މެންޗެސްޓާ ޔުނައިޓެޑް

"ރޮނާލްޑޯއަށް ތަފާތު ދެއްކޭނެ، އެ އުމުރުގައި އެހާ ފިޓް އެހެން ކުޅުންތެރިޔަކު ނުދެކެން"

މެންޗެސްޓާ ޔުނައިޓެޑްގެ ޕޯޗުގަލް ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯއަކީ އަދިވެސް ތަފާތު ދެއްކޭނެ، ފިޓް ކުޅުންތެރިއެއް ކަމަށް ކްލަބުގެ ކޯޗުކަމާ އަލަށް ހަވާލުވި ރާފް ރަންގްނިކް ބުނެފިއެވެ.

ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ހުރެ ރަންގްނިކް ދިން ފުރަތަމަ ޕްރެސް މިއަދު ދީފައިވާ އިރު، އޭނާ ވަނީ ކްލަބުގެ ކޯޗުކަމުގެ މަގާމާއި، އޭނާގެ ސްޓައިލާ ގުޅިގެން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބު ދީފައެވެ. ހައި ޕްރެސިން، ފާސްޓް، އަދި އިންޓެންސިޓީ ހައި ފުޓުބޯޅަ ސްޓައިލެއް ގެންގުޅޭ ރަންގްނިކް ޔުނައިޓެޑާ ހަވާލުވުމާއެކު ގިނަ ބަޔަކު ފާހަގަކުރީ އުމުރުން 36 އަހަރުގެ ރޮނާލްޑޯއަށް އެ ފުޓުބޯޅައިގައި މިހާރު ކެތް ނުކޮށްލެވޭނެ ކަމަށެވެ. ހާއްސަކޮށް ގިނައިން ދަނޑުމަތީގައި ދުވަން ޖެހުމަކީ ރޮނާލްޑޯގެ އުމުރުގައި ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ގިނަ ބަޔަކު ފާހަގަކުރިއެވެ.

އެ ވާހަކަތަކާ ގުޅިގެން ރަންގްނިކް ބުނީ ކްލަބަކަށް ގޮސް ކުޅުވާ ފުޓުބޯޅަ ބިނާކުރަން ޖެހޭނީ ކްލަބުގައި ތިބި ކުޅުންތެރިންނަށް އެންމެ އެކަށޭނެ ގޮތަކަށް ކަމަށާއި، އެ ނޫން ގޮތަކަށް ކޯޗަކު ކަންކޮށްގެން ނުވާނެ ކަމަށެވެ.

"ކްލަބެއްގެ ކުޅުމުގެ ސްޓައިލް އެކަށައަޅަން ޖެހޭނީ ކުޅުންތެރިން ތިބި ގޮތަކަށް ބަލައިގެން. ރޭ އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފަށް ބަލައިލިޔަސް އުމުރުން 36 އަހަރުގައިވެސް ރޮނާލްޑޯއަކީ ޕްރޮފެޝަނަލް ކުޅުންތެރިއެއްކަން ސާފުވާނެ. ރޮނާލްޑޯއަށް އަދިވެސް ތަފާތު ދެއްކޭނެ. އެ އުމުރުގައި އެހާ ފިޓްކޮށް ހުރި އެހެން އެއްވެސް ކުޅުންތެރިޔަކު ނުދެކެން،" ރަންގްނިކް ބުންޏެވެ.

ރަންގްނިކް ބުނީ އޭނާއާއެކު ޔުނައިޓެޑުން ކުރިމަތިލަނީ ދުނިޔޭގެ އެންމެ ވާދަވެރި ލީގަށް ކަމަށާއި، އެ ލީގުގައި ޓީމުގެ ނަތީޖާ ރަނގަޅު ކުރުމަށް ބޭނުންވާނީ އެންމެ ކުޅުންތެރިއެއް ނޫން ކަމަށެވެ. ހުރިހާ ކުޅުންތެރިން ހަމަހަމައަށް ޓީމުގައި ބައިވެރިވާން ޖެހޭނެ ކަމަށާއި، ރޮނާލްޑޯއަކީވެސް އެ ރޫހު ޓީމަށް ގެންނަން ތައްޔާރަށް ހުރި މުހިއްމު ކުޅުންތެރިއެއް ކަމަށްވެސް ރަންގްނިކް ބުންޏެވެ.

އުމުރުން 63 އަހަރުގެ ރަންގްނިކް ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ މި ސީޒަން ނިމެންދެނެވެ. ޖަރުމަނުގެ ތަޖުރިބާކާރު ކޯޗު މި ސީޒަނަށްފަހު ދެ އަހަރު ދުވަހު މަސައްކަތް ކުރާނީ ޔުނައިޓެޑުގެ ކޮންސަލްޓެންސީ މަގާމެއްގައެވެ. އެގޮތަށް އަދި އޮތް ނަމަވެސް ރަންގްނިކް ބުނެފައި ވަނީ ސީޒަނުގެ ބާކީ ބައި ރަނގަޅަށް ގޮސްފި ނަމަ، އަދި އެއް އަހަރު ކޯޗުކަމުގައި މަޑުކުރުމުގެ ވިސްނުމެއްވެސް އެބަހުރި ކަމަށެވެ. ކުރިން ލެއިޕްޒިގާއި ޝާލްކޭގައި ތަފާތު ޓީމުތަކެއް ބިނާކުރި ރަންގްނިކް ޔުނައިޓެޑަށް ދިޔައީ ރަޝިޔާގެ ކްލަބެއް ކަމަށްވާ ލޯކޮމޯޓިވް މޮސްކޯގެ ސްޕޯޓްސް އެންޑް ޑެވަލޮޕްމަންޓް މަގާމެއްގައި ހުރެފައެވެ.