ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ރާއްޖޭން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ދެންމެ ނެރެފިއެވެ.
ފުލުހުން ބުނީ ޝަރީއަތުގައި ހުރި މައްސަލަތަކަކާ ގުޅިގެން ފުލުހުން އެދިގެން ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ނެރެދީފައިވާ ކަމަށެވެ. ފުރުން މަނާކޮށް އަމުރެއް ނެރެފައިވަނީ ހަތް ދުވަހުގެ މުއްދަތަށެވެ.
ރައީސް ޔާމީން ފުރުން މަނާކުރަން އަމުރަކަށް ފުލުހުން ކުރިމިނަލް ކޯޓުގައި އެދުނީ ގއ. ވޮޑަމުއްލާ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ސްޕްރީމް ކޯޓުން މިއަދު ބާތިލްކުރުމާއެކު އެމަނިކުފާނު މިނިވަންކުރުމާއެކުގައެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ސްޕްރީމް ކޯޓުން ބާތިލްކުރީ އެ ހުކުމް ނެރުމަށް ކުރިމިނަލް ކޯޓުން ހެކި ވަޒަންކުރި ގޮތާއި ކުށް ސާބިތުކުރި ގޮތް ގޯސް ކަމަށް ކަނޑައެޅުމަށްފަހު ޔާމީނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑަމުއްލާގެ އެކުއިޒިޝަން ކޮސްޓުގެ ފައިސާކަން ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާތީއެވެ.
ނަމަވެސް އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދުމަށް ބަލާ ބެލުންތަކުން އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްނަމަ، އެ ފައިސާ އާއި އެ ފައިސާއިން އިންވެސްޓްކުރުމުގެ ސަބަބުން ފައިދާއެއް ލިބިފައިވާނަމަ، އެ ފައިދާއެއް ހިމެނޭނެހެން ހޯދުމުގެ ހައްގު ދައުލަތަށް ލިބޭ ކަމަށް ހުކުމްގައިވެއެވެ.
ރައީސް ޔާމީން ރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރެއް ނެރެފައިވާއިރު، ކުރިމިނަލް ކޯޓުގައި މިހާރުވެސް ޔާމީންގެ ދެ މައްސަލައެއް އެބަ އޮތެވެ. އެއީ ރ. ފުއްގިރި އާއި ވ. އާރަށު މައްސަލާގައި އުފުލާފައިވާ މަނީލޯންޑަރިން އާއި ރިޝްވަތުގެ ދައުވާތަކެވެ.
ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާކުރީ މީގެ ހަ ދުވަސް ކުރިންނެވެ.
އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ރުފިޔާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށް ދޭން އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ، ހުސްވި އޭޕްރީލް މަހުގެ ތެރޭގައެވެ.
އާރަށު މައްސަލަ ތަހުގީގުކޮށްފައިވަނީ ފުލުހުންނެވެ. ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު