ސަރުކާރުން އިސްކަންދެނީ އަގަކަށް އަގެއް ދިނުމުގެ ބަދަލުގައި ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ކަމަށާއި އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މަހުގެ އަގު މަތިވާން ފަށާނެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ކ. ގާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގައި މުޅި ދުނިޔެއާ ރާއްޖެ ހުއްޓިގެން ދިޔަ އިރު ވެސް ނުހުއްޓި ހިނގަހިނގާ އޮތް އިގުތިސޯދުގެ ލޭނާރަކަށްވީ މަސްވެރިކަން ކަމަށާއި މި ސަރުކާރުގެ މިސްރާބަކީ މައުނަވީ ގޮތެއްގައި އިހުލާސްތެރި ނިޔަތަކާއެކު ދެމެހެއްޓެނިވި މަސްވެރި ސިނާއަތެއް ބިނާކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުން ފެންނަ ބަދަލު ގޮސް ނިމޭނީ، ފުރަތަމަ ކުރަންވާ ކަންތައް ފުރަތަމަ ނިންމާ އުސޫލަށް ކަމަށާއި އެހެންކަމުން މަސްވެރިންނަށް އަވަހަށް ފައިސާ ދިނުން އެއީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދީ ހުރި ކަމަށާއި އޭރު މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ކިރާ މަހަށް އަވަހަށް ފައިސާ ނުލިބުން ކަމަށެވެ. އެގޮތުން މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ 39.5 މިލިއަން ރުފިޔާ ސަރުކާރުން ދީ ހަލާސް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސިޔާސަތަކަށްވީ، މަސް ގަތުމަށްފަހު ދޭންޖެހޭ ފައިސާ ދެވޭނެ އިންތިޒާމު ނިޒާމީ ގޮތެއްގައި ހަމަޖެއްސުން. ގިނަވެގެން އެއް ހަފްތާގެ ތެރޭގައި މަސްވެރިންނަށް ފައިސާދީ ހަލާސް ކުރުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަގު ދިނުމާ އެއްވަރަށް ސަރުކާރުން އިސްކަންދޭ އަނެއް ކަމަކީ އަގަކަށް އަގެއް ދިނުމުގެ ބަދަލުގައި ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުން ކަމަށެވެ.
މިގޮތުން މިފްކޯ ފެންމަތީގައި އޮންނާނެ ގޮތެއް ހޯދުމަށްޓަކައި އެ ކުންފުނިން ގަންނަ މަހުގެ އަގަށް މިދިޔަ އަހަރު ގެނައި ވަގުތީ ބަދަލުގެ ބުރަ އުފުލީ މަސްވެރިން ކަމަށާއި އެ ބުރަ އުފުލުމުގެ ހެޔޮ ނަތީޖާ މިހާރު ވަރަށް ގާތްވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ދެން އިރާދަ ކުރެއްވިއްޔާ، ވާން އޮތްރަނގަޅަކީ، މަސްވެރިންނަށް ރަނގަޅު އަގެއް ލިއްބައިދިނުމުގެ ބޮޑުރަނގަޅު. އިރާދަ ކުރެއްވިއްޔާ އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، މަހުގެ އަގު މަތިވާން ފަށާނެ،" ރައީސް ވިދާޅުވި އެވެ.
މަހުގެ އަގު ކަނޑައެޅުމުގައި އެންމެ މުހިންމީ މަހުގެ ކޮލިޓީކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަހުގެ ކޮލިޓީ އެގޮތުގައި ހިފެހެއްޓުމަށްޓަކައި ވަށާޖެހޭ ނިޒާމެއް ސަރުކާރުން ބިނާ ކުރަމުންދާ ކަމަށެވެ. އަދި މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ބޮޑު އިންވެސްޓެއް ކުރާ ސަބަބަކީ އެއީ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އަލަށް ހުޅުވުނު އައިސްޕްލާންޓް ތަކާއެކު އަދި އިތުރަށް ގާއިމުކުރެވޭ އައިސްޕްލާންޓްތައް ނިމުމުން ހެޔޮބަދަލަކުން ބޮޑުތަފާތެއް ފެންނާނެ ކަމަށެވެ. އަދި އޭރުން މަހެއްގެ މައްޗަށް ޖުމްލަ 15،000 ޓަނަށް ވުރެ ގިނައިން އައިސް އުފެއްދުމުގެ ގާބިލުކަން ދިވެހި މަސްވެރިކަމުގެ ސިނާއަތަށް އިތުރުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު