ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ އެލަވަންސް މުރާޖައާ ކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން މިހާރު ދެނީ 2،000 ރުފިޔާގެ އެލަވަންސެކެވެ. އެ އެލަވަންސް 5،000 ރުފިޔާއަށް ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހެޅުމަށް ވެސް ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންތަކެއް ދާދިފަހުން ވަނީ މަސައްކަތްތަކެއް ފަށައިފައެވެ.
ރައީސް ސޯލިހު މިއަދު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ލޯފަން މީހުންނާ ބައްދަލުކުރައްވައި އެމީހުންނަށް ދަތިވާކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި، ބައެއް ލޯފަން މީހުންނާއި އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ އިތުރުން އެންސްޕާގެ އިސްވެރިން ބައިވެރިވިއެވެ.
އެ ބައްދަލުވުމުގައި އެންސްޕާއިން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރު އެކުލަވައިލުމާއި، އެ ދަފުތަރު ބެލެހެއްޓުމުގެ ގަވާއިދު ގެޒެޓު ކުރުމާ ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ނުކުޅެދުންތެރިކަން ހުންނަ މިންވަރު ކަނޑައަޅައި "ޑިސްއެބިލިޓީ ސިވިއާނަސް" އަށް ބަލައި ދެވޭ އެލަވަންސް މުރާޖައާ ކުރުމުގެ މަޝްވަރާތައް ފިނޭންސް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީއާއެކު ކުރަމުންގެންދާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ބައިވެރިވި އެހެން ފަރާތްތަކުން މައިގަނޑު ގޮތެއްގައި ފާހަގަކުރީ ދިރިއުޅުމުގެ ހަރަދުތަކަށް ބަލާއިރު މިހާރު ދެމުންދާ އެލަވަންސް ކުޑަ ކަމަށާއި އެކަމުގެ ސަބަބުން ދިމާވާ ދަތިތަކުގެ ވާހަކަތައް ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފޯރުކޮށްދޭންޖެހޭ ފަރުވާއާއި، އިތުރު ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޯދުމުގައި ގޮންޖެހުންތަކެއް ހުރުމާއެކު، މާލީ އެހީތެރިކަން އިތުރުވެގެން ދިއުމަކީ އެކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް ބައިވެރިން ފާހަގަކޮށްފައިވާ ކަމަށެވެ.
ރައީސް ސޯލިހު ވަނީ ބައްދަލުވުމުގެ ބައިވެރިން ހުށަހެޅުއްވި ކަންކަމަށް ރިއާޔަތްކޮށް އެކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ އެލަވަންސް މުރާޖައާ ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެންސްޕާ އިން ބުނި ނަމަވެސް، އެލަވަންސް ބޮޑުކުރާނެ އަދަދެއް އަދި ނިންމައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު