މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ރޭ ހުޅުވައިފިއެވެ. އިންޑަސްޓްރިއަލް ޒޯންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެތަން ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ ޓެކްނިކަލް އެސިސްޓެންސް ސްޕެޝަލް ފަންޑް، ޖަޕާން ފަންޑު ފޯ ޕްރޮސްޕަރަސް އެންޑް ރެޒިލިއެންޓް އޭޝިއާ އަދި އަދި އޭޝިއަން ޑެވެލޮޕްމެންޓް ބޭންކް (އޭޑީބީ) އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ގާއިމުކުރަން ސަރުކާރުން ނިންމީ 2021 އަހަރުގެ ޖޫން މަހުގައެވެ. އެތަނުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ 2022 ވަނަ އަހަރުއެވެ. ވޭސްޓް ޓްރާންސް ސްޓޭޝަންގެ ހެދުމުގެ މަސައްކަތް ކޮށްފައިވަނީ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑު އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) ހަވާލުކޮށްގެން 12 މިލިއަން ޑޮލަރަށެވެ.
ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ކުނި މެނޭޖުކުރުމާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަކީ، ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރިޔަށްގެންދާ ބޮޑު މަޝްރޫއެއް ކަމަށެވެ. މަޝްރޫއުގެ މަސައްކަތް ނިމިގެންދާ އިރު، ކުންޏަކީ އެއިން ނަފާ ހޯދޭ އަގުހުރި އެއްޗަކަށް ވެގެންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ބޮލަކަށް އެއްކިލޯގެ ކުނި ދުވާލެއްގެ މައްޗަށް އުފެދޭ އިރު އެއީ ވަރަށް ބޮޑު އަދަދެއް ކަމަށާއި ކުނީގެ މައްސަލައަށް ހައްލު ހޯދުމުގައި ކުނި އުފެދޭ މިންވަރު މަދުކުރުމާއި ކަނޑުފަޅާއި ގޮނޑުދޮށްތަކާއި އާންމު ތަންތަނަށް ކުނި ނޭޅުން މުހިއްމު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އިގުތިސޯދު މައި އިންޑަސްޓްރީ، ފަތުރުވެރިކަން ގުޅިފައި ވަނީ ރާއްޖޭގެ ކަނޑުފަޅާއި ގޮނޑުދޮށްތަކުގެ ރީތިކަމުގެ މައްޗަށް ކަމުގައި ވުމުން، މޫދަށާއި ގޮނޑުދޮށްތަކަށް ޕްލާސްޓިކްގެ ބާވަތްތައް އުކާލުމުން ކުރާނެ ނޭދެވޭ އަސަރުތައް ބޮޑު ކަމަށާއި އެކަމުގެ ސަބަބުން ފަރުތަކަށް ގެއްލުން ލިބުމުގެ އިތުރުން ސިއްހަތައް ވެސް ނުރައްކާ ވާ ކަމަށް ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި އެންވަޔަރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ސަބަބުން މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. އަދި ކުނި ބައިބަޔަށް ވަކިކޮށްގެން އުކާލުމަށް ވެމްކޯއަށް ބޭނުންވާ ވެހިކަލްތަކާއި ވަސީލަތްތައް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.
ޝައުނާ ވިދާޅުވީ މާލޭގައި ކުނި ވަކިކޮށްގެން އުކާލުމަކީ އުނދަގޫ ކަމެއް ކަމެއް ކަމަށާއި ނަމަވެސް ފަރުދީ ފެންވަރުގައި އާންމުންގެ އެއްބާރުލުން ލިބިއްޖެ ނަމަ، އެކަން ކާމިޔާބު ކުރެވޭނެ ކަމަށެވެ.
ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ، މާލޭގައި ކުނި މެނޭޖުކުރުމަށާއި އެ ކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތަކަށް އެކަށީގެންވާ ހައްލެއް ގެނައުމުގެ ބޭނުމުގައި ޒަމާނީ ވަސީލަތްތަކާ އެކު ބިނާކޮށްފައިވާ 65 ހާސް އަކަފޫޓުގެ މަރުކަޒެކެވެ. އެ މިމަރުކަޒު ފަރުމާކޮށްފައި ވަނީ، ތިމާވެއްޓާ ރައްޓެހި އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ.
އެ ސެންޓަރުން ތިލަފުއްޓަށް ކުނި އުފުލާނީ ކޮންޓޭނަރުތަކުގައި ކުނި ބަންދުކޮށްގެންނެވެ. މީގެ އިތުރުން މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގައި ހިމެނޭ އިދާރީ މަސައްކަތްތައް ހިންގާ އިމާރާތަކީ ކާރިސީ އަދި މޫސުމީ ނުރައްކާތަކުން ރައްކާތެރިކަން ހޯދޭނޭ ގޮތަށް ހަދައިފައިވާ އިމާރާތެކެވެ.
ސަރުކާރުން އަންނަނީ ހުޅުމާލެ އަދި ވިލިމާލޭގައި ވެސް އެފަދަ ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އއ، އދ އަދި ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުނި ކޮށިތައް ހެދުމަށް ވަނީ ހަމަޖެހިފައެވެ.