އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން މަގާމުން ވަކި ކުރުމަށް ޓަކައި، ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ނިންމައިފިއެވެ.

މާދަމާ ހެނދުނު 10 ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ފަށަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވާ ނިންމުން ރިޔާސަތުން އިއުލާން ކުރުން އެކަންޏެވެ.

އޭސީސީ މެންބަރުން ވަކި ކުރުމުގެ މައްސަލައިގައި ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވަން ނިންމާފައި މިވަނީ، ޕާލަމެންޓްގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ގްރޫޕުން އެގޮތަށް ނިންމައިގެންނެވެ.

މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ފަރާތުން މަޖިލީހަށް ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ހުށަހަޅާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމު ވެސް ރޭ ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާ ބުނާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތައް މަޖިލީހުގެ ރައީސް ބާއްވަންވާނެ އެވެ.

އޭސީސީ މެންބަރުން ވަކި ކުރުމަށް މާދަމާ މަޖިލިސް ޖަލްސާއެއް ބާއްވާއިރު، އެ ކޮމިޝަންގެ މެންބަރުން ވަކިކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީންވެސް ވަނީ ފާސްކޮށްފައެވެ.

ކޮމެޓީން މިގޮތަށް ފާސްކުރީ އޭސީސީން ބަލާ މައްސަލަތައް ދިގުދެމިގެން ގޮސް މަސައްކަތްތައް ލަސްވަމުންދާ މައްސަލައިގައި، ހެދި ޕާފޯމަންސް އޮޑިޓަކަށްފަހުގައެވެ.

އޭސީސީ މެންބަރުން ވަކި ކުރުމާމެދު މާދަމާ މަޖިލީހުން ގޮތެއް ކަނޑައަޅާއިރު، އޭސީސީގެ މެންބަރުކަމުން އެ ކޮމިޝަންގެ މެންބަރު އަލީ އަޝްރަފް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ، މަރިޔަމް ޝިއުނާ އާއި ފާތިމަތު އަނޫލާ އާއި އިބްރާހިމް ޝަކީލްގެ އިތުރުން އައިޝަތު އަބްދުﷲ އެވެ.