ސުޕްރީމް ކޯޓް

ރައީސް ޔާމީން ޖޫރިމަނާ ކުރި އަދަދު ގާނޫނާ ހިލާފު: ފަނޑިޔާރު މަހާޒް

އިބްރާހިމް ޒަކީ

މަނީލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު ފަސްމިލިޔަން ޑޮލަރުން ޖޫރިމަނާ ކުރަން ކުރި ހުކުމްގައި، ޖޫރިމަނާގެ އަދަދު ކަނައަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑީޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިހެން ވިދާޅުވީ މަނީލޯންޑާ ކުރުމުގެ ކުށުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މިިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރި ހުކުމުގެ އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވަމުންނެވެ.

ފަނޑިޔާރު ވިދާޅުވީ މި މައްސަލައިގައި އަދަބު ކަނޑައަޅާފައި ވަނީ މަނީ ލޯންޑްރިންގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށެވެ.

"އެ މާއްދާއިން އަދަބު ކަނޑައެޅުމުގައި އަންނަނިވި ދެ ގޮތުންކުރެ ގޮތެއް އިހުތިޔާރު ކުރެވިދާނެކަން އެ އަކުރަށް ބެލުމުން އެނގޭ. ފުރަތަމަ ގޮތަކީ އެއްލައްކަ ރުފިޔާ އާއި އެއްމިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން. ދެވަނަ ގޮތަކީ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު، ލޯންޑާކުރި ފައިސާގެ އަދަދު ފަސް ގުނައަށްވުރެ އިތުރު ނުވާ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން." ފަނޑިޔާރު ވިދާޅުވިއެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުން އަދަބު ކަނޑައެޅުމުގައި ބުރަވެފައި ވަނީ ދެވަނަ ގޮތަށް ކަން އެނގޭ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ޖަލު އަދަބުގެ މިންވަރު ގާނޫނުގައި ބުނާ އެންމެ ދަށް މިންވަރަށް ކަނޑައެޅިއިރު، ޖޫރިމަނާގެ ފައިސާ ގާނޫނު ހުއްދަކުރާ އެންމެ މަތީ މިންވަރަށް ކަނޑައެޅި ސަބަބެއް މައްސަލަ ބެލި ފަނޑިޔާރުން ފާހަގަކޮށްފައި ނުވާ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ. އަދި ޖޫރިމަނާގެ އަދަބު ގާނޫނު ހުއްދަ ކުރާ މިންވަރުގެ ތެރޭގައި ހިފެހެއްޓިފައި ވީނަމަވެސް، ދެ ބާވަތުގެ އަދަބު އެކުއެކީގައި ކަނޑައެޅޭ ހާލަތުގައި، ދެ އަދަބު ނިސްބަތުން ހަމަހަމަ ނުކުރެވޭނަމަ، އަދި އެގޮތަށް ނިންމި އެކަށީގެންވާ ސަބަބެއް ފަނޑިޔާރުންނަށް ބުނެދެވިފައިނުވާނަމަ، ގާނޫނުން ދީފައިވާ އިހުތިޔާރުގެ ބޭނުން ހިފާފައިވަނީ ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ނޫންކަމަށް ބުނުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

ގާނޫނު ދޭ ކޮންމެ އިހުތިޔާރެއްގެ ބޭނުން ފަނޑިޔާރުން ހިފަން ވާނީ ހަމަހަމަކަމާއި އިންސާފުގެ އަސާސްތަކާ އެއްގޮތަށް ކަމަށްވެސް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

"ކަން މިހެން އޮތުމުން މި މައްސަލައިގައި ކުރިމިނަލް ކޯޓުން އަދަބު ކަނޑައެޅުމުގައި ޖޫރިމަނާގެ އަދަބު މަތިކޮށްފައި ވަނީ، ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި އަހުރެން ނުދެކެން. އަދި މި ނުކުތާގައި

ޖޫރިމަނާގެ އަދަބު މަތި ކުރެވޭނެ ކަމުގައި ހައިކޯޓުން ދައްކާފައިވާ ހުއްޖަތްތަކަކީ ކުރިމިނަލް ކޯޓުން އެފަދައިން ބަޔާން ކޮށްފައިވާ ހުއްޖަތްތަކެއް ކަމުގައި ނުވާތީ، އެ ކަންކަން އަހުރެން ބަލައި ނުގަންނަން. ވުމާއެކު މި ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ގާނޫނާ އެއްގޮތް ކަމުގައި އަހުރެން ނުދެކެން،" ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.