ކުރީގެ ރައީސް އަބްދުﷲ ޔާމީނު އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާއާ މެދު ގޮތެއް ނިންމާނީ މަޝްވަރާއަށްފަހު ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބަހަން ބޭނުންކުރި އެސްއޯއެފް ކުންފުނިން ޔާމީނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ވަނީ އޭސީސީގެ އެދުމުގެ މަތިން އެސްކްރޯ އެކައުންޓަކަށް ޖަމާކޮށްފައެވެ.

ދައުލަތުން ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރީ އެސްއޯއެފުން ޔާމީނުގެ އެކައުންޓަށް ޖަމާކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން ތަހުގީގަށް އެނގުމުންނާއި އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށްވުމުގެ އިތުރުން ޔާމީނު އެ ފައިސާ އިންވެސްޓުކޮށްފައިވުމުންނެވެ.

ނަމަވެސް އިއްޔެ ސުޕްރީމް ކޯޓުން ޔާމީނު ހުށަހެޅި އިސްތިއުނާފީ މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން ހުކުމްކުރީ އެސްއޯއެފުން ޔާމީނުގެ އެކައުންޓަށް ޖަމާކުރީ ދައުލަތަށް ލިބެން ޖެހޭ ފައިސާކަން ސާފު ނޫން ކަމަށެވެ. އެ ހުކުމާއެކު ޔާމީނު އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާއާ މެދު ވަނީ ސުވާލު އުފެދިފައެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "ވަން" އަށް ވިދާޅުވީ، އެސްކްރޯ އެކައުންޓަށް ޔާމީނު ޖަމާކުރި ފައިސާއާ މެދު ކަންކުރާނެ ގޮތަކާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށާއި މަޝްވަރާކުރުންތައް ކުރިއަށް ދިޔަޔަސް ފައިސާއާ މެދު ކަންކަން ކުރާނެ ވަކިގޮތެއް ހަމަޖެހިފައިނުވާ ކަމަށެވެ. އަދި ޔާމީނުގެ މައްސަލައަކީ ޖޮއިންޓު އިންވެސްޓިގޭޝަނަކަށް ކަމަށް ވުމުން މަޝްވަރާގައި ފުލުހުންނާއި އޭސީސީން ބައިވެރިވާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މަޝްވަރާތަކުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުންވެސް ބައިވެރިވުން ގާތް ކަމަށާއި އެއީ ޕީޖީ އޮފީހަކީ އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ޕީޖީއާ މަޝްވަރާކޮށްފައި ވުމުންނެވެ.

އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ޗެކް ޑިޕޮސިޓް ސްލިޕުގައިވާ ނަންބަރާއި އެސްއޯއެފް ކުންފުނީގެ ބޭންކް ސްޓޭޓްމަންޓުގައިވާ ނަންބަރު ދިމާނުވާ ކަމަށެވެ. އަދި ޗެކު ނަމްބަރާ ގުޅޭގޮތުން އުފެދިފައިވާ ޝައްކުގެ އާހިރު ނަތީޖާއަކީ، އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަމާ މެދު ސުވާލު އުފެދުން ކަމަށެވެ.