ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓެއް ހޮވަން ޕްރައިމަރީއެއް ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ހުސެއިން ވަހީދު މިދިޔަ އަންގާރަ ދުވަހު އަވަހާރަވުމާ ގުޅިގެނެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް ހާލުކޮޅު ބޮޑުވެގެން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް، ހުސެއިން ވަހީދު އަވަހާރަވީ އުމުރުން 53 އަހަރުގައެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕްރައިމަރީ ބާއްވާނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އަދި ޕްރައިމަރީގައި ބައިވެރިވާން އެދޭ ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.
މި އިންތިހާބުގެ ވޯޓްލުން ކުރިއަށް ދާނީ މިމަހު 27 ވަނަ ދުވަހު ހެންދުނު 10:00 އިން ހަވީރު 5:00 އަށް އެދާއިރާއެއްގެ ރަށްރަށުގައި އަދި މާލޭގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ކަމަށްވެސް އެޕާޓީން ބުންޏެވެ.
އިލެކްޝަން ކޮމިޝަނުން، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުއެވެ. އަދި އެ ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 30ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
އާންމު އިންތިހާބުގެ ގާނޫނޫގައިވާ ގޮތުން އިންތިހާބީ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް ލާޒިމުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު