އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާ ގުޅިގެން މަރުހަބާ ދެންނެވުމަށް ބޭއްވި "މަރުހަބާ ރައީސް ޔާމީނު" ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމު އަބްދުﷲ (އަދުރޭ)، ޔާމީނުގެ ވަކީލުންގެ ޓީމަށް ޝުކުރު އަދާނުކުރެއްވުމުން އެ ޓީމުގެ އިސްވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަކިވަކިން ލޯޔަރުންގެ ނަން ވިދާޅުވެ ޝުކުރު އަދާކުރައްވައިފިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވަނީ ޔާމީނުގެ މިނިވަންކުރުމަށް އެހީވެދިން ހުރިހާ ފަރާތަކަށް ޝުކުރު އަދާކޮށްފައެވެ. ވަކީލުންގެ ޓީމަށް ޝުކުރު އަދާނުކޮށް އަދުރޭ ވިދާޅުވީ ޝުކުރު އަދާކުރުމަކީ ވަރަށް ބުރަށް ކަމެއް ކަމަށާއި އެހެންކަމުން ހުރިހާ ފަރާތެއްގެ ނަން ވިދާޅުވެނުވެވިދާނެ ކަމަށެވެ.

އަދުރޭ ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝީޕާއި ދެ ޕާޓީގެ ކައުންސިލް މެމްބަރުން އަދި ސްޓިއަރިން ކޮމިޓީގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ކޯލިޝަންގެ އެޑްވައިޒަރުންނަށް ވެސް ޝުކުރު އަދާކުރެއްވިއެވެ. އަދުރޭއަށް ފަހު ޖަލްސާގައި ދެން ވާހަކަދެއްކެވީ ޑރ. ޖަމީލުއެވެ.

ރާއްޖޭގެ އަދުލު ނިޒާމާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވަރަށް ދުރުދުރުން ފާޑުވިދާޅުވުމަށްފަހު ޑރ. ޖަމީލު ވަނީ ވަކީލުންގެ ޓީމުގައި ހިމެނޭ ހުރިހާ ވަކީލުންގެ ނަން ވިދާޅުވެފައެވެ. ޔާމީނުގެ ވަކީލުންގެ ޓީމުގައި ތިއްބެވީ ޑރ. ޖަމީލާއި، އާދަމް އާސިފް، އާދަމް ޝަމީމު، އަލީ ޝާހު، އަދި އަބްދުﷲ ސިޔާޒެވެ.

ޔާމީނުގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާގައި އިސް ވަކީލެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގައި ވަކާލާތު ކުރެއްވީ އާދަމް އާސިފުއެވެ. ޑރ. ޖަމީލު ކްރިމިނަލް ކޯޓުގައި ޔާމީނު ތަމްސީލެއް ނުކުރައްވައެވެ. ސިޔާޒާއި ޝަމީމަކީ ޔާމީނުގެ އެކައުންޓުތައް ފްރީޒުކުރި މައްސަލައިގައި ހައި ކޯޓު އަދި ސުޕްރީމް ކޯޓުގައި ޔާމީނު ތަމްސީލުކުރެއްވި ވަކީލެވެ. އެ މައްސަލަ ނިމިފައިވަނީ ޔާމީނާ އެއްކޮޅަށެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ޔާމީނުގެ ޖަލު ހުކުމުގެ އިސްތިއުނާފީ މައްސަލައިގައި އިސް ވަކީލެއްގެ ގޮތުން ހަރަކާތްތެރިވެވަޑައިގެންނެވީ ޑރ. ޖަމީލާއި ޝިޔާޒެވެ.