މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ ނިންމުމަށް އަމަލު ކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިވިިލް ކޯޓުގައި އެދިއްޖެއެވެ.
އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން ސިޓީ ކައުންސިލުން ނިންމާފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.
އެޗްޑީސީން ބުނީ އެއްބަސްވުން ބާތިލްކުރި މައްސަލައަށް އަމަލުކުރަން ފަސްކޮށްދިނުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހެޅީ މާލެ ސިޓީ ކައުންސިލުގެ ނިންމުމުގެ ސަބަބުން އެ ކޯޕަރޭޝަނުން ވެފައިވާ މަދަނީ އެއްބަސްވުންތަކާއި ލޯނު އެއްބަސްވުންތަކާ އެ ކޯޕަރޭޝަނުން ހިލާފުވުމުގެ ސަބަބުން ކަމަށެވެ. އަދި "ކްރޮސް-ޑިފޯލްޓް" ހާލަތަކަށް ދިއުމުގެ ބޮޑު އިހުތިމާލެއް އޮތުމާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ކޯޕަރޭޝަނާއި ދިވެހި ދައުލަތުން ނަގާފައިވާ ލޯނުތައް އެއްފަހަރާ ޑިފޯލްޓްވުމުގެ އިހުތިމާލު އޮތުމުން ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތައް ހުންނަ ސަރަހައްދުގައި ޖަލްސާއެއް ބާއްވަން ސިޓީ ކައުންސިލުން ހުއްދަ ދީފައި ވަނިކޮށް، އެ ޖަލްސާ އެޗްޑީސީގެ ހުއްދަ ނުނަގައި ނުބޭއްވޭނެ ކަމަށް ބުނުމުން ދެ ފަރާތުގެ ދެމެދުގައި ވަނީ ކޯޅުންގަނޑެއް އުފެދިފައެވެ.
އެ ކޯޅުންގަނޑުގެ ތެރެއިން ހުޅުމާލޭ ރަޖިސްޓްރީ ބާތިލުކޮށްފައި ވަނީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި އެ ކައުންސިލުގެ ބައްދަލުވުމެއްގައެވެ.
މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރި މައްސަލަ އެޗްޑީސީގެ ފަރާތުން މިއަދު ވަނީ ސިވިލް ކޯޓަށާއި އެލްޖީއޭއަށް ހުށަހަޅައިފައެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ ރަޖިސްޓްރީ ބާތިލުކޮށްފައިވާ ކަން އަންގައި މާލެ ސިޓީ ކައުންސިލުން އެ ކޯޕަރޭޝަނަށް ސިޓީއަކުން އަންގާފައިވީ ނަމަވެސް އެ ނިންމުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގާއި ބިމާ ބެހޭ ގާނޫނާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އެހެންކަމުން އެކަން ބަލައި، އެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށާއި އެ ނިންމުން ބާތިލުކޮށްދިނުމަށާއި ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް މާލެ ސިޓީ ކައުންސިލަށް އަންގައިދިނުމަށް އެދި ސިވިލް ކޯޓަށާއި އެލްޖީއޭއަށް މިއަދު އެޗްޑީސީން ހުށަހަޅާފައިވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު