ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ނެރެ ނުދޭން ނިންމައިފިއެވެ.
މިއަދު ކުރިމިނަލް ކޯޓުގައި ވަނީ ރައީސް ޔާމީނުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރުގެ މުއްދަތު ހަމަވާތީ އެ މައްސަލައިގެ އަޑުއެހުން ބާއްވައިފައެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ދައުލަތުން ވަނީ ފުރުން މަނާކުރުމުގެ އަމުރު ދަމަހައްޓަން ފޯމުގައި ބަޔާންކޮށްފައިވާ ސަބަބުތައް ކިޔައީދީފައެވެ. އެ ސަބަބުތަކުގެ ތެރޭގައި ރައީސް ޔާމީން ރާއްޖެ ދޫކޮށް ދާން އުޅޭކަމުގެ ހެކި ލިބިފައިވާ ކަމަށާއި ޔާމީނަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ވުމުން، ރާއްޖެއިން ބޭރުގައި ދިރިއުޅެވޭނެ މާލީ ހާލަތާއި ވަސީލަތްތައް ހަމަޖެއްސޭނެ ކަމަށެވެ. އަދި މައްސަލައިގެ ބާވަތުން ވެސް ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން ޖެހޭނެ ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.
އެ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒު ވިދާޅުވީ ރައީސް ޔާމީނުގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން އެދިގެން ފުލުހުން ކޯޓުގައި އެދުނު ހިސާބުން ފެށިގެން ޕާސްޕޯޓް ހިފަހައްޓަން ކޯޓަށް ހުށަހެޅި ފޯމު ހޯދަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ ފޯމު ލިބުނީ މިއަދު ކޯޓަށް ހާޒިރުވެ ތިއްބައި 9:15 އެހާކަންހާއިރު ކަމަށެވެ. އަދި ވިދާޅުވީ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަން ދިރާސާ ކުރުމަށް ދެ ހަފުތާގެ ވަގުތު ބޭނުންވާނެ ކަމަށެވެ.
ނަމަވެސް ދައުލަތުން ވަނީ ދެ ހަފުތާގެ މުއްދަތެއް ދިނުމަށް އިއުތިރާޒު ކޮށްފައެވެ. ދައުލަތުން ވިދާޅުވީ ފޯމުގައި ހުރި ވާހަކަތަކުގެ އިތުރުން އެހެން އެއްވެސް އެއްޗެއް ދިރާސާ ކުރަން ނުޖެހޭނެ ކަމަށެވެ. އެހެންކަމުން ދިފާއުން އެދުނު މުއްދަތު ދިނުން ރަނގަޅު ނޫން ކަމަށް ވިދާޅުވިއެވެ.
މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލު ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ދަމަހައްޓަން އެދުނު ފޯމުގައި އޮތީ ދެތިން ގަނޑު ކަމަށެވެ. އެހެންކަމުން ދެ ހަފުތާގެ މުއްދަތަކީ މާ ދިގު މުއްދަތެއް ކަމަށެވެ.
ގާޒީގެ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ މީ ޖިނާއީ މައްސަލައަކަށް ވުމުން، މައްސަލައިން ދިފާއުވުމަށް އެކަށީގެންވާ ވަގުތު ލިބިދޭން ޖެހޭ ކަމަށް ގާނޫނޫގައި އޮންނަ ކަމަށާއި އެހެން ނޫނީ އިންސާފުވެރި ޝަރީއަތެއް ނުލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ދިރާސާ ކުރަން ޖެހެނީ ހަމައެކަނި ފޯމުގައި ހުރި ކަންކަން ނޫން ކަމަށާއި މިއަދުގެ ޝަރީއަތުގައި ދައުލަތުން ހަވަލާ ދެއްވި ސުޕްރީމް ކޯޓުގެ ގަޒިއްޔާތައް ވެސް ދިރާސާ ކުރަން ޖެހޭނެ ކަމަށެވެ.
ޑރ. ޖަމީލުގެ ވާހަކަތަކާ ގުޅިގެން ވެސް ގާޒީ ވިދާޅުވީ ދެ ހަފުތާގެ މުއްދަތު މާ ދިގު ކަމަށެވެ.
ވާހަކަ ދެއްކުމުގެ ފަހު ފުރުސަތުގައި ދައުލަތުން ވިދާޅުވީ މިއަދުގެ އަޑުއެހުމަކީ ޕާސްޕޯޓު ހިފަހައްޓަން ނެރުނު އަމުރުގެ މުއްދަތު ހަމަވާތީ ދުރާލައި އަންގައިގެން ބާއްވާ ޝަރީއަތެއް ކަމަށެވެ. އަދި ދިފާއުން ކޯޓަށް ހާޒިރުވާން ޖެހޭނީ މައްސަލައަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އިތުރަށް ދައުލަތުން ވިދާޅުވީ ކުޑަ ވަގުތުކޮޅަށް ޝަރީއަތް މެދުކަނޑާލައި ދިފާއަށް ދިރާސާ ކުރުމުގެ ފުރުސަތު ދިނުމަށްފަހު އަލުން ޝަރީއަތް ފަށައި މައްސަލައިގެ ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ޝިޔާޒު ވިދާޅުވީ މިއަދު ޝަރީއަތުގެ ވާހަކަ ދުރާލައި އެންގި ކަމަށް ދައުލަތުން ވިދާޅުވާއިރު މި ޝަރީއަތަކީ އާ އަމުރަކަށް އެދެން ބާއްވާ ޝަރީއަތެއް ކަން ނޫނީ ކުރިން ނެރުނު އަމުރު ދަމަހައްޓަން ބޭއްވި އަޑުއެހުމެއްކަން ވެސް ނޭނގޭ ކަމަށެވެ.
ދައުވާ ލިބޭ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ފިއްލަވާނެ ކަމުގެ ހެކި ހުރިކަމަށް ފުލުހުންނާ ހަވާލާދީ ދައުލަތުން ބުނާއިރު، އެއީ ބޮޑެ ތުހުމަތެއް ކަމަށާއި އެ ހެކިތައް ބައްލަވަން ބޭނުންފުޅުވާ ކަމަށެވެ. ފުލުހުން ކޮށްފައި އެވަނީ ކޮށްގެން ނުވާނެ ކަހަލަ ތުހުމަތެއް ކަމަށާއި އެމަނިކުފާނު ފިއްލަވަން އެއްވެސް އިރަކު ހިތަށް ވެސް ނުގެންނަވަނީސް ފުލުހުންނަށް ހެކި ލިބުނު ގޮތް އެނގިވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.
އެއަށްފަހު ޝަރީއަތް ވަނީ މެނދުކަނޑާލައިފައެވެ. ދެން ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ހަވީރު 4:00 ގައެވެ.
ހަވީރު ބޭއްވި ޝަރީއަތުގައި ވާހަކަ ދައްކަވަމުން ޝިޔާޒު ވިދާޅުވީ ޔާމީންގެ ޕާސްޕޯޓު ހިފެހެއްޓޭނެ އެއްވެސް ގާނޫނީ ހަމައެއް ދައުލަތައް ދެއްކިފައިނުވާ ކަމަށެވެ. އަދި ރައީސް ޔާމީން ޝަރީއަތަށް ފިއްލަވަން އުޅުނު ކަމުގެ ހެކިވެސް ދައުލަތަށް ދެއްކިފައިނުވާ ކަމަށެވެ. އިތުރަށް ވިދާޅުވީ ކޯޓަށް ހާޒިރުނުވެ ފިލައިގެން ވެސް ރައީސް ޔާމީން ނޫޅުއްވާ ކަމަށެވެ.
ރައީސް ޔާމީނުގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާކަން ފާހަގަކުރައްވައި ޝިޔާޒު ވިދާޅުވީ ދައުލަތުން އެދިފައިވަނީ ދެ ޕާސްޕޯޓެއް ހިފަހައްޓަން ކަމަށެވެ. އެއީ އޯޑިނަރީ ޕާސްޕޯޓާއި ޑިޕްލޮމެޓިކް ޕާސްޕޯޓެވެ. އޯޑިނަރީ ޕާސްޕޯޓުގެ މުއްދަތު މިއަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ހަމަވެފައިވާ ކަމަށާއި ޑިޕްލޮމެޓިކް ޕާސްޕޯޓު އޮތީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށް ޝިޔާޒު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ސައްހަ ޕާސްޕޯޓެއް ނެތި، ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނުނެރެވޭނެ ކަމަށާއި އެކަމުގެ ސަބަބުން އެއްވެސް ނަތީޖާއެއް ވެސް ނުނިކުންނާނެ ކަން ޝިޔާޒު ވަނީ ފާހަގަ ކުރައްވައިފައެވެ.
ޝިޔާޒު ދެއްކެވި ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ އަލުން ޕާސްޕޯޓެއް ހަދައިގެން ރައީސް ޔާމީނަށް ރާއްޖެއިން ފުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ދައުލަތުގެ އެ ވާހަކަތަކަށްފަހު ގާޒީ ވަނީ ދައުލަތާ ސުވާލުތަކެއް ކުރިމަތިކުރުވައިފައެވެ.
އެގޮތުން ފުރަތަމަ ކުރެއްވި ސުވާލަކީ ރައީސް ޔާމީންގެ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިކާން ދައުލަތަށް އެގިފައިވޭތޯއެވެ. ޖަވާބުގައި ދައުލަތުން ވިދާޅުވީ މުއްދަތު ހަމަވެފައިވާކަން އެނގޭ ކަމަށެވެ. އަލުން ރައީސް ޔާމީން ޕާސްޕޯޓެއް ހައްދަން ހުށަހެޅިޔަސް އެކަން ދައުލަތަށް ނޭނގޭނެ ކަމަށެވެ. ދެން ގާޒީ ކުރެއްވި ސުވާލަކީ ޕާސްޕޯޓް އާ ކުރާ ކޮންމެ ފަހަރަކު, ޕާސްޕޯޓު ނަންބަރު އާ ވާނެތޯއެވެ. ދައުލަތުން ވިދާޅުވީ ޕާސްޕޯޓް އާ ކުރުމުން ޕާސްޕޯޓްގެ ނަންބަރު ބަދަލުވާނެ ކަމަށެވެ.
އެއަށްފަހު ގާޒީ ވަނީ 10 މިނެޓަށް ޝަރީއަތް އަނެއްކާވެސް މެނދުކަނޑާލައިފައެވެ. އެއީ މައްސަލައިގެ އަމުރު ނެރުމަށް ބޭނުންވާ ދިރާސާތައް ކުރުމަށެވެ. އަލުން ޝަރީއަތް ފަށާފައިވަނީ ދެ ގަޑިއިރަށްވުރެ ފަހުންނެވެ.
ދެ ފަރާތުން ދެއްކި ވާހަކަތަކައް ރިއާޔަތްކުރުމަށްފަހު ގާޒީ އަމުރުކުރީ ދައުލަތުން އެދުނުގޮތަށް ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓައިދޭން އަމުރެ ނެރެދެވެން ނެތް ކަމަށެވެ. އެގޮތަށް އަމުރު ނެރުނީ ދައުލަތުން އެދިފައިވަނީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ހިފެހެއްޓުމުގެ އަމުރަކަށް ކަމަށާއި އަދި ރާއްޖެއިން ބޭރުގައި ދިރިއުޅުމުގެ މާލީ ތަނަވަސްކަމާއި ވަސީލަތް ރައީސް ޔާމީނަށް ލިބިފައިވިޔަސް، ރާއްޖެ ދޫކޮށް އެމަނިކުފާނު ފުރުއްވަން އުޅޭކަމުގެ ހެކިތައް ޝަރީއަތަށް ހުށަހަޅާފައި ނުވުމުންނެވެ.
އެ އަމުރުގައި ގާޒީ އިތުރަށް ވިދާޅުވީ ރައީސް ޔާމީން ރާއްޖެ ދޫކޮށް ފުރަން އުޅޭކަމުގެ ހަރުދަނާ ހެއްކެއް ލިބިއްޖެނަމަ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އަލުން އެދެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު