ފަސް ފަހަރު ޔޫރަޕްގެ ތަށި ކާމިޔާބު ކޮށްފައިވާ ބާސެލޯނާ، 17 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ.
ބާސާ އެންމެފަހުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ނުހިމެނި ދިޔައީ 2003-04 ވަނަ އަހަރުގެ ސީޒަންގައެވެ. އެފަހަރު ބާސާ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައެއްވެސް ނުވެއެވެ. ބާސާގެ އިގުތިސޯދީ ހާލަތު ވަރަށް ބޮޑަށް ގޯސް، ކްލަބުގެ މުސާރަތައް ދިނުމަށްވެސް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، މި ސީޒަނަށް ޓީމު ނުކުތީ ލިއޮނަލް މެސީއާވެސް ނުލައެވެ. މެސީއަށް ބާސާގެ ކޮންޓްރެކްޓް އާ ނުކުރެވުނީވެސް ބާސާގެ އިގުތިސޯދީ ހާލަތު ގޯސް ކަމުންނެވެ.
ބާސާ މުބާރާތުން ކަޓައިގެން ދިޔައީ ރޭ ބަޔާން މިއުނިކާ ދެކޮޅަށް ޖަރުމަނުގައި ކުޅުނު މެޗުން 3-0 އިން ބަލިވެގެންނެވެ. ބާސާއަށް މެޗަށް ނުކުތް އިރުވެސް ކެޓުމުގެ ބިރާ ކުރިމަތިލާން ޖެހިފައި އޮތް އިރު، އެޓީމަށް ޔަގީން ޖާގައެއް ހޯދެން އޮތީ އަވޭގައި ބަޔާން ބަލިކޮށްގެންނެވެ. އެ ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ބެނިފީކާއި 2-0 އިން ޑައިނަމޯ ކިއޭވް ބަލިކުރި އިރު، ބެނިފީކާ މޮޅުވުމަކީ ބާސާއަށް ގަދަ 16 އުނދަގޫވި ނަތީޖާއެކެވެ. ބާސާ ބަލިވި ނަމަވެސް، ބެނިފީކާ ބަލިވިނަމަ ބާސާއަށް ގަދަ 16 ޔަގީންވީހެވެ.
ޖަރުމަނުގައި ކޮވިޑް 19 ގެ ހާލަތު ގޯސްވުމުން ރޭގެ މެޗު ކުޅުނީ ސަޕޯޓަރުންނާ ނުލައެވެ. ސްނޯގެ ތެރޭގައި ކުޅެން ޖެހުނު މެޗުގައި ބަޔާންގެ ގޯލްތައް ޖަހައިދިނީ ތޯމަސް މުލާ، ލެރޮއީ ސާނޭގެ އިތުރުން ޖަމާލް މުސިއޭލާ އެވެ. މެޗުގައި ބަޔާން ލީޑު ނެގުމުގެ ކުރިން ބާސާއަށް ދެ ފުރުސަތެއް ލިބުނު ނަމަވެސް ކާމިޔާބެއް ނުވިއެވެ. ޖޯޑީ އަލްބާ ޖެހި ބޯޅަ މެނުއަލް ނޯޔާ މަތަކުރި އިރު، އުސްމާން ޑެމްބޭލޭގެ ހަމަލާ ދިޔައީ ބޭރަށެވެ.
ގްރޫޕް އީގެ އެއްވަނައިގައި ބަޔާން ގަދަ 16 އަށް ދިޔައީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ދެވަނައިގައި ބެނިފީކާ ގަދަ 16 އަށް ދިޔަ އިރު، ތިންވަނައަށް ގޮސް ބާސާ ކުޅެން ޖެހޭނީ ޔޫރޮޕާ ލީގުގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު