މިއަދު އިފްތިތާހު ކުރި "ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ" މަޝްރޫއުގެ ދަށުން ތިލަފުށީގައި ދުވާލަކު 500 ތަނުގެ ކުނި ޕްރޮސެސްކޮށް 8.5 މެބަވޮޓްގެ ކަރަންޓް އުފައްދައި ވިއްކޭނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ، "ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ" މަޝްރޫއު އިފްތިތާހުކުރުމަށް މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވެވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު ފެށި ޕްރޮޖެކްޓަކީ ރާއްޖޭގެ ތިމާވެށީގެ ތާރީހުގައި މިހާތަނަށް ފެށި އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށެވެ. މުޅި ޕްރޮޖެކްޓަށް 304 މިލިޔަން ޑޮލަރު ހަރަދުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޕްރޮޖެކްޓަށް ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ އޭޑީބީގެ ހިލޭ އެހީ އާއި ކޮންސެޝަނަލް ލޯނު އަދި އޭއައިއައިބީގެ ކޮންސެޝަނަލް ލޯން އެހީ އާއި ޖަޕާނު ފަންޑްފޯ ޕަވަޓީރިޑަކްޝަންގެ ހިލޭ އެހީގެ އިތުރުން ސަރުކާރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދެ ފިޔަވައްސަކަށް ކުރިއަށްގެންދާ މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ އިންފްރާންސްޓްރަކްޗާ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ތިލަފުށީގެ ބޮޑު ކުނިގޮނޑު އޮތްތަނުން އެއްފަރާތްކޮށް އެތަނުގައި ހާބަރެއް ހަދައި، ތިލަފުށްޓަށް ކުނި ގެންގޮސް ބައިލާނެ ސަރަހައްދު ތަރައްގީކޮށް އެކި ބައިބަޔަށް ކުނި، ވަކި ކުރުމުގެ އިންތިޒާމު ގާއިމު ކޮށްފައިވާ ކަމަށެވެ.
ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރޭގައި، ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން ވ.އަތޮޅުގެ ހުރިހާ ރަށެއްގައި ކުނިކޮށި ގާއިމުކޮށް، މަރާމާތު ކުރެވޭނެ ކަމަށާއި، ކުނި މެނޭޖު ކުރުމަށް އެރަށްރަށަށް އުޅަނދާއި، އެކަމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ އިތުރުން، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވޭސްޓް ޓްރާންފާ ސްޓޭޝަނެއް ގާއިމު ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެ މަސައްކަތްތަކާބެހޭ ކޮންޓްރެކްޓްގައި މިހާރު ސޮއިކޮށްފައިވާނެ ކަމަށާއި، މި ސަރަހައްދުތަކުގެ ކުނި ތިލަފުއްޓަށް ގެންދިއުމަށް ބޭނުންވާ އުޅަނދުފަހަރު ގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
ދެވަނަ ފިޔަވަހީގައި ހިމެނެނީ ވޭސްޓް އެނާޖީ ޕްލާންޓް ގާއިމު ކުރުމުގެ މަސައްކަތް ކަމަށާއި، އެކަމަށް، ސްޕެއިންގެ މަޝްހޫރު އުރުބާސާ ކުންފުންޏާއެކު ސޮއިކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެ އެއްބަސްވުމުގެ ދަށުން އެކުންފުނިން އެތަން އޮޕަރޭޓް ކުރާނީ 15 އަހަރުގެ މުއްދަތަށް ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކޮށް 8.5 މެގަވޮޓާ ހަމައަށް ކަރަންޓް އުފެއްދޭނެ ކަމަށެވެ. އެ ޕްރޮޖެކްޓުގެ ފެސިލިޓީ އޮޕަރޭޓް ކުރުމަށް ހިންގާ ހަރަދު ހޯދުމަށް ހަމަޖެހިފައި ވަނީ، ކުނިން އުފައްދާ ކަރަންޓް ވިއްކައިގެންނާއި، ކުނި އަންދައިގެން ލިބޭ އަޅި ރިސައިކަލްކޮށް ވިއްކައިގެންނާއި އެހިނެން ގޮތްގޮތުން ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އަމާޒަކީ ކުންޏަކީ އާމްދަނީ ލިބޭ ވަސީލަތަކަށް ހެދުން ކަމަށާއި، 2023 ވަނަ އަހަރު ނިމިގެންދާއިރު، ރާއްޖޭގައި އުފައްދާ ކުނީގެ 60 އިންސައްތަ ކުނީގެ މައްސަލަ ހައްލު ކުރެވިގެންދާނެ ކަމަށެވެ.