އެމެޒޯން، އީބޭ، ޓެމޫ، އެޓްސީ އަދި އޮންބައި ފަދަ އޮންލައިން ޕްލެޓްފޯމްތަކުގައި ސްޓާލިން ސިލްވާގެ ގޮތުގައި އިޝްތިހާރުކޮށްގެން ވިއްކާ ގަހަނާތަކެއްގައި ގާނޫނީ މިންގަނޑަށް ވުރެ އިތުރަށް ނުރައްކާތެރި ކެޑްމިއަމް ހުރިކަން ބީބީސީ ވޮޗްޑޮގްގެ ތަހުގީގަކުން ހޯދައިފިއެވެ. ދަ ވަން ޝޯގައި ދެއްކި މި ތަހުގީގަށް އެ 5 ޕްލެޓްފޯމުން ގަތް 25 ގަހަނާއެއް ލެބޯޓަރީގައި ތަހުލީލުކުރިއިރު، އޭގެ ތެރެއިން 8 އެއްޗެއްގައި ކެންސަރަށް މަގުފަހިކުރުވާ ކެމިކަލެއް ކަމަށްވާ ކެޑްމިއަމް ގާނޫނީ މިންވަރަށް ވުރެ އިތުރަށް ހުރި ކަމަށާއި، އަސްލު ސްޓާލިން ސިލްވާގެ މިންގަނޑަށް ފެތެނީ އެންމެ ދެ ގަހަނާ ކަމަށް ބީބީސީ ވޮޗްޑޮގުން ބުނެފައިވެއެވެ.
ބީބީސީ ވޮޗްޑޮގްގެ މި ތަހުގީގު ފެށީ ވަޓްފޯޑްއަށް ނިސްބަތްވާ މިރަންޑާ ކިޔާ މީހަކު 925 ސްޓާލިން ސިލްވާ ކަމަށް ބުނެ އެޓްސީން ގަތް ދެ ފަށެއް އެޅުމުން ކަރުގައި ހިރުވައި ނުރައްކާތެރި އަސަރުތަކެއް ކުރުމާ ގުޅިގެންނެވެ.
ބީބީސީ ވޮޗްޑޮގްގެ ތަހުލީލުތަކުން ދައްކާ ގޮތުގައި، 1.55 ޕައުންޑުގެ އަތުގައި އަޅާ ކެވެލިކޮޅަކާއި 1.99 ޕައުންޑުގެ ކަންފަތުލާ އެއްޗެހި ހިމެނޭހެން ތަހުލީލުކުރި 25 ގަހަނާގެ ތެރެއިން 23 އެއްޗެއްގައި، ސްޓާލިން ސިލްވާ ކަމަށް ބެލުމަށް ބޭނުންވާ 92.5 އިންސައްތަ ރިއްސެއް ނުހުރެއެވެ. އަދި ކެޑްމިއަމް ހުންނާން ޖެހޭ ގާނޫނީ މިންވަރު ކަމަށްވާ 0.01 އިންސައްތައަށް ވުރެ މަތިން ކެޑްމިއަމް ފެނުނު 8 ގަހަނާގެ ތެރޭގައި އެމެޒޯންއާއި ޓެމޫއިން ގަތް ތިން އެއްޗަކާއި، އޮންބައިން ގަތް އެއްޗެއްގެ އިތުރުން އެޓްސީން ގަތް އެއްޗެއް ހިމެނޭ ކަމަށް އެ ތަހުގީގުން ހާމަވެއެވެ.
މި ހޯދުންތަކާ ގުޅިގެން އެމެޒޯން، އީބޭ، ޓެމޫ އަދި އޮންބައިން ބުނީ އޮޅުވާލައިގެން މުދާ ވިއްކުމަކީ މަނާ ކަމެއް ކަމަށާއި، ބީބީސީ ވޮޗްޑޮގުން ފާހަގަކުރި ގަހަނާތައް އެ ޕްލެޓްފޯމްތަކުން މިހާރު ނަގާފައިވާ ކަމަށެވެ. މީގެ އިތުރުން، ރައްކާތެރި ނޫން ކަމަށް އެ ތަހުގީގުން ދެނެގަތް އުފެއްދުންތައް އަނބުރާ ނެގުމުގެ ނޯޓިސް އެމެޒޯންއިން މިހާރު ވަނީ ނެރެފައެވެ. އަދި އެ ތަކެތި ގަތް ކަސްޓަމަރުންނަށް ފައިސާ އަނބުރާ ދިނުމުގެ މަސައްކަތް ފަށައި، އެ އުފެއްދުންތައް ބާޒާރުން ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޮންބައިން ބީބީސީ ވޮޗްޑޮގަށް ބުނެފައިވެއެވެ.

ބީބީސީ
ބީބީސީ
ބީބީސީ
ކޮމެންޓް