މާލޭ ސިޓީ ކައުންސިލުން ޕާކިން ސްލޮޓްތައް ދޭނެ ފަރާތްތައް ކަނޑައަޅާފައި ވަނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަންގައިގެން އަލުން ގުރުއަތުލުން ބާއްވަން ނިންމައިފިއެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް މިރޭ "ވަން" އަށް ވިދާޅުވީ އެ ކޮމިޝަނަަށް އެ މައްސަލަ ހުށަހެޅުމުން އިދާރީ ގޮތުން ފުރިހަމަނުވެ ހުރި ކަންކަން ފުރިހަމަކުރުމަށްފަހު އަލުން ގުރުއަތުލުން ބޭއްވުމަށް ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.
މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަކޮށް ހުޅުވާލި 211 ޖާގައަށް ކުރިމަތިލީ މީހުންގެ މެދުގައި މިމަހު ފަސް ވަނަ ދުވަހު ނެގި ގުރުއަތުލުމުގެ ކަންކަން ހުއްޓާލައި އަލުން އެކަން ކުރިއަށް ގެންދަން އޭސީސީން އެންގުމުން އަލުން ގުރުނެގުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމައިފައެވެ.
އެގޮތުން މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އަލުން ގުރުއަތުލުމަށް ނިންމާފައިވާއިރު ކުރިން ނެގުނު ގުރުއަތުލުމުގެ ބައްދަލުވުމުގައި ހޮވިފައިވާ ފަރާތްތައް ކެންސަލު ކުރެވިފައިވާ ކަމަށެވެ.
ޕާކިން ސްލޮޓް ދޫކުރުމަށް އިދާރީ ގޮތުން ނިންމަންޖެހޭ ކަންކަން ނިންމުމަށްފަހު އަލުން ގުރުއަތު ނެގުމުގެ ބައްދަލުވުން ބާއްވާނެ ދުވަހަކާއި ގަޑިއެއް ފަހުން އިއުލާނު ކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ޕާކިން ސްލޮޓުތައް ދޫކުރުމުގެ ގުރު ނެގުމުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީ ކައުންސިލަރުން މީގެ ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ 211 ސްލޮޓަށް ކުރިމަތިލީ 969 ފަރާތުގެ ތެރެއިން އެ ގުރު ނަގާތަން ލޮލުން ދެކި، އަތުން ހިފުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު އޮންނަންވާނެ ކަމަށާއި ގުރެއް ނަގާއިރު ގުރުގައި ބައިވެރިވާ ފަރާތްތަކަށް ހާޒިރުނުވެވޭ ގޮތަށް އެކަން ކުރުމަކީ އައިބު ކަމެއް ކަމަށެވެ.
ގުރުއަތުލުން ކުރިއަށް ގެންދިޔައީ އެ މަސައްކަތް ކުރުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލި ކޮމިޓީއަށް ނޭނގި، އެ ކޮމިޓީގެ ބައިވެރިވުން ނެތި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. މި މައްސަލަ އޭސީސީއަށް ވެސް ހުށަހެޅީ އެމްޑީޕީގެ ފަރާތުންނެވެ.
ރޭ ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދެވުނީ އެންމެ ރަނގަޅުގޮތަށް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު