"ގްރޭޓާ މާލޭ ވޭސްޓް ޓު އެނާޖީ" ގެ ނަމުގައި ރާއްޖޭގައި އުފައްދާ ކުނި މެނޭޖްކޮށް، ކުނިން ކަރަންޓް އުފައްދާ، 304 މިލިޔަން ޑޮލަރުގެ ބޮޑޫ މަޝްރޫއެއް މިއަދި އިފްތިތާހު ކޮށްފިއެވެ.
މިކަމަށް ޓަކައި މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވެވި ހަފުލާގައި މި ޕްރޮޖެކްޓް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
މި މަޝްރޫއު އިފްތިތާހު ކުރެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ހަމައެކަނި ކުނި މެނޭޖްކޮށްގެން، ތިމާވެށި ރައްކާތެރިކުރުން ނޫންކަމަށެވެ.
ތިމާވެއްޓަށް ގެއްލުންދޭ ބާވަތުގެ ކުނި މަދުކުރުމަކީ ވެސް، ތިމާވެށި ރައްކާތެރި ކުރުމުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު މި އިފްތިތާހުކުރި "ވޭސްޓް ޓު އެނާޖީ" މަޝްރޫއަކީ، މާލެއަތޮޅާއި، އަރިއަތޮޅާއި، ވާވުއަތޮޅުގެ ހުރިހާ ރަށްރަށާއި ރިސޯޓްތަކުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތައިލުމަށް ފަށާ ވަރަށް މުހިންމު މަޝްރޫއެއްކަމުގައި ވިދާޅުވެ، މިއީ ކުނި ނައްތައިލުމާއި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ގޮތުން ރާއްޖޭގައި ފަށާ އެންމެ އަގު ބޮޑު އެއް މަޝްރޫއު ކަން ހާމަކުރައްވައިފައެވެ.
ދިވެހި ސަރުކާރާއި ބޭރުގެ އެހީ ދޭ ހަ ފަރާތެއްގެ މާލީ އެހީތެރިކަމާއެކު ހިންގާ މި މަޝްރޫއުގެ ޖުމުލަ އަގަކީ، 304 މިލިއަން ޑޮލަރެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށްރަށުން ތިލަފުށްޓަށް ކުނި ގެންނަމުން އައީ ތިމާވެއްޓަށް މާބޮޑު ސަމާލުކަމެއް ނުދެވޭ ކަމަށާއި އެއް ތަނުން އަނެއް ތަނަށް ކުނި އުފުލުމުގައި ނުރައްކާތެރި ބާވަތްތަކުގެ ވަރަށް ގިނަ ކުނި ކަނޑަށް އެޅޭ ގޮތް މެދުވެރިވާ ކަމަށެވެ. މިއީ ރަނގަޅަށް ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުވެފައި ނެތުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށާއި، ގައުމު ތަރައްގީ ކުރަންވާނީ ވެސް، އަދި އިގްތިސާދީ ހަރަކާތްތައް ހިންގަންވާނީވެސް، ވަށައި ޖެހޭ ނިޒާމެއްގެ ތެރެއިންކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅަނގު މޫސުމުގައި ތިލަފުށިން ކުނި އެންދުމުގައި ވިލިމާލެ އާއި މާލެ ރައްޔިތުންނަށް މީގެ ކުރިން ލިބުނު ދުމުގެ އުނދަގޫތައް މިދިޔަ ސެޕްޓެންބަރު މަހުގެ ފަހުން މިހާރު ނުލިބޭނެ ގޮތަށް އިންތިޒާމު ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަޝްރޫއުގެ ދަށުން ތިލަފުށީގައި ގާއިމުކުރާ ޒަމާނީ ވަސީލަތްތަކުން ކުނި ނައްތައިލާއިރު، ކުނީގެ މާނައިގައި ހިމެނިގެން، އެއްލައިލަން ޖެހޭ މާބޮޑު އެއްޗެއް ނޯންނާނެ ކަމަށެވެ. ކިތަންމެ ގަދަ ހޫނެއްގައި ކުނި އެންދިޔަސް، އެ މެޝިނުން ދުމެއް ވިހައެއް އަދި ވަހެއް ވެސް ބޭރު ނުވާނެކަން ފާހަގަކުރައްވައި، މި މަޝްރޫއުގެ ދަށުން ކުނިތައް ނެތިގެންދާއިރު އޭގެ ބަދަލުގައި އުފެދޭނީ ހަކަތަ ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ. ކުނި އަންދައިގެން ކަރަންޓު އުފެއްދުމަކީ، އިއާދަ ކުރަނިވި ހަކަތަ އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.
ކުނި މެނޭޖްކޮށް ތިމާވެށި ރައްކާތެރި ކުރުމަކީ، ހަމައެކަނި މާލެ ސަރަހައްދަށް އަމާޒު ހިފާފައިވާ ސިޔާސަތެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ހުރިހާ ރަށްތަކާއި ރިސޯޓްތަކާއި ގެސްޓްހައުސްތަކުގައި އުފެދޭ ކުނިވެސް، ރައްކާތެރި ގޮތުގައި ނައްތާލައިގެން ތިމާވެށި އަލުން ދިރުވައި އާލާކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތެއްކަމުގައި ވެސް ވިދާޅުވިއެވެ.
ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާއެކީ އުމްރާނީ މަސައްކަތްތައް ވެސް އިތުރުވަމުން އަންނަކަމަށާއި، ފަތުރުވެރިކަން ފުޅާވެ އިގުތިސާދީ ހަރަކާތްތައް ވެސް އިތުރުވަމުންދާއިރު މިފަދަ ކޮންމެ ބަދަލަކާއެކު، ކުނި އުފެދޭ މިންވަރު އިތުރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު