ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދު އަވަހާރަ ވެއްޖެ އެވެ.

ހުސެއިން ވަހީދު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ. އެ ގޮތުން ފާއިތުވި ދުވަސް ތަކުގައި ފަރުވާ ހޯއްދެވުމަށް ވަރަށް ގިނަ ދުވަސް ރާއްޖެއިން ބޭރުގައި ވަނީ ހޭދަ ކުރައްވައިފަ އެވެ. އޭނާ އަވަހާރަވީ ހާލު ގޯސްވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް ރޭގެ ވަގުތެއްގަ އެވެ.

މި ހިންގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިތުރުން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ހުސެއިން ވަހީދު ވަނީ ހިދުމަތް ކުރައްވައިފަ އެވެ. އޭނާ ފާހަގަ ވެފައި ވަނީ މަޖިލިސް ތަޅުމުގައި މަޑުމައިތިރި ބޭފުޅެއްގެ ގޮތުގައެވެ.

ހުސެއިން ވަހީދު އަވަހަރާވަ ވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ތައުޒިޔާގެ މެސެޖުތައް ފޮނުއްވަމުންނެވެ. އެބޭފުޅުން ފާހަގަކުރައްވާ ގޮތުގައި ހުސެއިން ވަހީދަކީ އަޑު އައްސަވާ، ރަނގަޅު ނަސޭހަތް ދެއްވާ އޯގާތެރި ބޭފުޅެކެވެ. ޑިމޮކްރެސީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެމްޑީޕީގެ ބައެއް މެންބަރުން ފާހަގަކުރައްވައިފައިވާ ގޮތުގައި ހުސެއިން ވަހީދަކީ އެޕާޓީ އެންމެ ދަތި އުނދަގުލުގައި އޮތް ވަގުތުގައި ވެސް ޕާޓީަށް ޓަކައި ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި ބޭފުޅެކެވެ.