ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ފަސް އަހަރުގެ ހުކުމް، އިއްޔެ ސުޕްރީމް ކޯޓުން ބާތިލުކުރުމުން އެމްއެންޑީއެފުން އެމަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދޭން ފަށައިފިއެވެ.

ސުޕްރީމް ކޯޓުން އިއްޔެ ޔާމީން ނުކުމެވަޑައިގެންނެވިއިރު ސެކިއުރިޓީ ހަމެޖެހިފައި ނެތުމުން ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕުގެ އިތުރުން އެމަނިކުފާނަށް ތާއީދުކުރާ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިއަދު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ތަރުޖަމާނު ހީނާ ވަލީދު "ވަން" އަށް ވިދާޅުވީ، އެމްއެންޑީއެފުން ޔާމީނަށް ސެކިއުރެޓީ ފޯރުކޮށްދޭން ފަށާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ހިނާ ވިދާޅުވީ ސެކިއުރިޓީ ހަމަޖެހުނަސް އަދި ކުރީގެ ރައީސުންނަށް ދެއްވާ އިނާޔަތް ހަމަޖެހިފައި ނުވާ ކަމަށާއި އުއްމީދު ކުރައްވަނީ އެކަން ވެސް ވަރަށް ހަމަޖެހިގެންދާނެ ކަމަށެވެ. ހީނާ އެގޮތަށް ވިދާޅުވިނަމަވެސް ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ލައްމާން ވަހީދު މިއަދު "ވަން" އަށް ވިދާޅުވީ، ޔާމީނަށް ލިބެން ޖެހޭ އިނާޔަތްތައް ލިބިވަޑައިގަންނަވާނެ ކަމަށާއި އެ ފައިސާ ދެމުން ގެންދާނީ ކޮންޓިންޖެންސީ ބަޖެޓުން ކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ، ޔާމީންގެ ސެކިއުރިޓީއާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ހާމަ ނުކުރާނެ ކަމަށެވެ. ރައީސް ޔާމީނަށް ސެކިއުރިޓީ ފޯރުކޮށްދޭން ފަށާފައިވާކަން އެނގިފައި ނެތްކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ. އެކަމާ ގުޅިގެން ހީނާ ވިދާޅުވީ، ސުޕްރީމް ކޯޓުން ނުކުމެވަޑައިގެން ޔާމީން ޕީޕީއެމް އޮފީހަށް ވަޑައިގެންނެވިއިރުވެސް އެމްއެންޑީފުގެ ބޭފުޅަކު އެމަނިކުފާނުގެ އަރިހުގައި ހުންނެވި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ހިސާބުން ފެށިގެން ދައުލަތުން ދޭން ޖެހޭ އިނާޔަތްތައް މެދުކަނޑައިލާނެއެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެކުލަވާލައި މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރިއިރު، ރައީސް ޔާމީނަށް ދޭން ޖެހޭ އިނާޔަތްތައް ބަޖެޓުގައި ހިމަނައިފައެއް ނުވެއެވެ. އެއީ ބަޖެޓު މަޖިލީހުން ފާސްކުރިއިރު، ޔާމީނުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައި ވުމުންނެވެ.

ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި ސެކިއުރިޓީ އާއި ފައިސާގެ އިތުރުން އޮފީހެއް ހިންގުމުގެ ހަރަދު ހިމެނެއެވެ.