ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގެ ފައިނަލް ޖާގަތައް ވެމްކޯ އާއި އެންމެ ފަހުން ދެއަހަރުގެ ޗެމްޕިއަން އެމްޕީއެލް އިން ހޯދައިފިއެވެ.
18/30 ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލް ދެ މެޗުވެސް ރޭ ކުޅުނީ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައެވެ. ފުރަތަމަ މެޗުގައި ވެމްކޯ ނުކުތީ ސިފައިންގެ ކްލަބާ ދެކޮޅަށެވެ. އެ މެޗު ފެނިގެން ދިޔައީ ފޯރިގަދަ ކޮށެވެ. ހާއްސަކޮށް ފުރަތަމަ ސިފައިން ކްލަބުން ލީޑު ނަގައިގެން ހަމަޖެހިލައިގެން ކުޅެނިކޮށް، ތަފާތު ހިތްވަރަކާއެކު ވެމްކޯއިން ފަހަތުން އަރައި މެޗު ކާމިޔާބުކުރުން ވެގެން ދިޔައީ މެޗު ފޯރިގަދަވި ސަބަބަކަށެވެ.
ރޭގެ މެޗު ވެމްކޯއިން ކާމިޔާބުކުރީ 5-7 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުން ދެ ގޯލު ފެނުނެވެ. ބަންގްލަދޭޝްގެ މަތުސުޝިމާ ސުމައްޔާގެ ގޯލުން ސިފައިން ލީޑުނެގި އިރު، ޖެހިގެން އައި މިނިޓްގައި ވެމްކޯގެ ތައިލެންޑް ކުޅުންތެރިޔާ, ވަނަޕޯން ކަސޭސީގެ ގޯލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.
އޭގެ ފަހުން ދެން ފުރަތަމަ ހާފުގައި ފެނުނީ ސިފައިންގެ ކްލަބުގެ ތިން ގޯލެވެ. ސުމައްޔާގެ ގޯލެއްގެ އިތުރުން ދެން ފެނުނީ ސިފައިން ޓީމުގެ ކެޕްޓަން މަރިޔަމް ރިފާ ޖެހި ދެ ގޯލެވެ. ސިފައިން ފުރަތަމަ ހާފް ނިންމާލީ ތިން ގޯލުގެ ލީޑެއްގައި އޮވެގެންނެވެ.
ދެ ވަނަ ހާފްގެ ކުރީކޮޅުގައި ބަދަލުތަކެއް ގެނެސްގެން ވެމްކޯ އިން ދެ ގޯލު ޖަހައި ސިފައިންގެ ލީޑު އެއް ގޯލަށް ކުޑަކުރި އެވެ. ވެމްކޯގެ ދެ ވަނަ ގޯލު ޖެހީ ބަދަލެއްގެ ގޮތުގައި އެރި މަރިޔަމް ނޫރާއެވެ. އަދި ނޫރާގެ އެސިސްޓަކުން އަނެއް ގޯލު ޖެހީ ތައިލެންޑް ކުޅުންތެރިޔާ ޑަރިކާއެވެ. އެ ގޯލު ޖެހިތާ އިރުކޮޅެއް ފަހުން ސިފައިންގެ ރިފާ އިތުރު ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކުރިއެވެ.
އޭގެ ފަހުންވެސް ސިފައިންނަށް ގޯލްތައް ޖަހަން ފުރުސަތު ލިބި، ފުރުސަތުތައް ނަގާލުމުގެ ގެއްލުން ދެއްކީ ފަހު ކޮޅުގައެވެ. އެ ވަގުތުގެ ތެރޭ ވެމްކޯ ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި ހަތަރު ގޯލު ޖަހައި، ނަތީޖާ އަނބުރާލައިފައެވެ. ދެ މިނިޓް ތެރޭގައި ޑަރިކާ އާއި ކެޕްޓަން ޝަހުލާ ތައުފީގު ޖެހި ގޯލުތަކުން ވެމްކޯ ނަތީޖާ ހަމަހަމަކުރި އިރު، ފުރަތަމަ ފަހަރަށް ލީޑުނެގީ މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި މެޗުގެ މޮޅު ކުޅުންތެރިޔާ ޑަރިކާ ޖެހި ގޯލުންނެވެ. ފައިނަލުގެ ޖާގަ އެއްކޮށް ޔަގީންކޮށްދިން ގޯލު ޖެހީ ކެޕްޓަން ޝަހުލާއެވެ.
ރޭ އެމްޕީއެލްއާއި ޕޮލިސް ކްލަބު ކުޅުނު ދެވަނަ ސެމީ ފައިނަލް މެޗު، އެމްޕީއެލްއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެމްޕީއެލްގެ ގޯލްތައް ޖަހައިދިނީ ތަޖިކިސްތާންގެ މަދީނާ ފަޒިލޯވާގެ އިތުރުން ކެޕްޓަން ފާތިމަތު ޝާލިއާ އަދި ޖޫޒާން ޒަރީރެވެ. މެޗުގައި ޕޮލިސް ކްލަބުގެ ފަދުވާ ޒާހިރު އަދި ފާތިމަތު ތީބާގެ ހަމަލާތައް ފެނުނު ނަމަވެސް އެމްޕީއެލްގެ އިރާން ގޯލްކީޕަރު އަޒަމް ފެނުނީ ވަރުގަދަކޮށެވެ. އޭނާ ވަނީ މެޗުގައި ގިނަ ސޭވްތަކެއް ކޮށްފައެވެ.
18/30 ފުޓްސަލް ފިއެސްޓާގެ ފައިނަލް އޮންނާނީ ހުކުރު ދުވަހުގެ ރޭގައެވެ.