ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތައް، އެމްޑީޕީގެ ފިކުރާއި އަސާސްތަކާ އެއްގޮތަށް އަނބުރައިލުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމދު ނަޝީދުގެ ފެކްޝަނުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މިގަރާރު މަޖިލީހަށް ހުށަހެޅުއްވީ ރައީސް ނަޝީދުގެ ފެކްޝަންގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވައިފައެވެ.
މި ގަރާރުގައި ބުނެފައިވަނީ މި ސަރުކާރުގައި އެމްޑީޕީގެ ބޮޑު ހިއްސާއެއް އޮތް ނަމަވެސް ކަންތައްތައް ހިންގަމުން ދަނީ އެމްޑީޕީގެ މެނިފެސްޓޯ އާއި ސިޔާސަތުތަކާއި ވައުދުތަކާ އިދިކޮޅަށް ކަމަށެވެ.
އެމްޑީޕީގެ މެނިފެސްޓޯގައިވާ މައިގަނޑު ގިނަ ސިޔާސަތުތަކާއި ޕާޓީގެ ވިސްނުންތަކާ ކަނޑައެޅިގެން ދެކޮޅަށް ގަސްދުގައި ސަރުކާރުގެ ސިޔާސަތުތައް ގެންގުޅުމަކީ އެމްޑީޕީގެ މެންބަރުންނާއި ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ނުހަނު ކަންބޮޑުވުމާއި ނުރުހުން އޮތް ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ ވައުދާއި މަސްވެރިކަމާ ބެހޭ ވައުދާއި ފަތުރުވެރިކަމާއި ގެސްޓުހައުސް ވިޔަފާރި ފުޅާ ކުރުމުގެ ވައުދުތަކުގެ އިތުރުން ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމުގެ ވައުދާއި ސަރުކާރު ވިޔަފާރިތައް ކުޑަކޮށް އަމިއްލަ ވިޔަފާރި ފުޅާ ކުރުމުގެ ސިޔާސަތުތައް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން އެކަންތައްތައް ހިމެނޭހެން ސަރުކާރުގެ ހުރިހާ ސިޔާސަތެއް އެމްޑީޕީގެ މެނިފެސްޓޯއާ އެއްގޮތަށް އަނބުރާލައި، އެމްޑީޕީގެ އަމާޒަށް ސަރުކާރު ވާސިލުވުމަށް ގަރާރުގައި ވަނީ ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު