ޖެންޑާ މިނިސްޓްރީގައި މަސައްކަތް ކުރާ ސިވިލް ސާވިސްގެ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނޯޓިސް ދިނުމާ ގުޅިގެން އެ މުވައްޒިފުންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ދިނުމަށް އިދިކޮޅު ޕްރޮގްރެސިން ކޯލިޝަނުން ނިންމައިފިއެވެ.

ޖެންޑާއިން ވަކިކުރަން ނިންމި ބައެއް މުވައްޒިފުންނާއެކު ޕީޕީއެމް އާއި ޕީއެންސީގެ އިސް ބައެއް ބޭފުޅުން މިއަދު ވަނީ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޕީޕީއެމް އޮފީހުގައެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެ ބައްދަލުވުމުގައި ޕީޕީއެމް އާއި ޕީއެންސީއަށް ނިސްބަތްވާ ބައެއް ގާނޫނީ ވަކީލުންވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި އެ މުވައްޒަފުންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް އާއި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ބައިވެރިވެވަޑައިގެންފައިވެއެވެ.

އެ މުވައްޒަފުންނަށް ނޯޓިސް ދިން މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ރިޒްނާ ޒަރީރު "ވަން" އަށް މީގެ ކުރިން ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިން ރަށްރަށުގެ އަމާން ވެށިތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، މުވައްޒަފުންނާ ބައްދަލުކުރައްވައި މިނިސްޓްރީގެ އެހެން ތަންތަނުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް ދިން ކަމަށް ވިދާޅުވިއެވެ.

"ހިޔާ ހުސްކުރަންވެގެން ހިޔާގައިި ތިބި ކުދިން މިވަނީ އަމާން ވެށިތަކަށް ބަދަލުކޮށްފައި. އޭރުއްސުރެ މުވައްޒަފުންނާ ޕީއެސް ބައްދަލުކުރައްވައި، ފުރުސަތު ދެއްވި. މިނިސްޓްރީގެ އެކި ދިމަދިމާލުގައި ހުރި ތަންތަނުގައި މަަސައްކަތް ކުރުމުގެ ފުރުސަތު،" ރިޒްނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހިޔާގައި 71 މުވައްޒަފުން ތިބި އިރު، އޭގެ ތެރެއިން ތިން މުވައްޒަފަކު މިނިސްޓްރީގެ އެހެން ތަންތަނުގައި މަސައްކަތްކުރުމަށް އޭރު އެއްބަސްވި ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މިހާރު ޖުމުލަ 43 މުވައްޒަފުން މިނިސްޓްރީގެ އެކި ތަންތަނުގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހަތް މުވައްޒަފަކު އަމިއްލަގޮތުން ވަކިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ވަޒީފާއިން ވަކިކުރަން ނޯޓިސް ދިން 21 މީހުންނަކީ ސީއެސްސީއާ ވާހަކަދައްކައިގެން އިންޓާނަލީ ފުރުސަތުތަކެއް ދިނުމަށްފަހު، ސިވިލް ސާވިސް އިން ބަލަން ޖެހޭ، ސިވިލް ސާވިސްގެ އޮނިގަނޑުގެ ތެރެއިން އެ ބޭފުޅުން ނިންމެވި ނިންމެވުމެއް. އެބޭފުޅުން އަޅުގަނޑުމެންނަށް އެ ލިސްޓު ފޮނުވާފައިވަނީ،" ރިޒްނާ ވިދާޅުވެފައިވެއެވެ.