ކޮވިޑަށް ފަރުވާ ދެމުން އަންނަނިކޮށް އިތުރު މީހަކު މަރުވެ، ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 251 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ފުވައްމުލަކު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 79 އަހަރުގެ އަންހެނަކު މިއަދު މެންދުރުފަހު 2:55 ގައި މަރުވެފައިވާ ކަމަށެވެ.
މިއަދުގެ މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 251 އަށް އަރައިފައެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 234 ދިވެހީންނާއި 17 ބިދޭސީންނެވެ.
މިދިޔަ ހޯމަ ދުވަހު ވެސް ވަނީ ކޮވިޑް ޖެހިގެން ދެ މީހަކު މަރުވެފައެވެ. ފުރަތަމަ މަރުވެފައި ވަނީ ނ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ 54 އަހަރުގެ ފިރިހެނެކެވެ. އަދި ދެވަނަ އަށް މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު