ހައުސިން ޑިވޮލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އަށް ހަވާލުކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރި ދުވަހާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޖަލްސާ ބާއްވަން ހުއްދަ ދިން ދުވަސް ދިމާވީ އިއްތިފާގަކުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު ރޭ "ސަންގު ޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ހުޅުމާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ގެނައުމާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާ ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)ގެ އިތުރުން ރައްޔިތުންގެ މަޖިލީހާ ވެސް މަޝްވަރާކުރައްވައިފައި ވާނެ ކަމަށެވެ. ޑރ. މުއިއްޒު ވިދާޅުވީ، ރައީސާ އެކު ބޭއްވި ބައްދަލުވުމުގައި ހުޅުމާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ހަވާލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށާއި، ނަމަވެސް އަމަލުން އެކަން ކުރައްވައިފައި ނުވާ ކަމަށެވެ.

ހުޅުމާލޭގެ ރަޖިސްޓްރީ އެޗްޑީސީގައި އޮތުމުން ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުން ފޯރުކޮށްދޭން ޖެހޭ ގިނަ ހިދުމަތްތަކެއް ފޯރުކޮށް ނުދެވޭތީ އާއި އެކަންކަން ހައްލުކުރުމުގެ ގޮތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއެކު ކުރިއަށްދިޔަ ބައްދަލުވުންތަކުން ވެސް އެދެވޭ ނަތީޖާ ނުނިކުތުމުން ކައުންސިލުން އެކަން ހައްލުން ކުރަން މިދިޔަ މަހުން ފެށިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ލާމަރުކަޒީ ގާނޫނުގައި ބުނާ ކޮންމެ ހަފުތާއެއްގައި ބާއްވަން ޖެހޭ ބައްދަލުވުމުގައި ރަޖިސްޓްރީ ބާތިލުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާ ކަމަށާއި، އިއްތިފާގަކުން ރަޖިސްޓްރީ ބާތިލުކުރަން ނިންމި ބައްދަލުވުން އޮތީ އިދިކޮޅު ކޯލިޝަނުން ޖަލްސާއަށް ހުޅުމާލޭ ފޭސް ދޭއްގައި ޖަލްސާ ބާއްވަން ހުއްދަ ދިން ދުވަހު ކަމަށެވެ.

މޭޔަރު ވިދާޅުވީ، ޖަލްސާ އޮތް ދުވަހާ ދިމާކޮށް ރަޖިސްޓްރީ ބާތިލު ކުރި ކަމަށް ބުނެ ދައްކާ ވާހަކަ އަކީ އެތެރެފުށުން ހިނގާ ކަންކަން ނޭނގި ބޭރުފުށުން ފެންން ކަންކަން އެއީ ހަގީގަތް ކަމަށް ގަބޫލުކުރާ ބަޔަކު ދައްކާ ވާހަކެއް ކަމަށެވެ.

ކުރީ ސަރުކާރުން އެޗްޑީސީއަށް ހުޅުމާލޭގެ ރަޖިސްޓްރީ ދިން ސަބަބު ވެސް ޑރ. މުއިއްޒު ވަނީ ސާފުކޮށްދެއްވައިފައެވެ. އެގޮތުން ޑރ. މުއިއްޒު ވިދާޅުވީ، ކުރީ ސަރުކާރުގައި މާލޭގައި އޮތީ އޭރުގެ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ ކައުންސިލެއް ކަމަށާއި، އެ ކައުންސިލުން ސަރުކާރުން ކުރަން ރާވާ އެއްވެސް ކަމަކަށް އެއްބާރުލުން ނުދޭ ކަމަށެވެ. އެހެންވެ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކައުންސިލުގެ ބާރުތައް ސަރުކާރަށް ނަގަން މަޖުބޫރުވި ކަމަށާއި، އެކަން އެގޮތަށް ނިންމީ ކެބިނެޓާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. އަދި ކެބިނެޓުން ލަފާ ދެއްވީ ކައުންސިލުގެ މަސައްކަތައް ކަމާގުޅޭ މިނިސްޓްރީއަކަށް ހަވާލުކުރަން ކަމަށާއި، އެގޮތަށް ހެދިއިރު އެންމެ ގިނަ މަސައްކަތާ ހަވާލުވާން ޖެހުނީ ހައުސިން މިނިސްޓްރީން ކަމަށެވެ.

އެހެންވެ އޭރު ހުޅުމާލޭގެ ތަރައްގީއަށް މަސައްކަތް ކުރުމުގެ ކަންކަން ހައުސިން މިނިސްޓްރީން ހަވާލުކުރީ އެޗްޑީސީއާ ކަމަށެވެ. އަދި ހުޅުމާލޭގެ ރަޖިސްޓްރީގައި ވަރަށް ސާފުކޮށް ޕަބްލިކް ބިންތަކާއި ރައްޔިތުންގެ އަމިއްލަ ބިންތަކަށް އެޗްޑީސީން ބާރު ނުފޯރުވޭނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭރު ދިން ރަޖިސްޓްރީ ބާތިލުކުރަން ޖެހުނީ، އެ ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް އެޗްޑީސީއިން މުޅި ހުޅުމާލެއަށް ވެރިވެގަތުމުގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގެ ދަށުން މާޅޭ ސަރަހައްދުގެ އިހްތިސޯސް އޮތީ ކައުންސިލުގައި ކަން ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން އެކަން އޮތަސް ސިޓީ ކައުންސިލުން ހުޅުމާލޭގައި ޖަލްސާއެއް، ނައިޓް މާކެޓެއް ނޫނީ ވެޑިންއެއް ބާއްވަން ހުއްދަ ދިނަސް އެޗްޑީސީން އެކަން ހުއްޓުވާ ކަމަށެވެ. ޑރ. މުއިއްޒު ވިދާޅުވީ އެފަދަ ކަންކަން ބާއްވަން ހުއްދަ ދެނީ ޕަބްލިލް ބިން ތަކުގައި ކަމަށާއި އެކަމާ އެޗްޑީސީއަށް ނުބެހެވޭނެ ކަމަށެވެ.

މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން ކައުންސިލުތަކުގެ ބާރު ސަރުކާރަށް ނަގަން ޖެހުނީ މަޖުބޫރު ވެގެން ކަމަށާއި، ނަމަވެސް މިހާރުގެ ކައުންސިލުން ސަރުކާރުން ކުރިއަށް ގެންދާ ހުރިހާ ކަމަކަށް އެއްބާރުލުން ދެއްވާ ކަމަށެވެ. އެހެންކަމުން ކުރީ ސަރުކާރުން ކައުންސިލާ މެދު ކަންތައް ކުރިގޮތުގެ ވާހަކަ ނުދެއްކޭނެ ކަމަށާއި، ޕީޕީއެމްގެ މެޖޯރިޓީ އޮތް މިހާރުގެ ކައުންސިލުން ވެސް އެއްބާރުލުން ދޭން ބޭނުން ނުވާ ކަންކަމަށް ވެސް އެއްބާރުލުން ދޭ ކަމަށެވެ.

އެކަމުގެ މިސާލެއް ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން އުސްފަސްގަނޑަކީ ކައުންސިލުގެ ބިމެއް ކަމަށާއި، ނަމަވެސް އިދިކޮޅުން ކޯލިޝަނުން ބާއްވާ ޖަލްސާއަށް އެތަން ނުދޭނެ ކަމަށް އެންގުމުން ވެސް އެކަމާ ދެކޮޅު ނުހަދާ ކަމަށާއި، އެއީ މި ސަރުކާރުން ފަށާފައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް ހުއްޓެން ބޭނުން ނުވާތީ ކަމަށެވެ. ޑރ. މުއިއްޒ އިތުރަށް ވިދާޅުވީ، ކައުންސިލުގެ ފަރާތުން އެއްބާރުން ނުލިބޭ ކަމަށް ވާނަމަ ސަރުކާރުން ބާރުތައް ނެގިޔަސް މައްސަލައެއް ނެތް ކަމަށެވެ.