ރާއްޖޭގެ ޝަރުއީ ކޯޓުތަކަކީ މަހުޖަނުންގެ ކެސީނޯއަކަށް ވެގެން ނުވާނެ ކަމަށާއި ކޯޓުތަކަކީ ސަރުކާރަށް ސިޔާސީ މަސައްކަތްކޮށްދޭ ތަންތަނަށް ވެގެން ނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާ ގުޅިގެން މަރުހަބާ ދެންނެވުމަށް ރޭ ބޭއްވި "މަރުހަބާ ރައީސް ޔާމީނު" ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޑރ. ޖަމީލު ވިދާޅުވީ ރާއްޖެ ތަރައްގީކުރަން ބޭނުންކަމުގައިވާ ނަމަ، ޖޭއެސްސީ އިސްލާހު ވާން ޖެހޭ ކަމަށާއި ސިޔާސީ މީހުން އެއްފަރާތް ވާން ޖެހޭ ކަމަށެވެ.
"ޝަރުއީ ކޯޓުތަކަކީ މަހުޖަނުންގެ ކެސީނޯއަކަށް ވެގެން ނުވާނެ. ޝަރުއީ ކޯޓުތައް އެބަޖެހޭ މިނިވަން ވާން. ޝަރުއީ ކޯޓުތަކަކީ ސަރުކާރަށް ސިޔާސީ މަސައްކަތްކޮށްދޭން ތަންތަނަށް ވެގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ ކޯޓުތަކަކީ ދިވެހިންގެ ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ލިޔުނު މުގައްދަސް ބައިތައް ހިފަހައްޓަން ހުރި ތަންތަން ކަމަށާއި އެއްވެސް ހާލެއްގައި ކޯޓުތަކަކީ ސަރުކާރުގެ އާރުކާޓީއެއް ނޫން ކަމަށެވެ. އަދި ކޯޓުތަކަކީ އެއްވެސް ހާލެއްގައި ސަރުކާރު ނަގަހައްޓައިދޭ ތަންތަން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
"ކޯޓުތަކަކީ އެއްވެސް ހާލެއްގައި ސަރުކާރަށް ސިޔާސީ ބަދަލު ހިފައިދޭ ތަންތަނަށް ވެގެން ނުވާނެ. އަޅުގަނޑުމެން މި މައްސަލައިގެ ތެރޭގައި އުޅުނު އިރު، ހަމަ މިއަދުވެސް ހިތާމައާއެކު ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ ޖިނާއީ ކޯޓު، ކްރިމިނަލް ކޯޓު، ހާއްސަކޮށް ޓްރަޔަލް ކޯޓުތައް ފެނިގެންދަނީ ސަރުކާރަށް ސިޔާސީ ބަދަލު ހިފައިދޭ ތަންތަނުގެ ގޮތުގައި،" ޖަމީލު ވިދާޅުވިއެވެ.
ޖަމީލު އިތުރަށް ވިދާޅުވީ އެގޮތަށް އެކަން އޮވެއްޖެ ކަމަށްވަންޏާ މާދަމާ ވެސް ރާއްޖޭގެ ތަރައްގީއަށް އޮތް އެންމެ ބޮޑު ހުރަހަކީ އަދުލުގެ ނިޒާމު ކަމަށާއި މިއަދު ޖޭއެސްސީ ސިފަވަނީ ކަންމަތީ ފިހާރައެއްގެ ގޮތުގައި ކަމަށެވެ. އަދި ޖޭއެސްސީ މިނިވަންކުރުމަށް އެމްޑީޕީން ވެފައިވާ ވައުދު ފުއްދިފައިނުވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު