މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާގެ ނިއުޔޯކަށް ނިސްބަތްވާ މޯގޭޖު ކުންފުންޏެއް ކަމަށްވާ ''ބެޓާޑޮޓްކޮމް''ގެ ސީއީއޯ ވިޝާލް ގަރްގު ވަނީ ޒޫމް ކޯލެއް މެދުވެރިކޮށް އެ ކުންފުނީގެ 900 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ. މިކަމާއި ގުޅިގެން ކުރިމަތިވަމުން އަންނަ ފާޑުކިޔުންތަކުގެ ސަބަބުން އެ ކުންފުނީގެ އިސްވެރިން ވަނީ މަގާމުން އިސްތިއުފާ ދޭން ފަށާފައެވެ.

ތިން މިނިޓުގެ ޒޫމް ކޯލުގައި ސީއީއޯ ވިޝާލް ވަނީ މުވައްޒަފުންގެ ފަރުވާކުޑަކަމާއި އުފެއްދުންތެރިކަން ދަށް ކަމަށް ބުނެ އޭގެ ނަތީޖާއެއްގެ ގޮތުން ކަސްޓަމަރުން ގެއްލެމުންދާކަމަށް ބުނެ މުވައްޒަފުން ވަގުތުން ވަކިކުރިކަން އަންގާފައެވެ. އަދި މި މުވައްޒަފުންނަކީ ބަދުނަސީބު ބައެއްކަމުގައިވެސް އޭނާ ވަނީ ބުނެފައެވެ.

އެ ކުންފުނީގެ މުވައްޒަފަކު ވަނީ މި ވީޑިއޯ ރެކޯޑުކޮށް މީސް މީޑިއާއަށް ދޫކޮށްލާފައެވެ. އާއްމުންގެ ނުރުހުން ވިޝާލް އަށް ލިބެން ފެށުމާއެކު ސީއީއޯ ވިޝާލް ވަނީ މައާފަށް އެދި މިއީ ވިސްނައިނުލައި އެޅުނު ގޯސް ފިޔަވަޅެއް ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން އެ ކުންފުނީގައި ވިޝާލްގެ ދަށުން މަސައްކަތްކުރަމުން އަންނަ އިސްވެރިން ވަނީ އިސްތިއުފާ ދޭން ފަށާފައެވެ. އެ ކުންފުނީގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް، ހެޑް އޮފް މާކެޓިން އަދި ވައިސް ޕްރެޒިޑެންޓު މަގާމުން އިސްތިއުފާ ދިނުމަށް މިހާރު ވަނީ ސީއީއޯ އަށް ނޯޓިސް ދީފައެވެ. މުވައްޒަފުންނާ މެދު މިގޮތަށް ކަންތައް ކޮށްފައިވާތީ އާއި އަބަދުވެސް މުވައްޒަފުންގެ މެދުގައި ގެންގުޅޭ ނަސްލީ ތަފާތުކުރުންތަކާއި ހަމަހަމަކަން ނެތުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި އިތުރު މުވައްޒަފުން އިސްތިއުފާ ދޭން ނިންމާފައިކަމަށް ހަބަރުތައް ބުނެއެވެ.

މިވަގުތު ކުންފުނީގައި ތިބި މުވައްޒަފުންގެ ކިބައިން މައާފަށް އެދި ވިޝާލް ވަނީ އީމެއިލެއް ކޮށް، ކުންފުންޏަށް ބުރަ މަސައްކަތްތައް ކޮށްދިން މުވައްޒަފުންގެ އަގު ވަޒަން ކުރުމުގައި އޭނާ ފެއިލިވެ ފައިވާކަމަށް ބުނެފައެވެ. އަދި އޭނާއަށް މިކަމުން އިބުރަތް ހާސިލުކޮށް ރަނގަޅު ވެރިއަކަށް ވުމަށް ފުރުސަތު ދިނުމަށް އޭނާ ވަނީ މުވައްޒަފުންގެ ކިބައިން އެދިފައެވެ.