ރައީސްކަން ކުރުމަކީ މިހާ އަނިޔަވެރިކަމެއް ކަމެއް ކުރިން އެނގިވަޑައިނުގަންނަވާ ކަމަށާއި 2023ގެ ރިޔާސީ އިންތިހާބަށް އަދި ތައްޔާރު ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާ ގުޅިގެން މަރުހަބާ ދެންނެވުމަށް މިރޭ ބޭއްވި "މަރުހަބާ ރައީސް ޔާމީނު" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން އެދެނީ ވަރަށް ގިނަ ކަންތައްތަކެއް، ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި ރައްޔިތުން އެމަނިކުފާނަށް ކުރަނީ ވަރަށް ބޮޑު އިތުބާރެއް ކަމަށެވެ.

"މުޅި ދިވެހިރާއްޖޭގައި ހުރި ހުރިހާ މައްސަލަތަކަކީ އެންމެ މީހެއްގެ ކޮނޑުގައި އެޅޭ ވަރަށްވުރެ މާ ބުރަ، ބޮޑެތި މަސްއޫލިއްޔަތުތަކެކޭ. އަޅުގަނޑު މިއީ ޕެނަސިއާއެއް ނޫނޭ، އަޅުގަނޑު މިއީ ބޭސްގުޅައެއް ނޫނޭ، ތިބޭފުޅުންގެ ކޮންމެ ޝިފާއަކަށް، ރާއްޖޭގައި އޮތް ކޮންމެ އިޖުތިމާއީ މައްސަލައަކަށް، އިގުތިސާދީ ގޮތުން ފޭނުބެދިގެންދާ ކޮންމެ ޖަރީމާއަކަށް އަޅުގަނޑު މިއީ ހަކީމެއް ނޫނޭ. އަޅުގަނޑަކަށް ބޭސްފަރުވާއެއް ހޯދައެއް ނުދެވޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ރިޔާސީ ޓިކެޓު ވެސް ކަށަވަރުކޮށްދީފި ކަމަށާއި ރައްޔިތުންނަށް ނޫނެކޭ ނުދަންނަވާނެ ކަމަށެވެ. އަދި 2013ގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ނުކުމެވަޑައިގެންނެވެނީ ވަރަށް ހިތްވަރާއި ވަރަށް އަޒުމާއި ވަރަށް ކުރިއަށް ދިއުމުގެ ރޫހާއެކު ކަން ވެސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރައީސްކަން ކުރުމަކީ މިހާ އަނިޔާވެރިވާން ޖެހޭނެ ކަމެއް ކަމަކަށް. އެހެންވީމާ ގަބޫލުކުރައްވާ އަޅުގަނޑަކީ ވެސް އިންސާނެއް. އެހެންވީމާ އެ ޝައުގުވެރިކަން އެގޮތަށް ދަމަހައްޓަން ކިހާ ވަރެއްގެ މަސައްކަތެއްތޯ ކުރާނީ. އަޅުގަނޑުގެ އަންހެނުންނާއި އަޅުގަނޑުގެ އާއިލާ ބަރުދާސްތުކުރި ހިތްދަތިކަން ވަރަށް ގާތުން އެނގިވަޑައިގަންނަވާނެ ބޭފުޅެއް ޑރ. ޝަހީމްއަކީ. ވަރަށް އިހުލާސްތެރިކަމާއެކީ ތިބޭފުޅުންނަށް އެވާހަކަތައް އެ ވިދާޅުވެދެއްވީ. އަޅުގަނޑުގެ އާއިލާ ތައްޔާރުތޯ އަނެއްކާވެސް އަޅުގަނޑު ގައުމީ ޒިންމާއަށް ނުކުންނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރާއްޖެ އަނެއްކާވެސް ސަލާމަތްކުރަން ޖެހޭނީ ވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކަން އެނގިވަޑައިގަންނަވާ ކަމަށާއި އިތުބާރާއެކު އެމަނިކުފާނާ މަތިކުރާ ޒިންމާއަކީ ވަރަށް ވަރުގަދަ އަމާނާތެއް ކަމަށެވެ.