ކުޅިވަރު

ކްލަބު މޯލްޑިވްސް: އާރްއާރްސީ އާއި ފެނަކަވެސް ސެމީއަށް

މުޙައްމަދު ޝަމްޢޫން

ރާއްޖޭގެ އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލުގެ ފަހު ޖާގަތައް ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި ޓީމު ފެނަަކަ އިން ހޯދައިފިއެވެ.

ރޭ ހުޅުމާލޭ ޓާފް ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި އާރްއާރްސީން ވަނީ އެމްޕީއެލް އަތުން 3-2 އިން މޮޅުވެފައެވެ. ކުއާޓާގެ ފަހު މެޗު ފުރިހަމަ ވަގުތު ހަމަވިއިރު، ފެނަކަ އާއި އެސްޓީއޯ އޮތީ 4-4 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ފެނަކަ މޮޅުވީ 5-4 އިންނެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގެ މެޗު ފަށިގެން ކުރީކޮޅިގައި އެސްޓީއޯގެ ނާއިހް މުފީދު އަތުން ބައިކޮޅަށް ވަން ގޯލަކާއެކު އާރްއާރްސީ ލީޑު ނެގިއެވެ. އަދި އޭގެ ފަހުން ދެވަނަ ހާފަށް ނުކުމެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ހުސްކޮށްލާފައި ދިން ބޯޅައަކުން އާދަމް ނާސިހު (އާދަންނާ) ވަނީ އާރްއާރްސީގެ ދެ ވަނަ ގޯލު ޖަހައިފައެވެ.

އޭގެ ފަހުން ބަދަލެއްގެ ގޮތުގައި ކުޅެން އަރައި އެމްޕީއެލްގެ އަހުމަދު ނިޒާމް (ނިޒާމްބެ) ދުރުދުރުން ފޮނުވާލި ބޯޅައިން އެ ޓީމަށް ގޯލެއް ޖަހައިދީ އުންމީދު އާކޮށްދިން ނަމަވެސް އާދަންނާ އިތުރު ގޯލެއް ޖަހައި އާރްއާރްސީގެ ލީޑުފުޅާކޮށްދިނެވެ. މިއީ އެމްޕީއެލްގެ ފަސް ފައުލު ހަމަވެގެން އާރްއާރްސީ އަށް ލިބުނު ދެ ވަނަ ޕެނަލްޓީން އާދަންނާ ޖެހި ގޯލެކެވެ. މެޗުގެ ފަހުކޮޅުގައި މުހައްމަދު ޔަފާއު އެމްޕީއެލް އަށް ގޯލެއް ޖަހައިދިން ނަމަވެސް މެޗުން މޮޅުވެ އާރްއާރްސީ ސެމީ ޔަގީންކުރިއެވެ.

ރޭ ކުޅުނު ކުއާޓާގެ ފަހު މެޗު ފެނުނީ ވަރަށް ފޯރިގަދަ ކޮށެވެ. ފުރަތަމަ ހާފުގައި ތިން ގޯލުގެ ލީޑެއް ފެނަކައިން ނަގާފައިވަނިކޮށް، ފަހު ހާފްގައި އެސްޓީއޯއިން ވަނީ މެޗަށް އަނބުރައި ވަދެ، ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ ފުރަތަމަ ގޯލު ފެނަކައިގެ އަހުމަދު އަޖުވަދު (އަޖޭ) ޖެހިއިރު، ދެން ޖެހި ދެ ގޯލަކީވެސް އަޔާޒް އަހުމަދު (އަޔާ) ޖަހައިދިން ދެ ގޯލެވެ. ފެނަކައިން ބޮޑު ލީޑެއް ނަގައިގެން ހާފް ނިންމާލަން ދަނިކޮށް، ހާފު ނިމުމުގެ ކުރިން އެސްޓީއޯގެ އަލީ އިފާޒް އެ ޓީމަށް ގޯލެއް ޖަހައިދީ އުއްމީދެއް ހޯދައިދިނެވެ.

އެސްޓީއޯ އިން ދެ ވަނަ ހާފުގައި ނުކުމެ ވަރުގަދަ ރޫހެއް ދައްކައި ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. އިސްމާއިލް ވަޖީހު (ވައްޖެ) ޖެހި ބޯޅަ ފެނަކަ ޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) ފައިގައި ޖެހިފައި ގޯލަށް ވަދެ ނަތީޖާގެ ފަރަގު ކުޑަވި އިރު، އޭގެ ފަހުން ވައްޖޭ ހުސްކޮށްލާފައި ދިން ބޯޅަ އެސްޓީއޯގެ ކެޕްޓަން މުހައްމަދު ޝާހު ވަނީ 3-3 އަށް ނަތީޖާ ބަދަލު ކޮށްލައިފައެވެ.

މެޗު ނިމެން ކައިރިވެފައި ވަނިކޮށް އަޔާ ހެޓްރިކް ފުރިހަމަކޮށް ފެނަކަ އަށް އަލުން ލީޑުނަގައިދިނެވެ. މި ގޯލު ޖަހާފައި އަޔާ އެސްޓީއޯ ބެންޗު ކައިރީގައި ހުރެ އުފާފާޅުކުރި ގޮތުން ރެފްރީ އޭނާ އަށް ރީނދޫ ކާޑެއް ދެއްކި އެވެ. މި ކާޑާއެކު އަޔާއަށް ދެ ރީނދޫ ކާޑު ހަމަވެ، ސެމީ ފައިނަލް މެޗަށް ސަސްޕެންޑްވީ އެވެ.

އޭގެ ފަހުން ފެނަކަ ޓީމުގެ ފަސް ފައުލު ހަމަވެ، އެސްޓީއޯ އަށް ލިބުނު ޕެނަލްޓީ ޖަހަން ބެންޗުން އެރި އަމީން އިބްރާހިމް ވަނީ ޕެނަލްޓީ ވައްދާލައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޕެނަލްޓީގައި ފެނަކަ މޮޅުވީ 5-4 އިންނެވެ.

މުބާރާތުގައި މިރޭ ކުޅޭނީ ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ސެމީ ދެމެޗެވެ. ސިފައިންގެ ކްލަބް ކުޅޭނީ ކްލަބް ވެމްކޯއާ އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް ވާދަކުރާނީ ޕޮލިސް ކްލަބާ އެވެ.