ތ. ތިމަރަފުށީގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުކޮށް ދައުވާއުފުލާފައިވާ މީހުންގެ ތެރޭގައި ހިމެނޭ ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒު މިއަދު ކުރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގައި އައިއީޑީއެއް ބޭނުންކޮށްގެން އެރަށު ސްކޫލް ގޮއްވާލަން އުޅޭ ކަމުގެ އިންޓެލް މައުލޫމާތު ލިބިގެން މިދިޔަ ނޮވެމްބަރު 11، 2020 ގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަށް މީހަކު ވަނީ އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެއީ އަބްދުﷲ ޝަރީފާއި އަހްސަން މުހައްމަދާއި އަލީ މުނީޒާއި މުހައްމަދު އާސިރާއި އަލީ އަރުހަމް މުހައްމަދާއި ޝަމާހް ޝަރީފާއި އިބްރާހިމް ލޫތު އަދި އަބްދުﷲ އިމާދުއެވެ.

އެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރެރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުނު ކަމުގެ ދައުވާ އާއި ޓެރެރިސްޓް ހަމަލާއެއް ރޭވި ކަމުގެ ދައުވާއެވެ.

ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން އެރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރު ލިބޭ ފަދަ ކްލާސްތައް ހިންގައި، ރަށުގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ދައުލަތުން އެ މީހުންގެ މައްޗަށް ކުރި ދައުވާގައި ވަނީ ބުނެފައެވެ.

އެމީހުންގެ ފޯނުތަކާއި ކޮމްޕިއުޓަރުތަކުން ހަރުކަށި ފިކުރަށް ތާއީދު ކުރާ ލިޔެކިޔުންތަކާއި ފޮޓޯތަކާއި ވީޑިއޯތައް ފެނިފައިވާ ކަމަށާއި ހަނގުރާމައިގެ އުކުޅުތަކާއި ބޮން ހަދައި ތައްޔާރު ކުރުމާއި ގޮއްވާނެ ގޮތުގެ މެނުއަލްތައް ހިމެނޭ ފޮޓޯތަކާއި ވީޑިއޯތައް ވެސް ފެނިފައިވާ ކަމަށް ދައުވާގައިވެއެވެ. އަދި ތައުލީމީ މަރުކަޒު ގޮއްވާލަން ރާވައި ވާހަކަ ދައްކާފައި ހުރި ކަން ފޯނުގެ މެސެޖްތަކުން އެނގުނު ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

މިއަދު ވަނީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބާއްވައިފައެވެ. އެ އަޑުއެހުމުގައި ދައުލަތުން ވަނީ މުނީޒު ދޫކޮށްލަން ކޯޓުގައި އެދިފައެވެ.

ދައުލަތުން އެގޮތަށް އެދުނީ މުނީޒުގެ ބޮޑީ ޗެކަޕެއް ހެދިއިރު، ފުރާނައަށް ނުރައްކާވާ މިންވަރަށް ޕޮޓޭޝިއަމް މަދުވެފައިވާކަން ފާހަގަކުރެވުމުންނާއި އޭނާގެ ސިއްހީ ހާލަތު ބަޔާންކޮށްދޭ ރިޕޯޓާ ގުޅިގެން މިދިޔަ މަހުގެ 22 ވަނަ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓް ކުރެވި، ފަރުވާ ދީފައިވުމުންނެވެ. މުނީޒުއަށް ދާއިމީ ގޮތެއްގައި ފަރުވާދޭން ޖެހޭނެ ކަމަށް ވެސް ޑޮކްޓަރާ ހަވާލާދީ ދައުލަތުން ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހު މައްސަލަ ބައްލަވާ ގާޒީ އަމުރުކުރީ މާލެއިން ބޭރަށް ނުދެވޭގޮތަށް މުނީޒު ބަންދުން ދޫކޮށްލުމަށެވެ.

މި މައްސަލައިގައި ދެން ހިމެނޭ ހުރިހާ މީހުންގެ ބަންދު ކޯޓުން ވަނީ ދަމަހައްޓައިފައެވެ. އެއީ އެ މީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ފުރުސަތު އޮތުމުންނާއި އެ މީހުން ނިސްބަތްވާ ޓެރަރިސްޓު ޖަމާއަތާ ގުޅިގެން އިތުރު ހަމަލާއެއް ދީފާނެތީއެވެ.