މިހާރު މިއޮތީ ކާޅު ހާލި ހެދީމަ ކޮވެލި ބިސް އެޅުން ކަމށާއި މިހާރު ކުރާ ކަމަކީ ރިބަން ފަށް ކެނޑުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެގޮތަށް ވިދާޅުވީ މިރޭ އަލިމަސް ކާނިވަލުގައި ޕީޕީއެމް/ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެ ޖަލްސާގައި ޔާމީނު ވިދާޅުވީ، މިހާރު އެންމެ ގިނައިން ފެންނަނީ ކޮވެލި ކާޅު ހެދީމަ ކާޅު ބިސް އަޅާތަން ކަމަށެވެ.

ޔާމީނު އެގޮތަށް ވިދާޅުވީ މި ސަރުކާރުން އެމަނިކުފާނުގެ ސަރުކާރުގައި ކުރަން ނިންމާފައިވާ ބައެއް މަޝްރޫއުތައް އަލުން ހިންގަން އިއުލާނު ކުރުމުންނާއި އެމަނިކުފާނުގެ ވެރިކަމުގައި ނިންމާފައި ހުރި ތަންތަން މި ސަރުކާރުން ހުޅުވަމުންދާތީއެވެ.

"މިހާރު އަހަރެމެންނަށް ވަރަށް ގިނައިން ފެނޭ ކޮވެލި ހާލި ހެދީމަ ކާޅު އައިސް ޖައްސާފަ ދާތަން. ޖައްސާފައިދާތަން މިއީ ކީއްތޯ މިކުރަނީ. އަޅުގަނޑުމެންނަށް ފެނިގެންމިދަނީ ހަމަ ހައްތަހާވެސް ރިބަންފަށް ކަނޑާތަން. އެހެންވެގެން ކޮވެލި ބުރަ މަސައްކަތްތަކެއް ކުރީމަ ކާޅު އެ ހާއްޔަށް ދޯ. ދޯޅުވާ ސަބަބު މި ދެންނެވީ ހަމަ ރިބަންފަށް ކެނޑުން،" ޔާމީނު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ޔާމީނު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ނައިބު ރައީސް ފައިސަލް ނަސީމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވައިފައެވެ. ޔާމީނު ވިދާޅުވީ ނައިބު ރައީސް ފައިސަލްގެ ފަރާތުން ވަރަށް ބުރަކޮށް އުޅުއްވާ ބޭފުޅެއްގެ މަންޒަރު ފެންނަ ކަމަށާއި ނަމަވެސް ނައިބު ރައީސް ކުރައްވާ މަސައްކަތުން އެއީ އެހާ ބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅެއްކަން ދޭހަނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މިވަގުތުގެ ނައިބު ރައީސް ކޮންކަމެއްތޯ ކުރަނީ ވަރަށް ބުރަކޮށް އެ އުޅުއްވަނީ، އެ ވަރަށް ބުރަކަށް އުޅުއްވަނީ ކީއްކުރަންތޯ؟ އިމާރާތަކަށް ގޮސް ލިފްޓެއް ހުޅުވަން ވަޑައިގަންނަވަނީ. އަދި ކުދިންނަށް ދިވެހި ދައުލަތުން ތައުލީމީ ސިޔާސަތު ވިސްނައިދެއްވުމަށް ޕްރައިމަރީ ސްކޫލަކަށް ވަޑައިގެން ކުޑަކުދިންތަކެއް ގޮވައިގެން ތިއްބަވަނީ. މިއީ ދިވެހިރާއްޖޭގެ ތައުލީމީ ސިޔާސަތު އުނގަންނައިދޭ ގޮތް ހާދަ އަވަދިނެތި އުޅުއްވާ ރައީސަކާއި ނައިބުރައީސެކޭ،" ޔާމީނު ވިދާޅުވިއެވެ.

ރައީސް ސޯލިހަށް ފާޑުވިދާޅުވެ ޔާމީނު ވިދާޅުވީ، މިހާރު ތަރައްގީ ގެންނަ މަންޒަރެއް ނުފެންނެ ކަމަށެވެ. އަދި އެ ތަރައްގީ ނުފެންނަނީ އިންސާނުންގެ ސިކުނޑިއަށް ގެންނަ ތަރައްގީއަށްވުމުން ކަމަށް ސަރުކާރުން ބުނެފައިވާތީ އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ.

"ދެން މިހާރު ތަރައްގީ ނުފެނުނީމަ ކީއްތޯ މިކުރަނީ، އަޅުގަނޑުމެން މިހާރު މިކުރާކަމެއް ކުރަން ވަކާލާތު ކުރަނީ ތިމަންނާމެން ތަރައްގީ ގެންނާނީ އިންސާނުންގެ ސިކުޑިއަށޭ. އެކަމަކު އެ ތަރައްގީ އަންނަން އިންސާނުން ފޮނުވަނީ ކޮންތަނަކުންތޯ. ހަމަގައިމުވެސް ރައީސް ވިދާޅުވީ އެ ތަރައްގީ ގެންނާނީ އިންސާނުން ދުނިޔެއިން ބޭރަށް ފޮނުވައިގެންނޭ،" ޔާމީނު ވިދާޅުވިއެވެ.

ޔާމީނު އިތުރަށް ވިދާޅުވީ، 2023ގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ފެނުމަށް ސަޕޯޓަރުން އެދޭ ކަމަށާއި ނަމަވެސް އަދި އެމަނިކުފާނު އެކަމަށް ތައްޔާރު ނޫން ކަމަށެވެ. ޔާމީނު އެގޮތަށް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާއި ޖަލަށްލާން ހުކުމް ކުރުމުންނާއި އާއިލާއިން އެ ދުވަސްވަރު ތަހައްމަލުކުރި ހިތްދަތި ކަންތައްތައް ފާހަގަކުރައްވަމުންނެވެ.