ކުންފުނިތައް ހިންގަން ބޭރުމީހުން އައްޔަންކުރަނީ އެކުންފުނިތައް ވިއްކާލަން މަގުފަހިކުރުމަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީނު ލީޑަރުކަން ކުރައްވާ ޕީޕީއެމް/ޕީއެންސީން މިރޭ ކާނިވަލުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޔާމީނު ވިދާޅުވީ، މި ސަރުކާރުން ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭރު މީހުން އައްޔަންކުރަނީ ގާބިލު ދިވެހިން ނެތިގެން ނޫން ކަމަށާއި ކުންފުނިތަކަށް ބޭރު މީހުން އައްޔަން ކުރަނީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި 13 ކުންފުންޏެއް ވިއްކާލަން ޖަހާފައި އޮތުމުން އެކަން ކުރުމުގެ މަގުސަދުގައި ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ ގައުމުގައި ކުންފުންޏެއް ނެތް ދިވެއްސެކަށް މެނޭޖިން ޑިރެކްޓަރުކަން ކުރެވޭ. އެއާޕޯޓު ކުންފުންޏެއް ވިޔަސް އެހެން ކުންފުންޏަކަށް ވިޔަސް ނުކުރެވޭ. އެކަމަކު އެއީ ގަބޫލުނުކުރައްވާތި އެއީ އަޅުގަނޑުމެންގެ ތެރޭގައި ގާބިލު މީހުން ނެތިގެންނޭ. ކީއްކުރަންތޯ އެ ގަބޫލުކުރަންވީ، ގާބިލު މީހުން ނެތިގެންނެއް ނޫން އެއީ. އެ ތައްޔާރުވަނީ މިހާރު ބަޖެޓުގައި ޖަހާފައި އޮތް 13 ކުންފުނި ވިއްކާލަން އެ ތައްޔާރުވަނީ،" ޔާމީނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ކުންފުނިތަކަށް ބޭރުގެ މެނޭޖިން ޑިރެކްޓަރުން އައްޔަންކޮށް އެކަން އާދައިގެ ކަމެއްގެ ގޮތުގައި ހަދަން ކަމަށެވެ.

"އެހެންވީމަ ކްލައިމަޓައިޒް ކުރަނީ، ފެމިލެރައިޒް ކުރަނީ ބޭރު މީހުން ކުންފުނިތަކާ ދޯޅު ކުރުވަނީ. އަޅުގަނޑު ހިތށް އަރާ ކޮން ދުވަހަކުން ބާއޭ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އައުމަށް ވެސް ބޭރު މީހަކަށް ދައުވަތުދޭނީ ކޮންޓްރެކްޓު އުސޫލުން،" ޔާމީނު ވިދާޅުވިއެވެ.

ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވަމުން ޔާމީނު ވިދާޅުވީ، މި ސަރުކާރުން ކުރާ ކަމަކީ ކޮވެލި ހާލި ހެދީމަ ކާޅު ބިސް އަޅާ އުސޫލުން ރިބަން ފަށް ކެނޑުން ކަމަށެވެ.

ޔާމީނު އެގޮތަށް ވިދާޅުވީ، މި ސަރުކާރުން އެމަނިކުފާނުގެ ސަރުކާރުގައި ކުރަން ނިންމާފައިވާ ބައެއް މަޝްރޫއުތައް އަލުން ހިންގަން އިއުލާނު ކުރުމުންނާއި އެމަނިކުފާނުގެ ވެރިކަމުގައި ނިންމާފައި ހުރި ތަންތަން މި ސަރުކާރުން ހުޅުވަމުންދާކަން ފާހަގަކުރައްވައެވެ.

"މިހާރު އަހަރެމެންނަށް ވަރަށް ގިނައިން ފެނޭ ކޮވެލި ހާލި ހެދީމަ ކާޅު އައިސް ޖައްސާފަ ދާތަން. ޖައްސާފައިދާތަން މިއީ ކީއްތޯ މިކުރަނީ. އަޅުގަނޑުމެންނަށް ފެނިގެންމިދަނީ ހަމަ ހައްތަހާވެސް ރިބަންފަށް ކަނޑާތަން. އެހެންވެގެން ކޮވެލި ބުރަ މަސައްކަތްތަކެއް ކުރީމަ ކާޅު އެ ހާއްޔަށް ދޯ. ދޯޅުވާ ސަބަބު މި ދެންނެވީ ހަމަ ރިބަންފަށް ކެނޑުން،" ޔާމީނު ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ ސިިޔާސަތުތަކަށް ވެސް ޔާމީނު ވަނީ ފާޑުވިދާޅުވެފައެވެ.