އަގުހުރި ފައިސާގެ އިނާމުތަކަކާ އެކު ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ އޯޝަން ހެކަތޮން ފަށައިފިއެވެ.

"ދަ މޯލްޑިވްސް އޯޝަން ހެކަތަން" ގެ ނަމުގައި ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ހެކަތޯން ކްރޮސްރޯޑްސް މޯލްޑިވްސްގައި ފެށީ މިއަދެވެ.

އިއްޔެ ފެށި މި ހެކަތޮން ކުރިއަށްދާނީ 17 އަށް ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މެދުނުކެނޑި 48 ގަޑިއިރަށް ހިންގާ ހެކަތޮންގައި ޖުމްލަ 10 ޓީމާކާ އެކު 50 މީހުން ބައިވެރިވެއެވެ. އަދި މީގެ ތެރޭގައި ރާއްޖެއިން ބޭރުގެ އެއް ޓީމް ހިމެނެއެވެ.

30 އޯގަސްޓްގައި މި ހެކަތޯންގައި ރަޖިސްޓްރީ ވުމަށް ހުޅުވާލައި، 30 ސެޕްޓެމްބަރުގެ ނިޔަލަށް 21 ޓީމަކުން ބައިވެރިވުމަށް ހުށަހެޅި ކަމަަށާއި އަދި މީގެ ތެރެއިން ފުރުސަތު ލިބުނު 10 ޓީމްތައް ވަނީ މިއަދު 13:00 ގައި މަސައްކަތް ފަށާފައި ކަމުގައިވެސް އެ މިނިސްޓްރީއިން މައުލޫމާތުދެއެވެ.

މި ހެކަތޮމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ސާފު ފެން ލިބުމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށާއި ތެޔޮ އަންދަންޖެހުމާއި ޕްލާސްޓިކް އުފެއްދުންތައް ބޭނުންކުރުން ފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބެމުންދާ ކަމަށެވެ.

"މިކަންކަމަށް މިހާތަނަށް އެދެވޭ ހައްލެއް ލިބިފައިނުވާ އިރު، އަދި ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް މަދުކޮށް މިކަމަށް ހައްލެއް ގެނައުމަށް އެންމެ އަދާހަމަ ފަހުގެ ޑޭޓާ ބޭނުންވޭ. މިގޮތަށް ޑޭޓާ އެއްކޮށް ބެލެހެއްޓުމަކީ ގޮންޖެހުމެއް. ނަމަވެސް މިހާތަނަށް ދިގު މުއްދަތަކަށް އެއްކުރެވިފައިވާ ޑޭޓާއެއް ނެތް. އަދި މިކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް އޮތް މަގަކީ އެންމެ ފަހުގެ ޑޭޓާ ނުވަތަ މިކަމާ ގުޅޭ މައުލޫމާތު ލިބޭނެ މަގެއް ހޯދުން،" ޝައުނާ ވިދާޅުވިއެވެ.

އެހެންކަމުން އެފަރާތްތައް އެ ހޯދާ މައުލޫމާތު އެންވަރަންމަންޓް މިނިސްޓްރީއަށް ލިބޭނެ ގޮތްތަކާއި ރާއްޖޭގެ ސިޔާސަތުތައް ކަނޑައެޅުމުގައި މި މައުލޫމާތުތައް ހިމަނާނެ ގޮތްތަކާއި އާހިރުގައި ރާއްޖޭގެ ޖަޒީރާ ރަށްތަކުގައި ދިރިއުޅެވޭނެ ގޮތަކީ ކޮބައިކަން ދެނެގަތުމަށްޓަކައި މިއީ ރާއްޖެއަށް އޮތް އެންމެ އެދެވޭ ހައްލު ކަމުގައި ޝައުނާ ވިދާޅުވިއެވެ.

މި ހެކަތޮންގެ އެއްވަނައަށް ހޮވޭ ފަރާތަކަށް ދޭ ފައިސާގެ އިނާމަކީ 10,000 އެމެރިކާ ޑޮލަރެވެ. ދެ ވަނައަށް 3000 އެމެރިކާ ޑޮލަރު، ތިން ވަނައަށް 2000 ޑޮލަރުގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.

މި ހެކަތޮންގެ ޕާޓްނަރުން ގޮތުގައި ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑާއި ކްރޮސް ރޯޑް މޯލްޑިވްސް، ވިލާ ކޮލެޖް، ނޫރާއްޖެ ޕްރޮގްރާމް އަދި ޕަބްލިކް ސާވިސް މީޑިއާ ހިމެނެއެވެ. އަދި ރާއްޖެއިން ބޭރުގެ މައިކްރޮސޮފްޓް އަދި އެކްސް ޕްރައިޒް އިން ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވެސް މިނިސްޓްރީ ބުންޏެވެ.

ދަ މޯލްޑިވްސް އޯޝަން ހެކަތޮން އަކީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން އެންވަޔަރަމެންޓް މިނިސްޓްރީން ހިންގާ "ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން" (ޑީމެޑް) ޕްރޮޖެކްޓުން ކުރިއަށްގެންދާ ހަރަކާތެކެވެ.