އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުން ކުރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ.
މީގެ ކުރިން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުންހުރި ފައިސާއިން މަނީލޯންޑާކުރި މައްސަލައިގައި ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް މިދިޔަ އަންގާރަ ދުވަހު ވަނީ ސުޕްރީމް ކޯޓުން ބާތިލުކޮށްފައެވެ.
މާދަމާ ކުރިމިިނަލް ކޯޓަށް ތާވަލު ކޮށްފައިވާ ދެ ދައުވާގެ ތެރޭގައިވެސް މަނީ ލޯންޑްރިންގެ ކުށުގެ އިތުރު ދައުވާއެއް ހިމެނެއެވެ. އޭގެ އިތުރުން ދެން ހިމެނެނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެކެވެ. މި ދައުވާތަކުގެ އަޑުއެހުން ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ.
މި ދެ ދައުވާގެ އަޑުއެހުންތަކެއް މީގެ ކުރިންވެސް ކުރިމިނަލް ކޯޓުގައި ވަނީ ބާއްވައިފައެވެ. މި އަޑުއެހުންތަކުގައި ކުރިއަށްދިޔައީ ޝަރީއަތުގެ ކުރިން ދެ ފަރާތުން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމުގެ ކަންތައްތަކެވެ.
މިއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދެ ދައުވާއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރައީސް ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) އެމެރިކާ ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައެވެ.
އެ މައްސަލައިގެ ތެރެއިން ޖުމްލަ 38،334،560 (ތިރީސް އަށް މިލިއަން ތިން ލައްކަ ތިރީސް ހަތަރު ހާސް ފަސް ސަތޭކަ ފަސްދޮޅަސް) އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެއެވެ.
އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 (އެއް މިލިއަން ތިން ލައްކަ ސާޅީސް ނުވަ ހާސް އަށް ސަތޭކަ އަށްޑިހަ ފަސް) އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 (ދެ މިލިއަން ދެ ލައްކަ ނުވަދިހަ ފަސް ހާސް ދުއިސައްތަ ފަންސާސް) އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 (ތިރީސް ހަތަރު މިލިއަން ހަ ލައްކަ އަށްޑިހަ ނުވަ ހާސް ހަތަރު ސަތޭކަ ފަންސަވީސް) އެމެރިކާ ޑޮލަރެވެ.
މީގެ އިތުރުން ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައިވެސް ޔާމީންގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.
އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ރުފިޔާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށް ދޭން އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ، ހުސްވި އޭޕްރީލް މަހުގެ ތެރޭގައެވެ.
އާރަށު މައްސަލަ ތަހުގީގުކޮށްފައިވަނީ ފުލުހުންނެވެ. ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު