ޚަބަރު

ރައީސް ޔާމީން، އިމްރާނަށް: އަޅުގަނޑު ބޭނުންވީ ޖަލުން ކުކުޅު ބިރިޔާނީ ކާކަށް ނޫން، ބޭނުންވީ ހައްގު!

މުހައްމަދު އިޝާން

އެއްވެސް އިރެއްގައި ޖަލުން ކުކުޅު ބިރިޔާނީ ކާން ބޭނުންފުޅުވެގެން އެދިވަޑައިގެންފައި ނުވާނެ ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފާޑުވިދާޅުވެއްޖެއެވެ.

"މަރުހަބާ ރައީސް ޔާމީން"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން އެގޮތަށް ވިދާޅުވެފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެމަނިކުފާނާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކަށް ރައްދުދެއްވަމުންނެވެ.

ޔާމީން ވިދާޅުވީ، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް އެއް މަރުހަލާއިން އެމީހަކީ ކުށްވެރިއެއް ކަމަށް ކަނޑައެޅުމުން އެ ހިސާބުން އެމީހަކު ބޮޑު މުޖުރިމަކަށް ވެގެންދާ ކަމަށާއި ބޮޑު މުޖުރިމެއްކަމަށް ކަނޑައަޅާއިރު އިސްތިއުނާފީ ދެ މަރުހަލާއެއް އޮންނަ ކަމަށެވެ. އަދި އެ ދެ މަރުހަލާއިން ހައްގުތަކެއް ލިބިދޭ ކަމަށާއި އެ ހައްގުތައް ފޯރުކޮށް ދިނުމުގައި ދީލަތިވާން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހިތަށް އަރަނީ ވިސްނާލަން ޖެހޭ ކަމެއްކަން ނޭނގެ މިހާރު، ސިޔާސީ ކުށެއްގެ ތުހުމަތުގައި މީހަކު ހުރުމަކީ ނޫނީ އެއް މަރުހަލާއިން މީހަކާ ދޭތެރޭ ހުކުމް ކުރުމަކީ އަދި އެމީހާއަކީ މުޅިން ބޮޑު މުޖުރިމަކަށް ވެގެންދާ ކަމެއް ނޫން. އިންސާފުގެ އިސްތިއުނާފުގެ ދެ މަރުހަލާ އެބައޮވޭ. ދެ މަރުހަލާ އޮންނައިރު އޭނާއަށް ހައްގުތަކެއް ލިބޭ، ހައްގުތަކެއް ކަށަވަރުވޭ އެބަ، އަޅުގަނޑުމެން އެބަ ދީލަތިވާން ވާން ޖެހޭ ދެއްތޯ،" ޔާމީނު ވިދާޅުވިއެވެ.

ޔާމީނު ވިދާޅުވީ ޖަލު ބަންދުގައި ހުންނަ އިރުވެސް އިމްތިޔާޒުތަކެއް ލިބިދޭ ކަމަށާއި ނަމަވެސް މިނިސްޓަރު އިމްރާން ހައްގުތައް ފޯރުކޮށްދިނުމުގެ ބަދަލުގައި ވިދާޅުވަނީ ޔާމީނު ހުންނަވަނީ ރަނގަޅަށް ކައިގެން ކަމަށެވެ. އަދި ކަނީވެސް ކުކުޅު ބިރިޔާނީ ކަމަށެވެ. އެކަމާ ގުޅިގެން ޔާމީނު ވިދާޅުވީ ޖަލު ބަންދެއްގައި ހުންނަ މީހަކަށް ބޭނުންވާނީ ކުކުޅު ބިރިޔާނީއެއް ނޫން ކަމަށާއި، އެމަނިކުފާނު އުޅުއްވަނީ ކާނެ އެއްޗެއް ނުލިބިގެން ވެސް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ޖަލު ބަންދުގައި ތިބޭއިރު ވެސް އަޅުގަނޑުމެންނަށް ލިބެން ޖެހޭ އިމްތިޔާޒުތަކެއް އެބަހުރޭ. ޖަލު ބަންދުގައި ހުންނައިރު އިމްރާން ވަޑައިގެން މި ވިދާޅުވަނީ ރަނގަޅަށް ކައިގެން މިއަދު ވެސް ކާންދިނީ ކުކުޅު ބިރިޔާނީއޭ. ކާކުތޯ ކުކުޅު ބިރިޔާނީ ކާން މި އުޅެނީ. މިއީތޯ ޖަލު ބަންދުގައި ހުންނަ މީހުން ބޭނުންވާ އެއްޗަކީ. އަޅުގަނޑު މި އުޅެނީކީ ކުކުޅު ބިރިޔާނީ ކާން ނުލިބިގެނެއް ނޫނޭ. ފަހަރެއްގައި އިމްރާނަށް ވެދާނެ އެއީ ވަރަށް މީރު ކެއުމަކަށް. މި ހުންނަނީ ދިވެހި ދައުލަތުގެ ވަޒީރު ދާހިލީ ވަޒީރު ވަޑައިގެން އަޅުގަނޑާ ބެހޭގޮތުން ދައްކާ ވާހަކަ. ވަރަށް ހަމަޖެހިގެންނޭ ވަރަށް ރަނގަޅު އެއްޗެހި ކައިގެންނޭ ހުންނަނީ، މާތްކަލާކޯއޭ ކާކަށް ނޫނޭ ޖަލަށް ދިޔައީކީ. އެނެއްކާ އަޅުގަނޑަށް އިންޑިއާގެ ފަރާތުން ރިޒުގު ނުލިބިދާނެތީއެއް ވެސް ނޫނޭ އަޅުގަނޑު ޖަލަށް ލައިގެން އުޅުނީ،" ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ، ރާއްޖޭގެ ވެރިކަން އަނެއްކާވެސް ލިބިއްޖެނަމަ ޖަލުތަކުގައި ބަންދުކޮށްފައިވާ ގައިދީންނަށް އެމީހުންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ރިސާޗު ހެދުމުގެ ފުރުސަތު ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ވެސް ވަރަށް ގިނައިން ފޮތްކިޔާ ކަމަށާއި ދުނިޔޭގެ ތަހުޒީބީ ހުރިހާ ގައުމުތަކެއްގައި ވެސް ގައިދީންނަށް ރިސާޗު ކުރުމުގެ ފުރުސަތު ލިބިދޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ހިތަށް އަރަނީ އަޅުގަނޑުމެންނަށް ދެން މި ފުރުސަތު ލިބިދީފިނަމަ އެބަޖެހެއޭ ގައިދީންނަށް ރިސާޗު ކުރުމުގެ ހައްގު ލިބިދޭން. އަޅުގަނޑުވެސް އެބަކިޔަން ބޭރުގެ އެތައް ފޮތެއް ވެސް، އެންމެ ތަހުޒީބީ ގައުމުތަކުގައި ވެސް ރިސާޗު ކުރުމުގެ ހައްގު ގައިދީންނަށް ލިބޭ. މަރުގެ ހުކުމް ތަންފީޒުވަމުންދާ މީހުންނަށް ވެސް ރިސާޗު ކުރުމުގެ ފުރުސަތު އެބަ ލިބޭ،" ޔާމީނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ގައުމެއްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ޝަރީއަތަށް ހާޒިރުކުރާއިރު ވަކީލުންގެ އެހީއާނުލައި ކުށަށް އިންކާރުކޮށް އެ ކުށުން ބަރީއަވުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ހުކުމްކޮށް ނިމޭއިރަށް ބޯ އަނބުރައިގެން ވެއްޓިގެންވެސް ނުވާނެ ކަމަށެވެ.

"އަޅުގަނޑު، އަޅުގަނޑުގެ ލޯޔަރުންނަށް ބަރޯސާވަން އިތުބާރުކުރަން. އެހެންނަމަވެސް އަޅުގަނޑު ބޭނުންވާނެ ދެއްތޯ ހަގީގަތުގައި އަޅުގަނޑުގެ ނަފްސު ދެއްތޯ މި އޮންނަނީ ކަތިލެވިގެން. އެހެންވީމާ އަޅުގަނޑު ބޭނުންވާނެ ރިސާޗު ކޮށްގެން މިކަންކަމުން ހަމަ އަޅުގަނޑަށް ލިބޭ އިލްމެއްގެ އަލީގައި ވަކާލާތުކުރަން،" ޔާމީނު ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރައްޔިތުން ތިބީ އެތަކެއް ހައްގުތަކެއް ސަރުކާރަށް ދޫކޮށްލައިގެން ކަމަށާއި އޭގެ ތެރޭގައި މިނިވަންކަމުގެ ހައްގުތައް ވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން ސަރުކާރުން ހައްގުތައް ފޯރުކޮށްދިނުމުގައި ސަމާލުވާން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.