މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 1.24 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ, މީރާއިން ބުނެފި އެވެ.
މީރާ އިން މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ ނޮވެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން, މިދިޔަ މަހު ލިބުނު 1.24 ބިލިއަން ރުފިޔާގެ އާމްދަނީއަކީ އެ މަހު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީއަށްވުރެ 51.8 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ ނޮވެމްބަރާ އަޅައިބަލާ އިރު, 168.4 ޕަސެންޓް އިތުރު އަދަދެކެވެ.
އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާ އިން ބުނީ, ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ ރަނގަޅުވުމާއެކު ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުން ދައްކާ ކުލީގެ އާމްދަނީ އިތުރުވުމާއި ލަފާކުރި އަދަދަށްވުރެ ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ.
އެގޮތުން މިދިޔަ މަހު ރާއްޖެ އަންނާނެ ކަމަށް ލަފާކުރި އަދަދަށްވުރެ 24.3 ޕަސެންޓް އިތުރަށް އެ މަހު ފަތުރުވެރިން އައިސްފައިވާ ކަމަށް މީރާ އިން ބުންޏެވެ.
މިދިޔަ މަހު ޓެކްސް އާމްދަނީގެ ގޮތުގައި 976 މިލިއަން ރުފިޔާ ލިބިފައިވާ އިރު, ޓެކްސް ނޫން ގޮތް ގޮތުން 267 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އާމްދަނީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބުނީ ޖީއެސްޓީންނެވެ. އެއީ 773.2 މިލިއަން ރުފިޔާއެވެ. އިންކަމް ޓެކްސްގެ ގޮތުގައި 80.9 މިލިއަން ރުފިޔާ ލިބުނު އިރު, ޓޫރިޒަމް ލޭންޑް ރެންޓުން 37.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު