިވާ އިރު، ކެމްޕެއިންގެ ފޯރި ވަނީ ވަރަށް ގަދަވެފައެވެ.
މި އިންތިހާބުގައި މިނިސްޓަރު ފައްޔާޒް ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަަނުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އެ އިންތިހާބުގައި ވާދަކުރައްވަނީ އިންތިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު