ނިމިދިޔަ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލިކަން އެންމެ ރަނގަޅަށް އެނގޭނެ އެއްބަޔަކީ އަސްކަރިއްޔާގެ ބޭފުޅުން ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ރޭ ކާނިވަލުގައި ބޭއްވި ކޮތަރުކޮށި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ 2018 ވަނަ އަހަރުގައި ބޭއްވުނު ރިޔާސީ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރައްވާނެކަން ޔަގީންވުމުން ޗަރުކޭސް ކުޅެން ފެށި ކަމަށެވެ. އަދި ނަތީޖާ އޮޅުވާލައި ވެރިކަން ބަދަލުކުރިކަން ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނަށް މިކަން އެނގޭނެ ކަމަށެވެ.

"ރިޔާސީ އިންތިހާބު އަޅުގަނޑުމެން ކާމިޔާބު ކުރާނެކަން އެނގުމުން ޗަރުކާހެއް ކުޅެން ފެށީ. ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނަށް އެނގޭނެ އެކަން ހިނގައި ދިޔަ ގޮތް. ހާއްސަކޮށް އަސްކަރިއްޔާގެ ބޭފުޅުންނަށް އެނގޭނެ ވޯޓު އޮޅުވާލި ގޮތާއި ވެރިކަން ބަދަލުވި ގޮތް. އެބޭފުޅުން ޖެހޭނެ ރައްޔިތުންނަށް ޖަވާބުދާރީ ވާން." އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން އާއި އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ކޯލިޝަންގެ ބޭބޭފުޅުން ވަނީ 2018 ވަނަ އަހަރުގެ އިންތިހާބު އޮޅުވާލި ކަމަށް ތުހުމަތު ކޮށްފަ އެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ ވޯޓު އޮޅުވާލުމާއި ވެރުކަން ބަދަލު ކުރުމުގައި ހާއިނުންތަކެއް އުޅުނު ކަމަށާއި އޭގެ ތެރެއިންވެސް އެންމެ ބޮޑު ހާއިނަކީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް އެމަނިކުފާނު އައްޔަން ކުރެއްވި އަހުމަދު ޝަރީފް ކަމަށެވެ.