ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ އެވެ. މިކަމުގައި އުޅޭ އެތައް ބަޔަކު ޝަރުއީ މަރުހަލާގެ ތެރެއިން ދޫވެގެން ދަނީ ހެކި "ނުލިބިގެން"ނެވެ. އެކަމަކު އޭނާ ހައްޔަރު ކުރަނީ އެތައް ކިލޯއެއްގެ މަސްތުވާތަކެއްޗާއެކުގަ އެވެ. ކިތަންމެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރިޔަސް ކުށް ސާބިތެއް ނުވެ އެވެ. ހެއްކެއް ނުހުރެ އެވެ.

ރާއްޖޭގެ އެހި ހިސާބުތަކުގައި ޑްރަގުގެ ނެޓްވޯކްތައް އެބަ ހުއްޓެވެ. މި މީހުންގެ ސަޕްލައިގައި ބޭނުންކުރަނީ އެކި ކަހަލަ އުޅަނދުފަހަރަވެ. މި ފަހަކަށް އައިސް އެންމެ ބޮޑު ފޯކަސްއެއް ހުއްޓެނީ ޓެކްސީތަކަށެވެ. ހާއްސަކޮށް މާލޭ ސަރަހައްދުގައި މިލިއަނުން ގުނައިލެވޭ މި ބޮޑު ވިޔަފާރީގައި ޓެކްސީތައް ބޭނުން ކުރެވޭ ވާހަކައަކީ ދޭތެރެ ދޭތެރެއިން ދެކެވޭ ވާހަކައެކެވެ.

ހުސްވި ހަފުތާގައި މާލޭގެ ދެކުނު ފަރާތު މޭރީ ބްރައުން އާ ދިމާލު ފަޅުގައި އަޅާފައި އޮތް ލޯންޗަކުން ބަނގުރާ ބަރުކުރަމުން ދިޔަ ޓެކްސީއެއް ފުލުހުން ވަނީ ބަލައި ފަސްކޮށް ހިފަހައްޓައިފަ އެވެ. ލޯންޗުންނާއި އެ ޓެކްސީ ތެރެއިން ޖުމުލަ 144 ފުޅި ބަނގުރާ ފެނުނެވެ. މީގެ ކުރިން ހުޅުމާލެއިންނާއި މާލެއިން ފުލުހުން ހިންގި އެތައް އޮޕަރޭޝަންތަކެއްގައި ޓެކްސީތަކުން ބަނގުރަލާއި މަސްތުވާތަކެތި ފެނިފައި އެބަހުއްޓެވެ. އެންމެ އިއްޔެރޭ ބުރުޒު މަގުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައިވެސް ޓެކްސީ އަކުން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަަނެފަ އެވެ.

ސުވާލަކީ މި ނެޓުވޯކުތަކާއި ޓެކްސީ ސެންޓަރުތައް ނުވަތަ ޓެކްސީ ޑުރައިވަރުންނާއި އޮންނަނީ ގުޅިފައިތޯ އެވެ.

"ވަން" އިން އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި މި ނެޓުވޯކުތަކާ ސީދާ ގުޅުން އޮންނަ ޑުރައިވަރުންވެސް ތިބެ އެވެ. ފުލުހުންގެ އަތްދަށުން ފަސޭހައިން ސަލާމަތްވެ އެމީހުންގެ ވިޔަފާރި ފުޅާ ކުރުމަށް ޓެކްސީތައް ނިވާފަތްގަނޑަކަށް ހެދުމުގެ ބޭނުމުގައި ޓެކްސީ ދުއްވާ މީހުންވެސް އުޅޭކަމަށް ވެއެވެ.

މާލޭގެ މަޝްހޫރު ޓެކްސީ ސެންޓަރެއްގައި މަސައްކަތް ކުރާ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް ބުނީ ޑުރަގު ނެޓުވޯކުތަކުގައި އުޅޭ މީހުން ޓެކްސީތައް ޓާގެޓު ކުރާ ކަމަށެވެ. އޭނާ ބުނީ އެ ގޮތަށް ޓެކްސީތައް ޓާގެޓަކަށް ހަދަނީ މަސްތުވާތަކެތީގެ ސްޕަލައިއަށް ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ. އާންމު އުސޫލުތައް ހުންނަ ގޮތުން ޓެކްސީ ތަކަކީ ޕަސެންޖަރުން އުފުލާ ވެހިކަލް ކަމަށް ވުމުން، އޭގެ ޑިކީ ހުޅުވައި ފާސްކޮށް ހެދުމުގެ ފުރުސަތު ކުޑަ ކަމަށް ބުންޏެވެ.

"މިހާރު ވާނެ ގޮތަކީ ޓެކްސީތަކަކީ ޕަބްލިކް އެއްޗެއް. އާންމު ހިދުމަތްދޭތީ ފުލުހުންވެސް އެހާ ބޮޑަކަށް ޓެކްސީތަކެއް ބަލައި ފާހެއް ނުކުރާނެ. އެހެންވީމަ ޓެކްސީތަކުން އެތަކެތި އުފުލަން އެމީހުން ޓާގެޓު ކުރާނެ. ޓެކްސީތަކުގެ ގަވައިދުތައް އޮންނަ ގޮތުން ވާނެ ގޮތަކީ ޓެކްސީއަށް އަރުވައި ބާލާ އެއްޗަކާމެދު ޑުރައިވަރަށް ސުވާލު ކުރެވޭކަށް ވެސް ނޯވޭ. އެއީ ކޮން އެއްޗެއްތޯ ބެލޭކަށް ނޯވޭ. ޝައްކުވެގެން ފުލުހުންނަށް ރިޕޯޓު ކުރިޔަސް ދެން އަންނާނީ ކޮން ހަމަލާއެއް ކަމެއް ނޭނގޭނެ. އެހެންވެގެން ވެސް އެބަ ޖެހިލުންވޭ. އެމީހުން ޓެކްސީ ނަންބަރު ނޯޓު ކުރާނެ. ޓެކްސީ ޑުރައިވަރަކީ ކާކުތޯ ބަލާނެ. ނާންގާ ނަމަވެސް އެކަން ކުރާނެ." މީގެ ކުރިން ފުލުހުންގެ ވަޒީފާގައިވެސް އުޅުނު އެމީހާ ބުންޏެވެ.

މާލޭގައި ޓެކްސީ ޑުރައިވަރެއްގެ ގޮތުގައި 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޓެކްސީ ޑުރައިވަރަކު ބުނީ، ބައެއް ޒުވާނުންވެސް އަދި ދެބައި އުމުރުގެ މީހުންވެސް ޓެކްސީ ދުއްވަނީ އެ ނެޓްވޯކުތަކާ ގުޅިގެން ކަމަށެވެ. އެއީ އޭނާއަށްވެސް އެކަމުން ބޮޑު ފައިދާއެއް އޮންނާތީ ކަމަށެވެ. ރަނގަޅަށް މަސައްކަތް ކުރާ ޑުރައިވަރުންނަށް ފައިސާގެ ދަޅަ ދައްކަައިގެން އެމީހުންވެސް މިކަމުގައި ބައިވެރި ކުރުވާ ކަމަށް ތަޖުރިބާކާރު މި ޑްރައިވަރު ބުންޏެވެ.

"އަހަރެން ދަންނަ އެތައް ބަޔަކުވެސް ތިބީ މި ކަމުގެ ތެރެޔަށް ގެނބި ހަލާކުވެފަ. ޓެކްސީ ކޮށްގެން މިވީ 15 އަހަރު ނުލިބޭ ވަރުގެ ބޮޑު އާމްދަނީއެއް އެމީހުން އެބަ ހޯދާ ހަފުތާއެއްގެ ތެރޭގަ. އަމިއްލަ ކާރުތަކާއި ފިހާރަތައް އެބަ ހުޅުވާ މަސްދުވަސް ނުވަނީސް. ގައިިމު ހަމައެކަނި ޓެކްސީ ކުރާ މީހުންނަށް އެހާ އަވަހަށް މިވަރުގެ ބޮޑު އާމްދަނީއެއް ނުލިބޭނެ ކަން ކަށަވަރު." އޭނާ ބުންޏެވެ.

އެހެންކަމުން ޓެކްސީ ޑުރައިވަރުންގެ ތެރޭގައި ޑްރަގު ނެޓުވޯކުތަކާ ސީދާ ގުޅުން ހުންނަ ފަރާތްތައްވެސް ތިބިކަން މި ޑްރައިވަރުގެ ވާހަކައިން ސާފުވެއެވެ.

އެހެން ޓެކްސީ ޑުރައިވަރަކު ބުނީ މިފަދަ މައްސަލަތަކުގައި އަސްލު ޝާމިލު ވާ މީހުން ސަލާމަތް ވާނެ ފުރުސަތެއް ޓެކްސީތަކުގެ ސަބަބުން ލިބޭ ކަމަށެވެ. އެގޮތުން ޓެކްސީއަށް ފޮށި ފޮށި ގަނޑުގައި އެއްޗެހި ބާލައި އަރުވައި ހަދާނީ ޓެކްސީ ޑުރައިވަރުން ކަމަށާއި ފުލުހުން ފާސްކޮށް ތަހުގީގުކުރާއިރު އޭގައި ޓެކްސީ ޑުރައިވަރުގެ ފިންގާ ޕްރިންޓު ހުންނަ ކަމަށެވެ.

"ބައެއް ފަހަރު ޓެކްސީއަށް އަސްލު އެ ފޮށިގަނޑު އަރުވާ މީހާ އެބަ ބުނޭ އެއީ ތިމަންނަގެ އެއްޗެއް ނޫނޭ. ތިމަންނަ އެރީ ހުސްއަތާ އޭ. އެއިރު އެ ފޮށިގަނޑެއް ނޫނީ ކޮތަޅެއް ނޫނީ އެ ނޫން އެއްޗެއް އަރުވައި ބާލައި މިހަދަނީ ޑުރައިވަރަކަށް ހުންނަ މީހާ. ދެން އޭނާގެ ފިންގަ ޕްރިންޓު މިހުންނަނީ އޭގަ. އެހިސާބުން ޑުރައިވަރު މި ބެދެނީ. އަހަރެން ދަންނަ ދެތިިން މީހަކަށް މި ލަނޑުވެސް ލިބިއްޖެ." އޭނާ ބުންޏެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެންމެ ގިނައިން އެތެރެވާ އެއް މަގަކީ ބޭރުން އަންނަ އުޅަނދު ފަހަރާ ގުޅިފައި ހުންނަ ކަނޑު އުޅަނދު ފަހަރު ކަމަށާއި އެތަކެތީގެ ސަޕްލައި ފުރަތަމަ ހިނގާ އެއް ތަނަކީ ރަށްރަށް އޮއްބައި ކަނޑުމަތީގެ ސަރަހައްދު ކަމަށް ފުލުހުން ބުނެ އެވެ. އެއީ އެއްގަމަށް އެރުމުގެ ކުރީގެ މަރުހަލާ އެވެ. ސަޕްލައި މާކެޓުގެ އެންމެ ބޮޑު ތަނަކީ ދެލައްކައެއްހާ މީހުންގެ އާބާދީއެއް މާލެ ކަމަށް ވުމުން، އޭގެން ބޮޑު ބައެއް އެތެރެ ކުރަނީ މާލެއަށެވެ. ދެން މާލެ ތެރޭގެ އެކި ހިސާބުތަކަށް ސަޕްލައި ކުރުމުގެ ބައި އޮންނަނީ ވަކި ތަރުތީބު ތަކަކުން އަތުރައިލެވިފަ އެވެ. އެކަމުގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ އެއް ވަސީލަތަކީ ޓެކްސީ ތަކެވެ. މީގެ ތެރޭގައި ޑްރައިވަރުންގެ ސީދާ ބައިވެރިވުމާ އެކު ކުރެވޭ ސަޕްލައިތަކާއި އެމީހުންނަށް ނޭނގި އޮޅުވައިލުމުގެ ތެރެއިން ކުރެވޭ ސަޕްލައިވެސް ހުރެ އެވެ.

މިކަމަށް ހައްލެއް ލިބެން އޮތް އެއް މަގަކީ ޓްރާންސްޕޯޓު މިނިސްޓްރީން ޓެކްސީތަކަށް އެކުލަވައިލައިފައިވާ ގަވައިދު އިސްލާހު ކުރުން ކަމަށް ގިިނަ ޓެކްސީ ޑްރައިވަރުން ގަބޫލު ކުރެ އެވެ. އެގޮތުން ޓެކްސީއަށް އަރުވައި ބާލާ އެއްޗިއްސަކީ ޝައްކުވާ ޒާތުގެ އެއްޗެއް ނަމަވެސް ނުވަތަ އެ ނޫން އެއްޗިއްސަކީވެސް ކޮން އެއްޗެއްތޯ ބެލުމުގެ ހުއްދަ ޑުރައިވަރުންނަށް ދިނުން ކަމަށެވެ. އަދި އެކަމާ ޑުރައިވަރުންނަށް ސުވާލު ކުރެވޭ ގޮތް ހެދުން ކަމަށެވެ.

ދެން އޮތް ކަމަކީ ކޮންމެ ފަހަރަކު ޓެކްސީ ޑުރައިވަރުންގެ ހުއްދަ އާ ކުރާއިރު ކުށުގެ ރެކޯޑު ބެލުން ކަމަށެވެ. މިހާރު އެއްވެސް ވަރަކަށް ކުށުގެ ރެކޯޑު ބަލައިނުލާކަން ގިނަ ޓެކްސީ ޑުރައިވަރުން ފާހަގަ ކުރެ އެވެ.

ޓެކްސީ ތަކަކީ، ގްރޭޓާ މާލޭ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތަށް ބޭނުންކުރާ އާންމު ވަސީލަތް ކަމުން، މިވަސީލަތަކީ ވަރަށް ވަރުގަދަ ސަލާމަތަކާއި ރައްކާތެރިކަމެއް އެއިން ދަތުރުކުރާ މީހުންނަށް ލިބޭނެ އެއްޗަކަށް ވާނެކަން ކަށަވަރު ކުރާން ޖެހެ އެވެ. މި ފަހަކުން ވަނީ ޓެކްސީން ދަތުރުކުރި ބައެއް މީހުންނަށް ޖިންސީ ފުރައްސާރައިގެ މައްސަލަތައް ވެސް ކުރިމަތިވެފައިކަން ފާހަގަ ކޮށްލަން ޖެހެ އެވެ. މަސްތުގެ ހާލަތުގައި ތިބޭ މީހުން ޑްރައިވަރުންގެ ތެރޭގައި ގިނަ ވާ ނަމަ، އަދި އެ ވިޔަފާރީގައި އުޅޭ މީހުން ޓެކްސީ ތަކުގައި ގިނަ ނަމަ މިއީ ވަރަށް ސީރިއަސް ހިސާބަކަށް ހިނގައިދާނެ ކަމެއްކަން ގަބޫލު ކުރާން ޖެހެ އެވެ.

މިއީ ތަންކޮޅެއް ކުރީން މީހުން ގަބޫލު ކުރި ގޮތެވެ. ރޭގަނޑުގެ އެކި ވަގުތުތަކުގައާއި ދަންވަރާއި މެންދަމުގެ ވަގުތުތަކުގައި ޓެކްސީތަކަށް އެ މީހުން އެކަނިވެސް އަރައިގެން އެ ނައްޓައިލަނީ، ތިމާގެ ދަތުރުގެ އަމާން ކަމަށް 100 ޕަސެންޓް ގެރެންޓީއެއް ދީގެންނެވެ. ސަލާމަތުން މަންޒިލަށް ދެވޭނެ ކަމުގެ ޔަގީންކަމާ އެކުގަ އެވެ.

އެހެން ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު، އެކަމެއް ނެތެވެ. "މިހާރު އަޅުގަނޑަކަށް ލާހިކެއް ނޫން އެކަނި ޓެކްސީއަކަށް އަރާކަށްވެސް. އަދި ދުވާލުވެސް ދަރިފުޅު އެކަނި ޓެކްސީއެއްގަ ދާން އުޅުނަސް ފޮނުވަން ބިރުގަނޭ. ޓެކްސީތަކާ ގުޅޭގޮތުން އިވޭ އަޑުތަކުން ވަރަށް ބިރުގަނޭ. އެމީހުން ޑްރަގާއި ރާ ސަޕްލައި ކުރާ ވާހަކަ،.. އެމީހުން ކާރަށް އަރާ ކުދީންނަށް ޖިންސީ ގޯނާ ކުރާ ވާހަކަ... ވަރަށް ބިރުވެރި." ހުޅުމާލޭގައި ދިރިއުޅޭ ދެކުދީންގެ މަންމަޔަކު ބުންޏެވެ.

ދުނިޔޭގައި ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ޓެކްސީ ކުރުން ފަދަ އާންމު ރައްޔިތުންނާ ގުޅުން ހުންނަ މަސައްކަތްތައް މޮނީޓާ ކުރުމަށާއި އެއިން ދަތުރުކުރާ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތައް އަޅާފައި ހުރެ އެވެ. ހަރުކަށި ގަވައިދުތައް ހުރެ އެވެ. ޓެކްސީ ޑިއުޓީ ގަޑީގައި ދަތުރުކުރާ މަގުތަކާއި އުޅޭ ނޫޅޭ ތަންތަން ލައިވްކޮށް މޮނިޓަރ ކުރެވޭނެ ވަރުގަދަ ނިޒާމުތައް ހުރެ އެވެ. އެއްވެސް ނުރަނގަޅު ކަމެއް ފާހަގަ ވެއްޖެ ނަމަ ވަގުތުން ގުޅޭނެ ނުވަތަ އެލާމް ކުރެވޭނެ ނިޒާމު ދަތުރުކުރާ މީހާގެ ކުރިމަތީން ފެންނާން ހުރެ އެވެ. ގޯހެއް ވެއްޖެ ނަމަ، ޝަކުވާއެއް ނަމަވެސް އަތުވެއްޖެ ނަމަ، އެކަމެއް ވަގުތުން ބަލައި، ހާޒިރުވާން ޖެހިއްޖެ ނަމަ، ދެފަރާތްވެސް ހާޒިރުކޮށް މައްސަލަ ބަލަ އެވެ. ޖޫރިމަނާތައް ކުރުމާއި ޕޮއިންޓް ކެނޑުމާއި ލައިސެންސް ސަސްޕެންޑްކުރުން ފަދަ އެތައް ފިޔަވަޅެއް އަޅަ އެވެ.

ރާއްޖޭގައި މި ހިދުމަތް މި އޮތީ ނުރައްކާތެރި މަރުހަލާއެއްގައި ކަމާ މެދު ދެބަސް ވެވޭކަށް ނެތެވެ. ކަމާ ބެހޭ ފަރާތްތަކުން މި ކަމަށް އަވަސް ފިޔަވަޅު ނާޅައިފި ނަމަ، ބިރުވެރިކަން އިންތިހާއަށް ގޮސް، ހިތާމަވެރި ހާދިސާތަކެއް ހިނގުމުގެ ދޮރު މިހާރު ވެސް މި އޮތީ ފުޅާކޮށް ހުޅުވިފަ އެވެ.