ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރި އިރު، ވާދަވެރި ބާސެލޯނާ އާ ކޯޗު ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން ފުރަތަމަ ފަހަރަށް ބަލިވެއްޖެއެވެ.

ރެއާލް މެޑްރިޑުން އަވޭގައި ރޭ ރެއާލް ސޮސިއެދާދާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރަނގަޅު ފޯމެއްގައި އޮތް ރެއާލް މިވަގުތު ލަލީގާ ތާވަލުގެ އެއްވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑެއްގައެވެ. މިހާތަނަށް ލީގުގައި ކުޅުނު 16 މެޗުން 39 ޕޮއިންޓް އެޓީމަށް ލިބިފައިވާ އިރު، ދެވަނައިގައި ސެވިއްޔާ އޮތީ 15 މެޗުން 31 ޕޮއިންޓާ އެކުގައެވެ.

ރެއާލް މިހާރު އޮތް މަގާމުން އެންމެފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑާ 10 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އޭގެ އިތުރުން އުނދަގޫ ހާލަތެއްގައި އޮތް ރެއާލްގެ އެންމެ ވާދަވެރި ބާސެލޯނާއަށްވުރެ ރެއާލް އޮތީ 16 ޕޮއިންޓް ކުރީގަައެވެ.

މެޗުގައި ރެއާލްއިން ޖެހި ފުރަތަމަ ގޯލު އެޓީމަށް ޖަހައިދިނީ މި ސީޒަނުގައި އެންމެ ވަރުގަދަކޮށް ފެންނަ، ބްރެޒިލްގެ ޒުވާން ތަރި ވިނީޝިއަސް ޖޫނިއާއެވެ. ލޫކާ މޮޑްރިޗާއެކު ރަނގަޅު ކޮމްބިނޭޝަން ކުޅުމެއް ކުޅެ ވިނީޝިއަސް ފޮނުވާލި ބޯޅަ އަމާޒުކޮށްލި ގޯލުގެ ތިރީ ކަނަށެވެ. މެޗުގެ ފުރަތަމަ ހާފްގައި ރެއާލްއަށް މާޔޫސް ކަމަކަށް ދިމާވީ ޓީމުގެ ކެޕްޓަން ކްރިމް ބެންޒެމާއަށް އަނިޔާވެ ބާލަން ޖެހުމެވެ. އޭނާ ބަދަލުގައި ޖޮވިޗް ކުޅެން ނުކުމެފައިވާ އިރު، މެޗުގައި ރެއާލްއިން ޖެހި ދެވަނަ ގޯލު ޖެހީ އޭނާއެވެ.

ބާސާއިން ރޭ އަމިއްލަ ދަނޑުގައި ރެއާލް ބެޓިސް އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ޓީމުގެ ކޯޗުކަމާ އަލަށް ހަވާލުވި ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން ބާސާ ފުރަތަމަ ފަހަރަށް ރޭ ބަލިވި އިރު، އޭގެ ކުރިން ޒަވީއާއެކު ކްލަބުން ކުޅުނު ލީގު ދެމެޗުން މޮޅުވެ، ޗެމްޕިއަންސް ލީގުގެ މެޗުގައި ވަނީ ބެނިފީކާއާ އެއްވަރު ކޮށްފައިވެއެވެ.

މެޗުގެ ހަމައެކަނި ގޯލު ބެޓިސްއަށް ޖުއާންމީ ކާމިޔާބު ކޮށްދީފައިވާ އިރު، ބާސާގެ ނުރައްކާތެރި ހަމަލާތައް ފެނުނީ ފިލިޕް ކުޓީނިއޯއާއި އުސްމާން ޑެމްބޭލޭގެ ފަރާތުންނެވެ. އެ ދެކުޅުންތެރިންގެ ހަމަލާތައްވެސް ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

ރޭގެ މެޗުން ބަލިވެ ބާސާ އޮތީ ލީގު ތާވަލުގެ ހަތްވަނައިގައެވެ. އެޓީމަށް 15 މެޗުން ލިބެނީ 23 ޕޮއިންޓެވެ.