ނ. މާފަރުގައި ރާއްޖޭގެ މޫސުމާ ބެހޭ ހަވަނަ އޮބްޒަވޭޓަރީ ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
އެ މަޝްރޫއަކީ ރާއްޖޭގެ މޫސުމީ ވިއުގަ ފުޅާކޮށް، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތެކެވެ.
އެންވަޔަރުމެންޓް މިނިސްޓްރީން މިރޭ ބުނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މި ހިދުމަތް ގާއިމުކުރަނީ މެޓް އޮފީހާއި، އައިލެންޑް އޭވިއޭޝަން ގުޅިގެން ކަމަށެވެ. މި މަސައްކަތުގެ ދަށުން މިއަދު ވަނީ އެއާޕޯޓުގައި މޫސުން ބަލާ އާލާތްތައް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިކަމަށް މިނިސްޓްރީން ބުންޏެވެ.
މި ސްޓޭޝަނުގެ އެހީގައި، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ވައިގެ ދަތުރުފަތުރަށް ބޭނުންވާ މޫސުމީ ރިޕޯޓުތައް އިތުބާރާއެކު ލިބެންހުންނާނެކަމަށް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއަކީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމެންޓް ޕްރޮގްރާމް (ޔޫއެންއީޕީ) އާއި "ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ" (ސޯފް) ގުޅިގެން ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ހިންގާ މަޝްރޫއެއްގެ ބައެކެވެ. މި މަޝްރޫއުގެ ދަށުން މާފަރުގައި އާ އޮބްޒަވޭޓަރީއެއް ހެދުމުގެ އިތުރުން، ރާއްޖޭގައި މިހާރު ހުރި މޫސުން ބަލާ ސްޓޭޝަންތަކުގެ ފެންވަރު މަތިކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިހާރު ރާއްޖޭގައި މޫސުން ބަލާ އޮބްޒަވޭޓަރީތައް ގާއިމުކޮށްފައިވަނީ ހުޅުލެ، ހަނިމާދޫ، ކައްދޫ، ކާޑެއްދޫ އަދި ގަމުގައެވެ. މާފަރުގެ އޮބްޒަވޭޓަރީ ފުރިހަމަވުމުން، ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެމްއޯ) ގެ "ގްލޯބަލް ބޭސިކް އޮބްޒަވޭޝަން" މިންގަނޑުތަކަށް ރާއްޖޭގެ މޫސުމީ ނިޒާމު ފެތިގެންދާނެއެވެ.
މީގެ އިތުރުން، މި މަޝްރޫއުގެ ތެރެއިން އައްޑޫ ގަމުގައި ހުންނަ ވައިގެ މަތީ ފަށަލަތަކުގެ މޫސުން ބަލާ "ރޭޑިއޯސޮންޑޭ" ނިޒާމު މަރާމާތުކޮށް، އަލުން ބޭނުންކުރަން ފެށުމަށްވެސް ވަނީ ނިންމާފައެވެ. މި ބަދަލުތަކާއެކު ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ