އަނިޔާވެރިކޮށް މަރާލާފައި އޮއްވައި އދ. ދަނގެތީގެ ފަޅު ގެއެއްގައި ހުރި ވަޅެއްގެ ތެރެއިން ފެނުނު އެ ރަށު މޮނަލާޒް، 57 އަހަރުގެ މަހުމޫދު އަބޫބަކުރުގެ ހަށިގަނޑުގެ 30 ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ހަވީރު ވަނީ މަހުމޫދު މަރުގެ މައްސަލައާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޖާ ކްރައިމްސް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މަހުމޫދު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެރަށުގައި އުމުރުން ދުވަސްވީ މީހަކު ބަލަން އުޅޭ ބަންގުލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ކަމަށެވެ. ސާލިމު ބަލަހައްޓަމުންދިޔަ އުމުރުން ދުވަސްވީ މީހާއަކީ މަހުމޫދުގެ އާއިލާ މީހެކެވެ.

ޝިފާއު ވިދާޅުވީ، މަހުމޫދު މަރާލަން ހަމަލާ ދޭން ބޭނުން ކޮށްފައިވަނީ ތޫނު ހަތިޔާރެއް ކަމަށާއި މަހުމޫދުގެ ބޮލުގެ ތިން ތަނަކަށް ތޫނު ހަތިޔާރުން ހަމަލާދީފައިވާ ކަމަށެވެ. އަދި ހަށިގަނޑުގެ އެހެން ތަންތަނަށް ދިން ހަމަލާ ހިމަނައިގެން 30 ފަހަރު މަހުމޫދަށް ވަޅިން ހަމަލާދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މަހުމޫދަށް ހަމަލާދީފައިވާ ތަންތަން ދައްކުވައިދޭ ފޮޓޯއެއް ވެސް މިއަދު ފުލުހުން ދެއްކިއެވެ. އެ ފޮޓޯތަކުން އެނގޭ ގޮތުގައި ސާލިމު ވަނީ މަހޫމޫދުގެ އަތަށާއި އަރިކަށްޓާ ދިމާލުން ފުއްޕާމޭ ކައިރިއަށާއި ބަނޑަށް ވެސް ހަމަލާދީފައެވެ. އަދި މޭމަތިން ހިތާ ދިމާވާ ގޮތަށް ހަމަލާދީފައިވާ އިރު، މޭމަތީގެ އަނެއް ފަރާތުން ވެސް ވަނީ ހަމަލާދީފައެވެ. މީގެ އިތުރުން ބުރަކަށްޓަށް ވެސް ވަނީ ހަމަލާދީފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ، މަހުމޫދަށް ސާލިމު ގުޅުމުން ނެދުންގެއަށް ދިޔަ ކަމަށާއި އެ ގޭގައި މަހުމޫދު ފަސް ގަޑިއިރު ވަންދެން ހުރި ކަމަށެވެ. ނެދުންގެ އަކީ ސާލިމު ދިރިއުޅޭ ގެއެވެ.

ހަސަން ސައީދު ވިދާޅުވީ އެ ފަސް ގަޑިއިރުގެ ތެރޭގައި މަހުމޫދަށް ތިން ފަހަރު ހަމަލާދީފައިވާ ކަމަށާއި ތިން ފަހަރު ވެސް ހަމަލާދިނީ ތޫނު ހަތިޔާރަކުން ކަމަށެވެ.

މަހުމޫދު މަރާލާފައި ވަނިކޮށް ފެނުނީ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފަޅުގޯއްޗެއްގެ ތެރޭގައި ހުރި ފެންވަޅެއްގެ ތެރެއަށް ބޮލާއި ފައިގައި ގޯންޏެއް އަޅުވައި ވައްޓާލާފައި އޮއްވައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ސައީދު ވިދާޅުވީ އެރޭ ދަންވަރު ދޭކާއި ތިނަކާ ދޭތެރޭ މަހުމޫދުގެ ހަށިގަނޑު ސާލިމުގެ ކޮނޑަށްލައިގެން ދާ މަންޒަރު ސީސީޓިވީ ފުޓޭޖުން ފެންނަ ކަމަށެވެ. އޭނާ ވިދާޅުވީ މަހުމޫދު މަރާލުމުގައި ސާލިމުގެ އިތުރުން އެހެން ބަޔަކު ވާނެ ކަމަށް ދަނގެތީގައި ވާހަކަ ދެއްކިޔަސް ތަހުގީގަށް ހޯދިފައިވާ މައުލޫމާތުން އެނގެނީ އެއީ ސާލިމު އެކަނި ކުރިކަމެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ދަނގެތީގައި މީގެ ކުރިން ވައްކަމުގެ މައްސަލައެއްގެ ތުހުމަތުވެސް ސާލިމަށް ކުރެވޭ ކަމަށާއި އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މަހުމޫދު މަރާލީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ވެސް ހަސަން ސައީދު ވިދާޅުވިއެވެ. އަދި މަހުމޫދު ފައިސާ ގެންގުޅޭތަން ސާލިމަށް ފެންނާނެ ކަމަށާއި ސާލިމު ހީކުރީ މަހުމޫދަށް ގުޅައިގެން ނެދުންގެއަށް ގެންދިޔައިރު ވެސް ފައިސާ ހުންނާނެ ކަމަށެވެ.