ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ހުރަސް އަޅައި ބިރު ދެއްކި ދުވަސްތައް މިއަދު މާޒީވެ ގޮސްފި ކަމަށާއި މިހާރު މެމްބަރުން މަޖިލީހުގައި މަސައްކަތް ކުރައްވަނީ އެއްވެސް ނުފޫޒެއް، ބިރުދެއްކުމެއް ނެތި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވެފައި މިވަނީ 2017 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލު ނުކޮށް ހިނގައިގެންދިޔަ ކަންތައްތަކަކާ ގުޅިގެންނެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާނުކޮށް ބޭރުކުރުމުން އިދިކޮޅު މެމްބަރުން ވަނީ އެކަމާ ހިތްހަމަނުޖެހިގެން އެ އަހަރުގެ ޖުލައި 24 ވަނަ ދުވަހު މަޖިލިހަށް ވަދެފައެވެ. އިދިކޮޅު މެމްބަރުން މަޖިލީހަށް ވަނުމުން މަޖިލީހުގެ ގޭޓް މަތިން ސިފައިން ވަނީ އެ މެމްބަރުން ބޭރުކޮށްފައެވެ. މީގެ އިތުރުން މަޖިލީހުގެ ގޭޓްގައި ތަޅު އަޅުވައި މަޖިލީހަށް މެމްބަރުން ވަނުމަށް ސިފައިންނާއި ފުލުހުން ވަނީ އޭރު ހުރަސްވެސް އަޅައިފައެވެ.
މިއަހަރުގެ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ޑިމޮކްރެސީއެއްގެ އެންމެ މުހިންމު ބާރަކީ އެގައުމެއްގެ ރައްޔިތުން ކަމަށާއި ރައްޔިތުންނަށް ލިބިގެންވާ ބަސް ބުނުމުގެ ހައްގުގެ ބޭނުން ހިފާ ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ.
މީގެ ތިން އަހަރު ކުރިން ރައްޔިތުންގެ މަންދޫބުންނަށް މަޖިލީހުގެ އިދާރާއަށް ވަދެ ނުކުމެ އުޅުމުގެ މިނިވަންކަން ނެތް ދުވަސްތަކެއް ހިނގައްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަޖިލީހަށް ވަދެވިއްޖެއްޔާ ދެން ފެންނަނީ، މަޖިލީހުގެ ފާރުމަތިން އަޅުގަނޑުމެން ބޭރުކުރާ މަންޒަރު،" ރައީސް ވިދާޅުވިއެވެ.
"ނަމަވެސް މިއަދު މުޅި މަންޒަރު ބަދަލުވެއްޖެ. ރައްޔިތުންގެ މަންދޫބުން މަޖިލީހުގައި މަސައްކަތް ކުރައްވަނީ އެއްވެސް ނުފޫޒެއް ބިރުދެއްކުމެއް ނެތި،"
ސިފައިންނާއި ފުލުހުން މިއަދު ތިބީ މަޖިލީހުގެ މެމްބަރުންނަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު