އިންޑިއާގެ ޖިއޯޕޮލިޓިކްސްގެ ތެރޭގައި ރާއްޖެ ރަހީނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ކާނިވާ ސަރަހައްދުގައި "މަރުހަބާ ރައީސް ޔާމީން"ގެ ނަމުގައި އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ރައީސް ވަހީިދު ވިދާޅުވީ، މިއަދު އޮތް ސަރުކާރުން މަސައްކަތް ކުރަނީ ފަހަތު ފަޔަށް ބުރަވެ ކަމަށާއި އެއްވެސް މިސްރާބެއް ނެތް ކަމަށެވެ.

ޑރ. ވަހީދު ވިދާޅުވީ، ރާއްޖެއަކީ ހުރިހާ ގައުމަކާވެސް ގުޅުން ބަދަހިކޮށްގެން އުޅުނު ގައުމެއް ކަމަށާއި ނަމަވެސް މިއަދު ފެންނަނީ ބައިނަލްއަގުވާމީ މުޖުތަމައާއި އެކަހެރިވެ، ވަކިވެފައިވާ ރާއްޖެއެއް ކަމަށެވެ. އެގޮތުން އިންޑިއާއާ އޮންނަ ގުޅުން މި ސަރުކާރުން ވަރަށް ބޮޑަށް ބަދަހިކޮށްފައިވާ ކަން ފާހަގަކުރައްވައި ރައީސް ވަހީދު ވިދާޅުވީ، އިންޑިއާ ކަނޑުގެ ސިޔާސީ އޮއިވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށާއި ނަމަވެސް އިންޑިއާގެ ޖިއޯޕޮލިޓިކްސްގެ ތެރޭގައި ރާއްޖެ ރަހީނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ރާއްޖެއަކީ 180 އަށް ވުރެ ގިނަ ގައުމާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ ގައުމެއް، 100 ވުރެ ގިނަ ގައުމުން މި ގައުމަށް ފަތުރުވެރިން އާދޭ. އެހެންވެ، މި ގަރުނުގައި އެއްވެސް ގައުމެއްގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދާކަށް ގަބޫލެއް ނުވެވޭނެ" ޑރ. ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު އިތުރަށް ވިދާޅުވީ، ދިވެހިންނަކީ ވަރަށް މުރާލިބައެއް ކަމަށާއި ނަމަވެސް ބަލާލި ކޮންމެ ދިމާލަކުން މިހާރު ފެންނަނީ ކަންނެތްކަމާއި ފަރުވާކުޑަކަން ކަމަށާއި އެއީ މި ސަރުކާރުގެ ދުރުވިސްނޭ ސިޔާސަތެއް ނެތުމުން ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ، ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވަން މިހާރު މާބޮޑަށްވެސް ލަސްވެއްޖެ ކަމަށާއި ގައުމު ސަލާމަތްކުރެވޭނީ ރައީސް ޔާމީނަށް ކަމަށެވެ.