ޚަބަރު

ފަނޑިޔާރުންގެ އޯޑިއޯ ލީކުވި މައްސަލައިގައި ގޮތެއް ނުނިމި ލަސްވާތީ ޔާމީންގެ ކަންބޮޑުވުން

އަލީ ޔާމިން

މިދިޔަ އޮގަސްޓް މަހު ދައުރުވި ފަނޑިޔާރުންގެ އޯޑިއޯތަކުގެ މައްސަލައިގައި ގޮތެއް ނުނިމި ދިގުލައިގެންދާތީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ކުރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި، ތިން ގާޒީން ކަމަށްވާ ގާޒީ ހުސައިން ފާއިޒާއި ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމް ކަމަށް ބުނާ ބައެއްގެ އޯޑިއޯތަކެއް ލީކުކޮށްލާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުއެވެ. އެ އޯޑިއޯތަކުގައި ރައީސް ޔާމީން މައްސަލައިގައި ހުކުމް ކުރުމަށް ގާޒީންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެފައިވެއެވެ.

އެ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން އޯޑިއޯތަކުގައިވާ އަޑާއި ގާޒީ ފާއިޒުގެ އަޑު ދިމާވާ ކަމަށް ފުލުހުން އަންގާފައިވާތީ އެ މައްސަލަ ބަލައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ގާޒީ ފާއިޒު ދެ މަހަށް ސަސްޕެންޑްކޮށްފައެވެ. އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން ގާޒީ އަލީ އާދަމްގެ އަޑާއި ގާޒީ ސަމީރުގެ އަޑާ ދިމާ ނުވާތީ އެ ދެ ފަނޑިޔާރުންނަށް ކުރަނީ ދޮގު ތުހުމަތެއް ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ލީކުވެގެން އުޅޭ އޯޑިއޯތަކުގެ ސަައްހަކަން މިއަދާ ހަމައަށްވެސް ކަށަވަރު ކުރެވިފައި ނުވާ ކަމަށާއި އަދުލުވެރިކަމާއެކު ހުކުމެއް ކުރަން އެކުލަވާލައިފައިވާ ބެންޗެއްގައި ތިބޭ ފަނޑިޔާރުންގެ ތެރެއިން އެންމެ ފަނޑިޔާރެއްގެ އަދުލުވެރިކަން ގެއްލިއްޖެ ނަމަ، ސުވާލުތަކެއް އުފެދޭނެ ކަމަށާއި ޝައްކުތަކެއް އުފެދޭނެ ކަމަށެވެ. އެހެންވެ، އެ ޝައްކުތަކުން ބަރީއަވުމަށް އެ ޝައްކެއް އުފެދޭ ކަމެއް ސާފުވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"ފަސް މީހުންގެ ތެރެއިން ތިން މީހުންގެ ތެރެއިން އޯޑިއޯ ލީކުވެގެން އެއުޅެނީ، އެ އޯޑިއޯގެ ސައްހަކަމާއި ސައްހަ ނޫންކަމާމެދު އެއްޗެއް ބުނަނީއެއް ނޫން. ނަމަވެސް މިއަދާ ހަމައަށް އައިއިރުގައިވެސް ކޮބާހެއްޔޭ އޭގެ ސައްހަކަން ނުވަތަ ސައްހަ ނޫންކަން. އެއީ ގާނޫނީ ޝަރުއީ ނިޒާމުގެ ބަޔަކަށް ނުވަނީ ހެއްޔޭ؟ ނުވަތަ ގާނޫނީ ޝަރުއީ ނިޒާމުވެ ބަޔަކަށް ވަނީ ކޯޓު ރޫމެއްގެ ތެރޭގައި މީހެއްގެ މައްޗަށް ފަސް އަހަރުގެ ހުކުމެއް ކުރުންތޯ؟" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އަދުލުގެ ނިޒާމަކީ ހުރިހާ ނުފޫޒުތަކުން އެއްކިބާވެފައިވާ ނިޒާމެއްކަން، ރައްޔިތުން ގަބޫލުކުރާ މިންވަރަށް ކަށަވަރުކަން ލިބިގެން ނޫނީ ރާއްޖެއަށް ހަމަޖެހުމެއް އަދި ކުރިއެރުމެއްވެސް ނެތް ކަމަށެވެ.

ދައުރުކުރި އޯޑިއޯތަކުގެ ފޮރެންސިކް ތަހުލީލަށްފަހު ޖޭއެސްސީން ބުނެފައިވަނީ އެ ތިން އޯޑިއޯއަކީވެސް ޓެމްޕާކޮށް، ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކި ވަކި ކުލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއް ކަމަށެވެ.