ނުފޫޒުތަކުން އެއްކިބާވެ، އަދުލުވެރިވުމަށް ފަނޑިޔާރުންނަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.
ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ފަނޑިޔާރުގެއަށް ބޮޑެތި ނުފޫޒުތަކެއް އެބަ އޮތް ކަމަށާއި ޝަރުއީ ދާއިރާ އަދިވެސް އޮތީ ކޮރުކޮށް ކަމަށެވެ.
ވިޔަފާރިވެރީންނާއި، ދައުލަތުން ފަނޑިޔާރުގެއަށް އަތްބާނާ ކަމުގެ ތުހުމަތުކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ފަނޑިޔާރުގެއަށް އޮންނަ ނުފޫޒު ހުއްޓުވައިގެން ނޫނީ، ގައުމުގެ ކަންކަން ކުރި ނާރާނެ ކަމަށާއި ގައުމަށް ހަމަޖެހުމެއްވެސް ނުލިބޭނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ފަނޑިޔާރުންނަކީ ވަޒީފާއަށް ބިރުގަންނަ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި، ކޮންމެ މީހަކަށްވެސް ނޫނެކޭ ބުނަން ކެރޭ ބަޔަކަށް ފަނޑިޔާރުން ވާން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން ފަނޑިޔާރުންނަށް އިހުތިރާމާއެކު ދަންނަވާލަން ބޭނުންވަނީ، ތިއީ އަޅުގަނޑުމެން އެންމެންނަށް ވުރެ މަތީ ބައެކޭ. އަޅުގަނޑުމެން އެންމެންނަށް ވުރެ މަތިވެރި އަމާނާތެއް ހަވާލުވެފައި ތިބި ބައެކޭ ފަނޑިޔާރުންނަކީ. އަދުލުވެރިކަން އިސްކުރައްވާށޭ. އިންސާފު އިސްކުރައްވާށޭ. ނުފޫޒުތަކުން އެއްކިބާވާށޭ. ކޮންމެ މީހަކަށްވެސް ނޫނެކޭ ބުނަން ކެރެންވާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ވަޒީފާގެ ބިރަކީ، އެތައް ބައެއްގެ ހައްގަށް އަރައިގަތުމަށް ފަނޑިޔާރުންނަށް ލިބޭ ޓިކެޓެއް ނޫން ކަމަށާއި ފަނޑިޔާރުން ވާންވާނީ ހުވަޔާ އެއްގޮތަށް އިންސާފުގެ މަގުން ކަންކަން ކުރާ ބަޔަކަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު