އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިހާރު ތިއްބެވި ތިން މެންބަރުން އެ ކޮމިޝަނުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އިއުލާން ކުރުމަށްފަހު ގަވާއިދުގައިވާ ގޮތުގެ މަތިން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއަހަރުގެ ފަހުރު ދައުރު ނިންމައި ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ މަޖިލީހުގެ 31 މެންބަރުން ސޮއިކޮށް ޖަލްސާ ބާއްވައިދިނުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހުށަހެޅުއްވުމާ ގުޅިގެން ބޭއްވި ޖަލްސާއެކެވެ.
މި ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިއީ އެމްޑީޕީގެ 31 މަޖިލިސް މެންބަރުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް އެދި މަޖިލީހުގެ ގަވާއިދުގައިވާގޮތުގެމަތިން ހުށަހަޅާފައިވާތީ ބާއްވާ ޖަލްސާއެއް ކަމަށެވެ.
އެ މެންބަރުން އެދިވަޑައިގެންފައި ވަނީ އޭސީސީގެ މެންބަރުން ވަކި ކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ގަވާއިދުގެ 210 ވަނަ މާއްދާގައިވާ އިޖުރާއަތު ކުރިއަށް ގެންދިއުމަށް، މަޖިލީހުގެ ގަވާއިދުގެ 210 ވަނަ މާއްދާގެ ދަށުން ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވައި ދިނުމަށް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ގަވާއިދުގެ 210 ވަނަ މާއްދާގެ (ށ) ގައި ބުނަނީ މުސްތަގިއްލު މުއައްސަސާތަކުގެ މެންބަރުންނާއި، މުސްތަގިއްލު މަގާމުތަކުގައި ތިބޭ މީހުން މަގާމުން ވަކި ކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެކަން މަޖިލީހުގެ ރައީސް މަޖިލީހުގައި އިއުލާން ކުރުމަށްފަހު ބަހުސް ކުރުމަކާ ނުލައި އެ މައްސަލަ ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވަން ވާނެ ކަމަށެވެ.
އޭސީސީގެ މެންބަރުން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވަނީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.
އެ ކޮމިޓީން ފާސްކޮށް އެ މެންބަރުން ވަކިކުރަން މަޖިލީހަށް ހުށަހެޅީ، އެ ކޮމިޝަންގެ މަސައްްކަތްތައް އެދެވޭ ގޮތަށް ކުރިއަށް ނުދާ ކަމަށް އޮޑިޓް އޮފީހުން ކުރި ޕާފޯމެންސް އޮޑިޓް ރިޕޯޓުން ހާމަވާތީއެވެ.
މަޖިލިސް ގަވާއިދުގެ 210 ވަނަ މާއްދާގެ (ނ) ގައި ބުނެފައި ވަނީ، މުސްތަގިއްލު މުއައްސަސާތަކުގެ މެންބަރުންނާއި، މުސްތަގިއްލު މަގާމުތަކުގައި ތިބޭމީހުން މަގާމުން ވަކި ކުރުމުގެ މައްސަލަ ކޮމިޓީން ދިރާސާކޮށް، ކޮމިޓީ ރިޕޯޓު މަޖިލީހަށް ހުށަހެޅުމުން، އެ މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސް ކުރެވޭނީ ގިނަވެގެން ދެގަޑިއިރު ކަމަށެވެ. އެފަރާތްތައް ވަކި ކުރުމަށް ވޯޓަށް އަހަންވާނީ އެފުރުސަތު ދިނުމަށްފަހުގައި ކަމަށްވެސް ގަވައިދުގައި ބުނެފައިވެއެވެ.
މަޖިލިސް ރައީސް މިއަދު ވިދާޅުވީ، މި މައްސަލަ ކޮމިޓީން ދިރާސާ ކުރަމުންދާއިރު، އޭސީސީގެ މެންބަރުން ޖަވާބުދާރީ ވުމުގެ ފުރުސަތު ކޮމިޓީއަށް ދެވޭނެ ކަމަށެވެ. ކޮމިޓީއަށް ވަޑަގެންނާއި، ލިޔުމުން ޖަވާބުދާރީ ވުމުގެ ދުރުސަތު އެ ބޭފުޅުނަށް ދެވޭނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހުށަހަޅާފައިވާ ގޮތަށް އޭސީސީގެ މެންބަރުން ވަކި ކުރުމުގެ މައްސަަލަ މަޖިލިސް ތަޅުމުގައި އިއުލާން ކުރުމަށްފަހު އެ މައްސަލަ ދިރާސާ ކުރުމުގެ ފުރުސަތު ކޮމިޓީއަށް ދޭން ވަނީ ނިންމައިފައެވެ.
އެހެންކަމުން އޭސީސީގައި މިހާރު ތިއްބެވި ތިން މެންބަރުން ކަމަށްވާ އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނާއިބު ރައީސް ފާތުމަތު އަނޫލާ އާއި މެންބަރު އާއިޝަތު އަބުދުﷲ މެންބަރުކަމުން ވަކި ކުރުުގެ މައްސަލައާ މެދު މަޖިލިސް ތަޅުމުން ދެން ގޮތެއް ނިންމާނީ އެ މައްސަލަ ދިރާސާކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހެޅުމުންނެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އޭސީސީގެ މެންބަރުކަމުން އަލީ އަޝްރަފު ވަނީ ޕާފޯމަންސް އޮޑިޓު ހެދުމާ ގުޅިގެން މި ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު އިސްތިއުފާ ދެއްވައިފައެވެ. އަދި އެ ކޮމިޝަންގެ މެންބަރުކަމުން އިބްރާހިމް ޝަކީލް މިއަދު ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް