ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި އިދިކޮޅުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިން ހަރަކާތްތައް ފުޅާކުރަން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން ކ. ގުރައިދޫ އާއި ތުލުސްދޫއަށް ވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ތަރުޖަމާނު މިއަދު ހަވީރު "ވަން" އަށް ވިދާޅުވީ މާދަމާ ހަވީރު ރައީސް ޔާމީން ގުރައިދުއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ހުކުރު ދުވަހު ތުލުސްދުއަށް ވަޑައިގަންނަވާނެ ކަމަށެވެ.
އެ ދެރަށަށް ރައީސް ޔާމީން ކުރައްވާ ދަތުރުގައި ރަށަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން އެ ކޯލިޝަނުން ބާއްވާ ހަރާކަތްތަކުގައި ވެސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
މިއީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުގެ ސަބަބުން ކުރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
އެމަނިކުފާނު މިނިވަންވެވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރުމުގެ ގޮތުން މި މަހުގެ ތިން ވަނަ ދުވަހު ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ރާއްޖެއަކީ އިންޑިއާގެ ޓައުނެއް ނޫން ކަމަށާއި އިންޑިއާ ސިފައިން ޖެހެނީ ރާއްޖެއިން ފައިބަން ކަމަށެވެ.
ރާއްޖެ އުފެދިފައި އޮތް ގޮތާއި، ރާއްޖޭގެ ނަސްލަށް ބެލިކަމުގައި ވިޔަސް ރާއްޖެއަކީ އިންޑިއާގެ ބައެއް ނޫންކަން ފާހަގަކުރައްވައި ރައީސް ޔާމީން އެ ޖަލްސާގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ އަމަން ބަލަހައްޓަން އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނެ ކަމަށެވެ. އަދި އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށާއި ރާއްޖެއަކީ އިންޑިއާގެ ޓައުނެއްގެ ގޮތުގައި އެގައުމުން ގަބޫލުކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން ބެލުމަށް ގޮވާލައި ހިންގާ ކެމްޕޭނަކީ އެމަނިކުފާނު އަމިއްލަފުޅަށް އިސްނަންގަވައިގެން ކުރިއަށް ގެންދަން ނިންމި ކެމްޕޭނެއް ކަމަށެވެ. އެ ކެމްޕޭން ފަށަން ޖެހުނީ އިންޑިއާއިން ރާއްޖޭގެ ދާހިލާ ކަންކަމަށް ބަސް ބުނެ ބެހެން އުޅޭތީ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.