ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހޫނު ރައްދެއް ދެއްވައިފިއެވެ.

"މަރުހަބާ ރައީސް ޔާމީން"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ޔާމީން ވިދާޅުވީ، ދިވެހި އަސްކަރިއްޔާއަށް މުހިންމުވާން ޖެހޭނީ ސަރުކާރެއް ހިމާޔަތްކުރުމަށް ވުރެ ގައުމު ހިމާޔަތްކުރުން ކަމަށާއި ސިފައިންގެ ހުވާގައިވެސް އޮންނާނީ އެގޮތަށް ކަމަށެވެ.

އިންޑިއާގެ ސިފައިން ރާއްޖެއިން ފައިބަން ޖެހޭކަން ފާހަަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެކަން ޑިފެންސް މިނިސްޓްރީއާއި ހާރިޖިއްޔާގެ ރެކޯޑުތަކުން ފެންނަން އޮންނާނެ ކަމަށެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު ފޮނުވާލުމަށް ކުރީ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރައްވާ ކަމަށް މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވުމަކީ، އިތުރުފުޅެއް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

"ރައީސް ޔާމީން ސީރިއަސްކޮށް އިންޑިއާ ހެލިކޮޕްޓަރުތައް ފޮނުވާލަން އުޅުއްވިނަމަ އިންޑިއާ ހެލިކޮޕްޓަރެއް މިތާކު ނުހުންނާނެއޭ ވިދާޅުވީ. މިއީ ކޮން ކަހަލަ ބަސްފުޅެއްތޯ؟ އަޅުގަނޑުމެން ކޮށްފައި ހުރި މަސައްކަތް ޑިފެންސް މިނިސްޓްރީގައި ފެންނަން ހުންނާނެ، ދިވެހި ހާރިޖިއްޔާގައި ފެންނަން ހުންނާނެ. ހަމަގައިމުވެސް ނޯންނާނެ މިތާ އޯވަސްޓޭ ކުރި، އަޅުގަނޑުމެންގެ ވެލްކަމް އޯވަސްޓޭ ކުރި މީހުންނަށް އަޅުގަނޑުމެން ވިސާއެއް ނުދެން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ރާއްޖެއަކީ އިންޑިއާގެ ޓައުނެއްގެ ގޮތުގައި އެގައުމުން ގަބޫލުކޮށްގެން ނުވާނެ ކަމަށާއި ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބަނީ މިހާރު އޮތް ސަރުކާރުގެ ހިޔާނާތްތެރި ރޭވުމުން ކަމަށެވެ.

އިންޑިއާ އައުޓް ކެމްޕެއިނަކީ އެމަނިކުފާނުގެ އިސްނެންގެވުމަށް ފެއްޓެވި ކެމްޕެއިނެއްކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ޖެހޭ ކަމަށާއި އިންޑިއާ ސިފައިންނަށް ރާއްޖޭގައި ޖާގައެއް ނެތް ކަމަށެވެ.